އެއްފަހަރާ އެންމެ ގިނަ ބަޔަކު މޫދު އަޑީގައި ނޭވާ ހިފަހައްޓައިގެން ހެދި ފްރީ ޑައިވިން އާ ރިކޯޑް ރާއްޖެއާ ހަވާލުކޮށްފިއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ ފުރަތަމަ ލޯކަލް ޑައިވިން ސްކޫލް ކަމަށްވާ ފްރީ ޑައިވް މޯލްޑިވްސް އިން މިދިޔަ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހު ކުރިއަށްގެންދިޔަ މި ހަރަކާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އާއިލާ ހިމެނޭހެން 459 މީހުން ބައިވެރިވިއެވެ.
"ނޭވާ-2" ގެ ނަމުގައި ކުރިއަށް ގެންދިޔަ ހަރަކާތުގައި ހެދި މި ރިކޯޑް ރާއްޖެއާ ހަވާލުކޮށްދެއްވީ ރޭ ބޭއްވި "ނޭވާ-2" ފްރީ ޑައިވިންގެ ގާލާ ޑިނާ ނައިޓުގައި ގިނިސް ރެޕްރެޒެންޓޭޓިވް ސުވަކްނިލް ދަންރިކާއެވެ. އެ އެވޯޑާ ރާއްޖޭގެ ފަރާތުން ހަވާލުވީ ފްރީޑައިވް އޮފް މޯލްޑިވްސްގެ ފައުންޑަރު ފަހުދު ފާއިޒެވެ. އެ ހަފްލާގައި ރައީސް ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑުގެ ފަނޑިޔާރުން ފަނޑިޔާރުކަން ކުރި "ނޭވާ-2" ހަރަކާތް އެއްވަގުތެއްގައި ރާއްޖޭގެ 12 ރިސޯޓެއްގައި ކުރިއަށްދިޔައެވެ. މި ހަރަކާތުގެ ގްރޭންޑް އިވެންޓް ބޭއްވީ ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ. ކްރޮސްރޯޑްގައި ބޭއްވި ހަރަކާތުގައި 140 އަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ.
ރާއްޖެއިން ގާއިމުކުރީ ސްޓެޓިކް އެޕްނިއާގެ އާ ރެކޯޑެކެވެ. ސްޓެޓިކް އެޕްނިއާއަކީ ނުފީނާ، މޫދު އަޑީގައި ނޭވާ ހިފަހައްޓައިގެން އޮންނަ އުކުޅަށް ކިޔާ ނަމެވެ.
"ނޭވާ-2" ހަރަކާތުގައި ބައިވެރިވި 459 ބައިވެރިންގެ ތެރެއިން 455 ބައިވެރިން ވަނީ މޫދުގައި ނޭވާ ނުލައި ދެ މިނެޓު ހޭދަކޮށްފައެވެ. މިއީ އެއްފަހަރާ އެހާ ގިނަ އަދަދެއްގެ ބަޔަކު ދެ މިނެޓް ވަންދެން މޫދު އަޑީގައި ނޭވާ ހިފަހައްޓައިގެން ތިބި ފުރަތަމަ ފަހަރެވެ.
ރާއްޖެއިން މީގެ ކުރިން 2019 ވަނަ އަހަރުވެސް ފްރީ ޑައިވިންގެ ރެކޯޑެއް ގާއިމުކުރިއެވެ. އިޓަލީ އިން ހަދާފައިވާ އެ ރެކޯޑު މުގުރާލުމަށް ''ނޭވާ''ގެ ނަމުގައި ބަރޮސް މޯލްޑިވްސްގެ ފަޅުތެރޭ ކުރިއަށް ގެންދިޔަ ހަރަކާތުގައި 521 ބައިވެރިން 30 ސިކުންތަށް ތިން މީޓަރު ފުނަށް ވަނީ ފީނައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު