ބްރެޒިލްގެ ރިޔާސަތުގައި ހުންނަވަންވީ ބޭފުޅަކާމެދު މިހަފުތާގެ އާދީއްތަ ދުވަހު ރައްޔިތުންގެ ބަސް އިއްވައިފިއެވެ. އިންތިޚާބުގެ ނަތީޖާ ހޯމަދުވަހު ވަނީ ސާފުވެފައެވެ. ކަނާތުފިޔައިގެ ހައްދުފަހަނަޅާފައިވާ ރައީސް ޖައިރު ބޮލްސޮނާރޯގެ މައްޗަށް ވަރަށް ހަނިގޮތަކުން ކުރިހޯއްދެވީ ވާތުފިޔައިގެ ލޫލާ ޑަސިލްވާއެވެ. ލޫލާއަކީވެސް ކުރީގެ ރައީސެކެވެ. މިހާރު އެންމެން ނޭވާ ހިފަހައްޓާލައިގެން އެތިބީ ދެންވާނެ އެއްޗެއް ނޭނގޭތީއެވެ. މާކުރީއްސުރެވެސް ރައީސް ބޮލްސޮނާރޯ ވިދާޅުވަމުން ގެންދެވީ އޭނާ މޮޅުވެގެން ނިމޭ އިންތިޚާބެއްގެ ނަތީޖާ ނޫން ނަތީޖާއެއް ގަބޫލު ނުކުރައްވާނޭ ކަމުގައެވެ. ރައީސް ބޮލްސޮނާރޯގެ ބަލިވުމާމެދު އޭނާ އަދި އެއްޗެއް ވިދާޅެއް ނުވެއެވެ. ރިޔާސީ ގަނޑުވަރުން އަދި ފެންނަނީ ހިމޭންކަމެވެ. މިއީ ކުރިއަށްއޮތް ތޫފާނުގެ ވަރުގަދަކަން އަންގައިދޭ ސިގުނަލެއް ބާވައެވެ؟

މިފަހަރުގެ އިންތިޚާބަކީ ބްރެޒިލްގެ މުޅި ތާރީޚުގައިވެސް މިހާތަނަށް ބޭއްވުނު އެންމެ ބައިބައިވުން ބޮޑު، އުދާސްތައްވެސް އެންމެ ބޮޑު، އަދި ވާދަވެރިކަމާއި ހަސަދައިގެ އަލިފާންވެސް އެންމެ ވަރުގަދަ އިންތިޚާބެވެ. ނަތީޖާއިން ފެންނަގޮތުން ލޫލާއަށް ވޯޓުގެ 50.9 އިންސައްތަ ލިބިވަޑައިގެންފައިވެއެވެ. ރައީސް ބޮލްސޮނާރޯއަށް ހޯއްދެވުނީ 49.1 އިންސައްތައެވެ. އެއީ ގާތްގަޑަކަށް ދެމިލިޔަން ވޯޓުގެ ފަރަގެކެވެ. ލޫލާވަނީ އޭނާގެ ކާމިޔާބީ އިއުލާން ކުރައްވައިފައެވެ. އެމެރިކާއާއި ޔޫރަޕާއި ލެޓިން އެމެރިކާއާއި އޭޝިއާގެ އެންމެހައި ބޮޑެތި ބާރުތަކުން ވަނީ ނުހަނު އަވަހަށް ލޫލާއަށް ތަހުނިޔާ ކިޔައި އިންތިޚާބުގެ ސައްހަކަން ބޮޑުކަމަށް ބުނެފައެވެ. އެހާ އަވަހަށް ތަހުނިޔާ ކިޔުމުގެ ސިއްރަކީ ބަލި ގަބޫލުކުރައްވަން ރައީސް ބޮލްސޮނާރޯއަށް މަޖުބޫރު ކުރުވުމެވެ. ޗަރުކޭސް ކުޅުމަށް އޮތް މައިދާން ހަނިކުރުމެވެ.

ކޮންމެ ގޮތަކަށް އަމަލުކުރައްވަން ރައީސް ބޮލްސޮނާރޯ ނިންމެވިއަސް ލޫލާ މި ހޯއްދެވި ކާމިޔާބީ އަނެއްއަތަށް އަނބުރައިލެވޭނޭ ގާނޫނީ ޖާގައެއް ނެތެވެ. ލޫލާގެ އެނބުރި އައުމަކީވެސް އޭގެ ޒާތުގައި އަޖައިބެކެވެ. އެންމެފަހުން 2018 ވަނަ އަހަރު ބޭއްވުނު އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އޭނާގެ ކިބައިން އޮތީ ނިގުޅައިގަނެވިފައެވެ. ހުންނަވަން ޖެހިވަޑައިގަތީ ޖަލުގައެވެ. ކޮރަޕްޝަނުގެ އެތައް ކަމެއް ސާބިތުވެގެންނެވެ. ޖަލުގައި ދޮޅުއަހަރަށްވުރެ ގިނަ ދުވަސް ހޭދަކުރެއްވިފަހުން އޭނާގެ ހުކުމް ކޯޓުން ބާތިލުކޮށް މިނިވަންކުރީމާ މިފަހަރުގެ އިންތިޚާބުގައި ވާދަކުރެއްވޭގޮތް މެދުވެރިވީއެވެ. ބްރެޒިލްގެ ރައީސްކަން ލޫލާ ކުރައްވާފައިވަނީ 2003 ވަނަ އަހަރުން 2011 އަށެވެ. އޭނާއަކީ ކުރިން ފެކްޓަރީއެއްގެ އެންމެ އާދައިގެ މަސައްކަތު މީހެކެވެ.

ރައީސް ބޮލްސޮނާރޯ ވަކި އެއްޗެއް ވިދާޅުނުވިއަސް އޭނާގެ ސަޕޯޓަރުން ގަބޫލުކުރާގޮތުގައި ވޯޓުން ވައްކަންކުރީއެވެ. އިންތިޚާބު ވަގަށްނެގީއެވެ. މުއައްސަސާތަކާއި ލޫލާގެ ސަޕޯޓަރުން ގުޅިގެންނެވެ. އެހެންވީމާ ދެން ވާންޖެހޭގޮތަކީ ސިފައިން ނުކުމެ ލޫލާ ހައްޔަރުކޮށް ހަގީގަތް ހާމަކުރަންވީއެވެ. އެކަމަކު މިއީ ވުން ދުރުކަމެކެވެ. ބޮލްސޮނާރޯއަށް ރައީސްކަން ގެއްލުނަސް ބްރެޒިލްގެ ގާނޫނުހަދާ މަޖިލީހުގެ ގިނަ ގޮނޑިތަކެއް ކާމިޔާބުކުރީ ބޮލްސޮނާރޯގެ ޕާޓީންނެވެ. މިއީ ވެރިކަން ކުރައްވާއިރު ލޫލާއަށް ނުހަނު ގިނަގުނަ މައްސަލަތަކާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނޭ ކަމެކެވެ. ލޫލާ ކުރައްވަން އުޅުއްވާ ކޮންމެ ކަމަކަށް ގާނޫނުހަދާ މަޖިލީހުގެ ތެރެއިން ހުރަސްއެޅުން އޮންނާނެއެވެ. އެހެންވީމާ ރައީސްކަމުގައި ނެތަސް ބޮލްސޮނާރޯގެ ބާރު ދެންވެސް ބޮޑުކޮށް ދެމިއޮންނާނެއެވެ.

މިފަހަރުގެ އިންތިޚާބުން ކުރިހޯއްދެވި ލޫލާ މަގާމާއި ހަވާލުވެވަޑައިގަންނަވާނީ ޖެނުއަރީ އެއްވަނަ ދުވަހުއެވެ. އެހިސާބަށްދާން އަދި ބަރާބަރު ދެމަސްދުވަހުގެ މުއްދަތެއް އެބައޮތެވެ. އެހެންކަމުން ކޮންގްރެސްގެ ގޮނޑިގޮނޑިއަަށް އިންތިޚާބުވެފައިވާ މެންބަރުންނާ ޑީލް ހައްދަވައި އޭނާގެ އޮޑީގެ ހަފޮޅުން އެތެރެއަށް އެކަށީގެންވާ އަދަދެއްގެ މެންބަރުން ގެންނެވުމަށް އެކަށީގެންވާ މުއްދަތުވެސް އެބައޮތެވެ. ލޫލާއަކީ ޑީލް ހެއްދެވުމަށް ނިކަން ކުޅަދާނަ ބޭފުޅެކެވެ. އޭނާގެ ރަނިންމޭޓް، ނުވަތަ އައު ނާއިބުރައީސަށް ބަލައިލުމުންވެސް އެކަން މޭރުންވެއެވެ. ލޫލާގެ ރަނިންމޭޓަކަށް މިފަހަރު ހަމަޖެއްސެވީ މީގެކުރިން އަބަދުވެސް އޭނާގެ ހަތުރެއްކަމަށް އަދި ވާދަވެރިއެއްކަމަށް ގަބޫލުކުރެވިފައިވާ ބޭފުޅެކެވެ. މިއީ ގައުމީ އެއްބައިވަންތަކަމުގެ ސިފަ މިކެމްޕޭނަށް ގެންނެވުމަށް ކުރެއްވި ކަމެކެވެ.

ބްރެޒިލްއަކީ 215 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ވަރަށް ބިޔަ ގައުމެކެވެ. އެއީ ދެކުނު އެމެރިކާ ބައްރުގެ އެންމެ ބޮޑު އިގްތިސާދެވެ. އެއީ ދުނިޔޭގެ އިގްތިސާދުގެ އެއް އިންޖީނެވެ. ވޯޓުދިން މީހުންގެ ތެރެއިން 59 މިލިޔަން މީހުންގެ ހޮވުމަކީ ލޫލާކަމަށްވާއިރު 57 މިލިޔަން މީހުންގެ ހޮވުމަކީ ބޮލްސޮނާރޯއެވެ. މި ލައިނުން ގައުމު ދެބައިވެ ދާޚިލީ ހަމަނުޖެހުންތަކެއްގެ ތެރެއަށް ގެނބިގެން ދިޔުމަކީ މުޅި ދުނިޔެއަށްވެސް ގެއްލުމެކެވެ. އެހެންވީމާ ލޫލާ އެބަވިދާޅުވެއެވެ. ތިމަންނާ ވެރިކަން ކުރާނީ 59 މިލިޔަން މީހުންނަށްޓަކައެއް ނޫނެވެ. އެންމެނަށްޓަކައެވެ. ވޯޓުދިން މީހުންނާއި ނުދޭމީހުންނަށްޓަކައެވެ. މާޟީގައި އޭނާއާ ދޭތެރޭ ކޮންމެ ގޮތަކަށް ކަންކަން ހިނގާފައި އޮތަސް ބަދަލުހިފުމާއި ހަސަދަވެރިކަން ކުރިއަށް ނެރުމެއް ނޯންނާނެއެވެ. ކުރާނީ ގައުމު އެކަތިގަނޑަކަށް ހެދުމުގެ މަސައްކަތެވެ.