ތައުލީމާއި މަތީ ތައުލީމުގެ ދާއިރާއަށް މިހާތަނަށް ދެވޭ އެންމެ ބޮޑު ޖާގަ ކަނޑައަޅާފައިވާނީ 2023ގެ ބަޖެޓުގައި ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހަށް 2023 ވަނަ އަހަރުގެ ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ތައުލީމާއި މަތީ ތައުލީމުގެ ދާއިރާއަށް މިހާތަނަށް ދެވޭ އެންމެ ބޮޑު ޖާގަ ކަނޑައަޅާފައިވަނީ އަންނަ އަހަރުގެ ބަޖެޓުގައި ކަމަށެވެ.
އެގޮތުން 4.6 ބިލިއަން ރުފިޔާ އެ ދާއިރާއަށް ކަނޑައަޅާފައިވާއިރު، އޭގެ ތެރޭގައި ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އެއްހަމަ ކުރުމުގެ ސަބަބުން އިތުރުވި 636.2 މިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ތައުލީމީ ދާއިރާގެ އިމާރާތާއި ވަސީލަތްތައް ގާއިމުކުރުމަށްޓަކައި 142 ރަށެއްގައި 195 މަޝްރޫއެއް 2023 ވަނަ އަހަރު ހިންގަން ރާވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި 21 ރަށެއްގެ ސްކޫލްތަކުގެ އިމާރާތާއި ވަސީލަތްތައް ތަރައްގީކުރުމުގެ އާ މަޝްރޫއުތަކާއި އަލަށް އާބާދުވާ ސަރަހައްދުތަކުގައި މުޅިން އާ ސްކޫލުތައް ހެދުން ހިމެނޭ ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގައި ތިބެގެން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ވީހާވެސް ގިނަ ދަރިވަރުންނަށް ފަހިކޮށްދީފައިވާކަން ފާހަގަކުރައްވައި އަމީރު ވިދާޅުވީ، ހިލޭ ޑީގްރީ ޕްރޮގުރާމަށް އަންނަ އަހަރުގެ ބަޖެޓުގައިވެސް 166.7 މިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށެވެ.
އަދި މަތީ ތައުލީމު ހާސިލުކުރުމަށް ކުދިންނާއި މައިންބަފައިން ކުރަންޖެހޭ ހޭދަ ކުޑަކުރުމަށް ކުޑަ އިންޓަރެސްޓް ރޭޓެއްގައި ހުޅުވާލާފައިވާ ލޯނު ސްކީމް އަންނަ އަހަރުވެސް ކުރިއަށްދާނެ ކަމަށާއި އެކަމަށް 216.1 މިލިއަން ރުފިޔާ ބަޖެޓްގައި ހިމަނާފައިވާނެ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ޖުމުލަކޮށް ބަލާއިރު މަތީ ތައުލީމަށް އަމާޒުކުރެވޭ 856.6 މިލިއަން ރުފިޔާ ބަޖެޓްގައި ހިމެނޭނެ ކަމަށެވެ. އެއީ ދިވެހި ޒުވާނުންނަށް މަތީ ތައުލީމު ހޯދުމުގައި ހުރި ހުރަސްތައް ނައްތާލައި، އެމީހުންގެ ދިރިއުޅުން އަމިއްލައަށް ބައްޓަންކުރާ ގަދަރުވެރި ބަޔަކަށް ހެދުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު