ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ފަސް ބިލިއަން ރުފިޔާގެ ބަޖެޓެއް ހިމަނައިފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ކޮވިޑު-19ގެ އާލަމީ ވަބާއިން ދުނިޔެއަށް ލިބުނު ފިލާވަޅުން، ސަރުކާރުން އެންމެ އިސްކަމެއްދޭ އެއް ދާއިރާއަކީ ސިއްހީ ދާއިރާ ކަމަށެވެ. އެހެންކަމުން މުޅި ސިއްހީ ދާއިރާއަށް އަންނަ އަހަރުގެ ބަޖެޓުގައި ފަސް ބިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށް ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ސިއްހީ ހިދުމަތްތައް ލާމަރުކަޒުކޮށް، ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކެނޑިނޭޅި ސަރުކާރުން މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އެގޮތުން ފަސް ސަރަހައްދެއްގައި ޓާޝަރީ ފެންވަރަށް ހޮސްޕިޓަލުތައް ތަރައްގީކުރުމުގެ މަޝްރޫއު މިހާރު ފަށައިގެން ކުރިއަށްދާ ކަމަށްވެސް ވިދާޅުވިއެވެ.

"މި މަޝްރޫއުގެ ތެރެއިން ފަސް ހޮސްޕިޓަލުގެ ވަސީލަތްތަކާއި ހިދުމަތްތަކުގެ ފެންވަރު މިހާރުވެސް ވަނީ އެތައް ތަނެއް މަތިކޮށްފައި. މިއީ މަރުކަޒީ ސަރުކާރަށް ބަރޯސާނުވެ މިނިވަންކަމާ އެކު ހިންގޭނެ ތަންތަންކަން، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ހޯދަމުންދާ ކާމިޔާބީން ދޭހަކޮށްދޭ." އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ޓާޝަރީ ފެންވަރަށް ތަރައްގީކުރާ ފަސް ހޮސްޕިޓަލުގެ ބަޖެޓު 2018 ވަނަ އަހަރާ އަޅައިބަލާއިރު، އަންނަ އަހަރު ތިން ގުނަ ބޮޑުވާނެ ކަމަށާއި އެއާއެކު ހިދުމަތްތަކުގެ އަދަދާއި ފެންވަރުވެސް ރަނގަޅުވާނެ ކަމަށެވެ.

ރަނގަޅު ސިއްހީ ފަރުވާ ލިބިގެން ދިއުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެވެސް އެދުމެއް ކަމަށާއި ރައްޔިތުންނާ އެންމެ ގާތުން ސިއްހީ ހިދުމަތް ލިބޭނެކަން ކަށަވަރުކުރުމުގެ ގޮތުން 132 ރަށެއްގެ ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒު އަޕްގުރޭޑްކުރުމަށްވެސް 2023 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ ކަމަށްވެސް އަމީރު ވިދާޅުވިއެވެ. އޭގެ ތެރޭގައި ސިއްހީ ދާއިރާއަށް ބޭނުންވާ އުމްރާނީ ތަރައްގީ ގެނައުމާއި ވަސީލަތްތައް މުއްސަނދިކޮށް ހިދުމަތް ފުޅާކޮށް ފެންވަރު ރަނގަޅުކުރުން ހިމަނާފައިވެއެވެ.

ސިއްހީ ދާއިރާގެ އުމްރާނީ ވަސީލަތްތަށް ގާއިމުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި 724.9 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ. މިއީ ޕީއެސްއައިޕީ ބަޖެޓުގެ 8.6 ޕަސެންޓެވެ.

އޭގެ އިތުރުން ކުޅުދުއްފުއްޓާއި ގދ. ތިނަދޫގައި އަލަށް އިމާރާތްކުރާ ޓާޝަރީ ހޮސްޕިޓަލާއި އެ ފެންވަރަށް ހޮސްޕިޓަލްތައް ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން، ލ. ގަން، ގދ. ތިނަދޫ، ހދ. ކުޅުދުއްފުށި، އަދި ރ. އުނގޫފާރުގައި ކުރިއަށްދާ މަޝްރޫއުތައް ހިމެނެއެވެ.

އަންނަ އަހަރު އަލަށް ފަށާ މަޝްރޫއުތަކުގައި ހިމެނޭ ހުޅުމާލޭ ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރު ގާއިމުކުރުމާއި އެ ހޮސްޕިޓަލުގެ އައިސީޔޫއާއި އެންއައިސީޔޫ ހިދުމަތްތައް ފެށުމަށް ޑޮމެސްޓިކް ބަޖެޓުން 35.1 މިލިއަން ރުފިޔާ ހަރަދުކުރުމަށް ވަނީ ނިންމައިފައެވެ. މީގެ ތެރޭގައި ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓަރު ބޮޑުކުރުމާއި އައިސީޔޫގެ މަސައްކަތްތައް ކުރުމަށް ވަނީ ހިމަނައިފައެވެ.