ގުޅިފަޅު ހިއްކުމަށާއި ރާއްޖޭގެ މައި ސީޕޯޓު ތަރައްގީކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި 959 މިލިއަން ރުފިޔާ ހިމަނައިފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވީ އިގުތިސާދީ ހަރަކާތްތައް އިތުރުކޮށް ހުއްޓުމެއް ނެތި ހިންގުން މުހިންމު ކަމަށެވެ.

އެގޮތުން ގުޅީފަޅުގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ޕޯޓާއި މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލައި ބްރިޖުގެ މަސައްކަތްތައް މިހާރު ފަށާފައިވާއިރު، މި މަޝްރޫއުތަކަކީ އިގުތިސާދީ ވިލުންވެރިކަން އިތުރުކުރުމަށް އެޅޭ މުހިންމު ބިންގަލެއް ކަމަށް ވިދާޅުވިއެވެ.

"މިކަމުން މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އަންނަ އަހަރު ބޮޑު ހައްލެއް ލިބިގެންދާނެ." އޭނާ ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައި އޮންނަ ގައުމެއް ކަމަށްވާއިރު އިމްޕޯޓު މުދާ ހެޔޮއަގުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށާއި މުދަލުގެ އަގުތަކަށް އަންނަ ބަދަލު ކުޑަކުރުން މުހިންމު ކަމަށެވެ. އެކަން ހާސިލުކުރުމަށް ޕޯޓު އެފިޝަންޓްވުމަކީ މުހިންމު ކަމަކަށްވާތީ، ގުޅީފަޅު ހިއްކުމަށާއި ރާއްޖޭގެ މައި ސީޕޯޓް ތަރައްގީކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި 959.2 މިލިއަން ރުފިޔާ ކަނޑައަޅާފައިވާނެ ކަމަށް ވިދާޅުވިއެވެ.

ގުޅީފަޅުގައި ސަރުކާރުން ގާއިމުކުރާ ޕޯޓުގެ މަސައްކަތް ނިންމައި، 2023 ވަނަ އަހަރު ނިމުމުގެ ކުރީން އެ ބަނދަރުގެ ހިދުމަތް ދޭން ފަށަން ސަރުކާރުން ވަނީ ނިންމައިފައެވެ.