2023 ވަނަ އަހަރުގެ ބަޖެޓަކީ ކޮވިޑަށްފަހު ދައުލަތުގެ ރިކަރަންޓު ހަރަދު އާމްދަނީން ފޫބެއްދޭނެ ފުރަތަމަ ބަޖެޓު ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ފިނޭންސް މިނިސްޓަރު މިހެން ވިދާޅުވީ، އަންނަ 2023 ވަނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުގެ ދައުލަތުގެ ބަޖެޓް ހުށަހަޅުއްވަމުން ދެއްވި ބަޖެޓް ބަޔާނުގައެވެ.
މިނިސްޓަރު ވިދާޅުވީ، 2023 ގެ ބަޖެޓު އެކުލަވާލުމުގައި ބަލާފައިވާނީ މެދުރާސްތާގައި ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ދަމަހައްޓައި، ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމުގެ މައްޗަށް ކަމަށެވެ.
ކޮވިޑް-19 އާއެކު އިގްތިސާދު މެނޭޖްކުރުމަށް އެޅި ފިޔަވަޅުތަކަކީ އިގްތިސާދު ދަމަހައްޓައި، ރާއްޖޭގެ ވިޔަފާރިތަކާއި ރައްޔިތުން ސަލާމަތްކުރުމަށް އޭރު ކޮންމެހެން ކުރަން ޖެހުނު ކަމެއް ކަމަށާއި، އެ އިސްލާހީ ފިޔަވަޅުތައް މެދުރާސްތާގައި ގެންނަން ޖެހޭނެކަން އޭރުވެސް ހާމަކުރަމުންގެންދެވި ކަމަށްވެސް ވިދާޅުވިއެވެ.
"ފިސްކަލް ސްޓްރެޓެޖީގައި އަޅުގަނޑުމެން ހުށަހަޅާފައިވާ ޓާގެޓްތައް ހާސިލުކުރުމަށް ސިޔާސަތުތަކަށް ބަދަލު ގެންނަން ޖެހޭ، ކުރިމަތިވަމުންދާ ގޮންޖެހުންތަކާއެކު، މި ބަދަލުތައް އަވަސް ކުރަންޖެހޭ، ރާއްޖޭގެ އިގުތިސާދު ކޮވިޑް-19ގެ ކުރީގެ ލެވެލަށް ވާސިލުވެ، އިގްތިސާދު ހަމައަކަށް އެޅެމުންއެބަދޭ، މިދަނޑިވަޅު، ކޮވިޑް-19 އާއެކު ބޮޑުވެފައިވާ ބަޖެޓުގެ ޑެފިސިޓް ކުޑަކޮށް، ދެމެހެއްޓެނިވި މިންގަނޑުތަކަށް ބަޖެޓު ގެނައުން ލާޒިމް، ވުމާއެކު، ބަޖެޓް 2023ގައި ހުށަހަޅާފައިވާނީ ބަޖެޓް ޑެފިސިޓް ކުޑަކޮށް، ދެމެހެއްޓިނިވި މިންގަނޑަކަށް ގެނައުމަށް، ޕްރައިމަރީ ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 5 އިންސައްތައަށް ވުރެ ތިރިކޮށް، ދައުލަތުގެ އާމްދަނީން ރިކަރަންޓް ހަރަދު ފޫބެއްދުމަށް، މި ކަމަށްޓަކައި ދައުލަތުގެ ބަޖެޓުން ހަ ބިލިއަން ރުފިޔާގެ އެޖަސްޓްމަންޓެއް ގެންނަން ޖެހޭ،" ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.
މިގޮތުން، އާމްދަނީ އިތުރުކުރުމަށް ޖީއެސްޓީ ރޭޓުތައް ބަދަލުކުރުން ބަޖެޓުގައި ހިމަނާފައިވާނެ ކަމަށާއި، މި ބަދަލުން، އާމްދަނީއަށް 3.6 ބިލިއަން ރުފިޔާ އިތުރުކުރުމަށް ހުށަހަޅާފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ. އޭގެ އިތުރުން ތިން ބިލިއަން ރުފިޔާގެ ހަރަދުތައް ކުޑަކުރުމަށް ހުށަހަޅާފައިވާނެ ކަމަށާއި، ހަރަދަށް ގެންނަން ހުށަހަޅާ ބަދަލުތަކުގެ ތެރޭގައި، ތެލަށް ދެވޭ ސަބްސިޑީ ޓާގެޓެޑް ސަބްސިޑީއަކަށް ބަދަލުކުރުމާއި، އާސަންދަ އާއި ބޭސްގަތުމަށްކުރާ ހަރަދުކުޑަކުރުން ހިމެނެއެވެ. އަދި އަގުހެޔޮކޮށް، ބޭސް ހޯދޭނެ ގޮތްތައް ހޯދުމާއި، އާސަންދައިގެ ބޭސްލައިން އަގުތައް މުރާޖައާކުރުން ފަދަ ސިޔާސަތުތަކަށް ގެންނަ ބަދަލުތައް ހިމެނޭ ކަމަށްވެސް ވިދާޅުވިއެވ.
"މިފިޔަވަޅުތަކުން، 2023 ވަނަ އަހަރުގެ ބަޖެޓުން މާލީ ދެމެހެއްޓެނިވިކަން އިތުރުކުރެވިގެންދާނެ، ނަތީޖާއެއްގެ ގޮތުން، 2023 ގެ ބަޖެޓު ވެގެންދާނީ އުއްމީދީ ބަޖެޓަކަށް، ސަބަބަކީ ބަޖެޓުގައި ގިނަގުނަ ކަންކަން ރޭވިފައިވުން، ކޮންމެ ދާއިރާއަކުން ބޭނުންވާ ހައްލުތަކަށް މަސައްކަތްކުރުމަށް ބަޖެޓުކުރެވިފައިވުން، އަދި މި ބަޖެޓަކީ ކޮވިޑް-19ގެ އިގްތިސާދީ އަޑިގަނޑަށްފަހު ދައުލަތުގެ ރިކަރަންޓް ހަރަދު އާމްދަނީން ފޫބެއްދޭނެ ފުރަތަމަ ބަޖެޓު،"
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު