އަންނަ 2023 އަށް ހުށަހެޅީ ޑެފިސިޓް ކުޑަ ބަޖެޓެއް ކަމަށާއި ނަމަވެސް އާމްދަނީއާއި ހަރަދުގެ ސިޔާސަތުން ހަ ބިލިއަން ހޯދަން އަމާޒު ހިފާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓު މިއަދު މަޖިލީހަށް ހުށަހަޅުއްވަމުން އަމީރު ވިދާޅުވީ ރާއްޖޭގެ އިގުތިސާދު ކޮވިޑް-19ގެ ކުރިން ހުރި މިންވަރަށް ވާސިލުވެ، އިގުތިސާދު ހަމައަކަށް އެޅެމުންދާ ކަމަށާއި މި ދަނޑިވަޅުގައި ކޮވިޑް-19 އާއެކު ބޮޑުވެފައިވާ ބަޖެޓުގެ ޑެފިސިޓް ކުޑަކޮށް، ދެމެހެއްޓެނިވި މިންގަނޑުތަކަށް ބަޖެޓު ގެނައުން ލާޒިމު ކަމަށެވެ.
އެހެންކަމުން އަންނަ އަހަރަށް ލަފާކޮށް މިއަދު ހުށަހެޅި ބަޖެޓް ހުށަހަޅާފައިވާނީ ބަޖެޓް ޑެފިސިޓް ކުޑަކޮށް، ދެމެހެއްޓިނިވި މިންގަނޑަކަށް ގެނައުމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެގޮތުން ޕްރައިމަރީ ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން ފަސް ޕަސެންޓަށް ވުރެ ތިރިކޮށް، ދައުލަތުގެ އާމްދަނީން ރިކަރަންޓް ހަރަދު ފޫބެއްދުމަށް ދައުލަތުގެ ބަޖެޓުން ހަ ބިލިއަން ރުފިޔާގެ އެޖަސްޓްމަންޓެއް ގެންނަން ޖެހޭ ކަމަށާއި އަންނަ އަހަރުގެ ބަޖެޓުގައި ރާވާފައިވަނީ މި އެޖަސްޓްމަންޓް، އާމްދަނީއާއި ހަރަދުގެ ސިޔާސަތުތަކުން ބަހާލައިގެން އެއްވަރަކަށް ގެނައުމަށް ކަމަށްވެސް ވިދާޅުވިއެވެ.
"މި ފިޔަވަޅުތަކުން 2023 ވަނަ އަހަރުގެ ބަޖެޓުން މާލީ ދެމެހެއްޓެނިވިކަން އިތުރުކުރެވިގެންދާނެ. 2023ގެ ބަޖެޓު ވެގެންދާނީ އުއްމީދީ ބަޖެޓަކަށް. ސަބަބަކީ ބަޖެޓުގައި ގިނަގުނަ ކަންކަން ރޭވިފައިވުން. ކޮންމެ ދާއިރާއަކުން ބޭނުންވާ ހައްލުތަކަށް މަސައްކަތްކުރުމަށް ބަޖެޓު ކުރެވިފައިވުން" އަމީރު ވިދާޅުވިއެވެ.
ބަޖެޓު ޑެފެސިޓް ކުޑަކުރުމަށްޓަކައި ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ޖީއެސްޓީ ރޭޓުތައް ބަދަލުކުރުން ބަޖެޓުގައި ވަނީ ހިމަނައިފައެވެ. މި ބަދަލުން އާމްދަނީއަށް 3.6 ބިލިއަން ރުފިޔާ އިތުރުކުރުމަށް ހުށަހަޅާފައިވާއިރު ތިން ބިލިއަން ރުފިޔާގެ ހަރަދުތައް ކުޑަކުރުމަށް ވަނީ ހުށަހަޅައިފައެވެ.
އަމީރު ވިދާޅުވި ގޮތުގައި ހަރަދަށް ގެންނަން ހުށަހަޅާ ބަދަލުތަކުގެ ތެރޭގައި ތެލަށް ދޭ ސަބްސިޑީ ޓާގެޓެޑް ސަބްސިޑީއަކަށް ބަދަލުކުރުމާއި އާސަންދައާއި ބޭސްގަތުމަށްކުރާ ހަރަދުކުޑަކުރުން ހިމެނެއެވެ. އެގޮތުން އަގުހެޔޮކޮށް ބޭސް ހޯދޭނެ ގޮތްތައް ހޯދުމާއި އާސަންދައިގެ ބޭސްލައިން އަގުތައް މުރާޖައާކުރުން ފަދަ ސިޔާސަތުތަކަށް ގެންނަ ބަދަލުތައް ހިމެނޭ ކަމަށާއި އޭގެ އިތުރުން، ޖުމުލަ ގޮތެއްގައި ހަރަދުތައް ކުޑަކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ދަމަހައްޓައި، ހަރަދުގެ އެފިޝަންސީ މަތިކުރުމުގެ މަސައްކަތްކުރެވޭނެ ކަމަށް އަމީރު ވިދާޅުވިއެވެ.
"މި ބަޖެޓަކީ ކޮވިޑް-19ގެ އިގުތިސާދީ އަޑިގަނޑަށްފަހު ދައުލަތުގެ ރިކަރަންޓް ހަރަދު އާމްދަނީން ފޫބެއްދޭނެ ފުރަތަމަ ބަޖެޓު،" އަމީރު ވިދާޅުވި އެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވަނީ 42.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ލޯނުތައް ދެއްކުމަށް ފައިސާ އުނިކުރުމަށްފަހު ދައުލަތުގެ ސީދާ ހަރަދުތަކަށް ބަޖެޓުކޮށްފައި ވަނީ 40.6 ބިލިއަން ރުފިޔާއެވެ. އަންނަ އަހަރުގެ ޑެފިސިޓް 8.5 ބިލިއަން ރުފިޔާއަށް ކުޑަކުރެވޭނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައިވާއިރު، މިއީ ޖީޑީޕީގެ ނިސްބަތުން 8.1 ޕަސެންޓެވެ. ބަޖެޓުގެ ޕްރައިމަރީ ޑެފިސިޓަކީ ފަސް ބިލިއަން ރުފިޔާ އެވެ. މިއީ ފިސްކަލް ސްޓްރެޓެޖީގެ ޓާގެޓާ އެއްގޮތަށް ޖީޑީޕީގެ ނިސްބަތުން 4.8 ޕަސެންޓެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު