މިއަހަރު ލިބޭނެ ކަމަށް މިހާރު އަންދާޒާ ކުރެވެނީ 26.4 ބިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވަނީ 24.7 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން މިއަހަރުގެ މިހާތަނަށް ލިބިފައިވަނީ 21.2 ބިލިއަން ރުފިޔާއެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓު މަޖިލީހަށް ހުށަހަޅުއްވަމުން އަމީރު މިއަދު ވިދާޅުވީ މި އަހަރަށް ފާސްކުރި ބަޖެޓުގައި އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ މިންވަރަށްވުރެ އިތުރަށް މިހާތަނަށް އާމްދަނީ ލިބިފައިވާ ކަމަށެވެ. މީގެ ސަބަބަކީ ރާއްޖޭގެ ޓޫރިޒަމާއި ވިޔަފާރިތައް ރަނގަޅުވުމާއި ވަކިން ހާއްސަކޮށް ޓީޖީއެސްޓީން ލިބޭ އާމްދަނީ މަތިވުން ކަމަށް ވިދާޅުވިއެވެ.

ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާގޮތުން ޓެކްސް އާމްދަނީން މި އަހަރު ލިބޭނެ ކަމަށް އަންދާޒާކުރި އަދަދު މިހާރު ވަނީ ގާތްގަނޑަކަށް ހަމަވެފައެވެ. އެގޮތުން ޓެކުހުން މިއަހަރު 15.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބުނެފައިވާ އިރު، 13 އޮކްޓޯބަރުގެ ނިޔަލަށް 15.2 ބިލިއަންގެ އާމްދަނީއެއް ވަނީ ލިބިފައެވެ.

ދައުލަތުގެ އާމްދަނީ މިއަހަރު އިތުރުވާނެ ކަމަށް އަންދާޒާކޮށްފައިވާއިރު މި އަހަރުގެ ބަޖެޓު 42.8 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭތީ ބަޖެޓު ފޫބައްދަން އިތުރު 5.2 ބިލިއަން ރުފިޔާ ބޭނުންވާ ކަމަށްވެސް މިިނިސްޓަރު މިއަދު ހާމަކުރެއްވިއެވެ.

އަމީރު ވިދާޅުވީ މި އަންދާޒާތަކާއެކު 2022 ވަނަ އަހަރުގެ ބަޖެޓުގެ ޑެފިސިޓް ހުންނާނެ ކަމަށް ބެލެވެނީ 13.6 ބިލިއަން ރުފިޔާގައި ކަމަށެވެ. އެއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 14.3 ޕަސެންޓެވެ.