2022ގެ ބަޖެޓުގެ ޖުމުލަ 42.8 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށާއި ބަޖެޓް ފޫބައްދަން 5.8 ބިލިއަން އިތުރުކުރަންޖެހޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހަށް 2023 ވަނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށަހަޅުއްވަމުން އަމީރު މިއަދު ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ސަރުކާރުން ތެލުގެ ސަބްސިޑީއަށް ކުރަން ޖެހޭ ހަރަދުތައް އިތުރުވެފައިވާ ކަމަށާއި ކޮވިޑް-19 ގެ ސަބަބުން ދިމާވި ދަތުރުފަތުރާއި ލޮޖިސްޓިކްސްއަށް ހުރި ހުރަސްތައް ނެތުމާއެކު، ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތައް ބާރަށް ހިނގައިގަނެ، އެމަޝްރޫއުތަކުގެ ހަރަދު އިތުރުވެއްޖެ ކަމަށެވެ.
އެ ސަބަބުތަކާއެކު 2022 ވަނަ އަހަރުގެ ބަޖެޓު 42.8 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވޭ ކަމަށާއި އެހެންކަމުން މިއަހަރުގެ ބަޖެޓަށް އިތުރަށް ފައިސާ ބޭނުންވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"2022 ގެ ބަޖެޓު ފޫބެއްދުމަށް 5.8 ބިލިއަން ރުފިޔާ އިތުރުކުރަން ޖެހޭ. މި އިތުރުވުން ފައިނޭންސް ކުރާނީ މަޝްރޫއުތަކަށް ލިބިފައިވާ ލޯނުތަކުންނާއި ޑޮމެސްޓިކް މާކެޓުން ފައިނޭންސިން ހޯދައިގެން" އަމީރު ވިދާޅުވި އެވެ.
މިއަހަރަށް ފާސްކޮށްފައިވަނީ 36.99 ބިލިއަން ރުފިޔާގެ ބަޖެޓެވެ. އެ ބަޖެޓުގައި ދައުލަތުގެ ހަރަދުތަކަށް 34.1 ބިލިއަން ރުފިޔާ ފާސްކޮށްފައިވާއިރު އަހަރުގެ މިހާތަނަށް 28.33 ބިލިއަން ރުފިޔާއަށް ވުރެ އިތުރަށް ވަނީ ހަރަދުކޮށްފައެވެ.
އަމީރު ވިދާޅުވީ 2022 ވަނަ އަހަރުގެ ބަޖެޓު އިތުރުވި ނަމަވެސް، ދައުލަތުގެ އާމްދަނީވެސް ފާސްކުރި ބަޖެޓުގައިވާ މިންވަރަށްވުރެ އިތުރުވެފައިވާ ކަމަށެވެ. އެގޮތުން މިއަހަރަށް 24.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވީ ނަމަވެސް އެ އަދަދު 26.4 ބިލިއަން ރުފިޔާ އަށް އިތުރުވާނެ ކަމަށް މިހާރު އަންދާޒާ ކުރެވޭ ކަމަށެވެ. އާމްދަނީ ރަނގަޅުވެފައިވަނީ އަންދާޒާ ކުރި މިންވަރަށްވުރެ ރާއްޖޭގެ ޓޫރިޒަމާއި ވިޔަފާރިތައް ރަނގަޅުވެފައިވާތީ ކަމަށާއި ވަކިން ހާއްސަކޮށް ޓީޖީއެސްޓީން ލިބޭ އާމްދަނީ މަތިވުމުގެ ސަބަބުން ކަމަށްވެސް ވިދާޅުވި އެވެ.
އަމީރު އިތުރަށް ވިދާޅުވީ 2022 ވަނަ އަހަރުގެ ބަޖެޓުގެ ޑެފިސިޓް ހުންނާނެކަމަށް ބެލެވެނީ 13.6 ބިލިއަން ރުފިޔާގައި ކަމަށެވެ. މިއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 14.3 އިންސައްތަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު