ފިއުލް ސަބްސިޑީއަށް ބަޖެޓުކުރީ 342 މިލިއަން ރުފިޔާ ކަމަށާއި އަހަރުގެ ނިމޭއިރު 2.3 ބިލިއަން ރުފިޔާއަށްވުރެ މަތިވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ
2023 ވަނަ އަހަރަށް ލަފާކުރާ ބަޖެޓު، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން މިނިސްޓަރު އަމީރު މިއަދު ވިދާޅުވީ ސަރުކާރުން އަންނަނީ ކޮވިޑު19ގެ ތަދުމަޑުކަމުން އަރައިގަންނަ މިންވަރަކުން ބަޖެޓުގެ ޑެފިސިޓްވެސް ކުޑަކުރަމުން ކަމަށާއި 2022 ވަނަ އަހަރުގެ ބަޖެޓާވެސް ސަރުކާރުން ކުރިމަތިލީ ބަޖެޓުގެ ޑެފިސިޓް ކުޑަކޮށް ދަރަނީގެ މިންވަރު ކުޑަކުރުމަށް އަމާޒުތަކެއް ކަނޑައަޅައިގެން ކަމަށެވެ.
ނަމަވެސް އަހަރު ފެށުނު ތަނާހެން ކުރިމަތިވި ރަޝިޔާ-ޔުކްރެއިން ހަނގުރާމައާ އެކު ތެލާއި ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ދިއުމުގެ ސަބަބުން، ބަޖެޓަށް ބާރުބޮޑުވެ އިތުރު އިގުތިސާދީ ގޮންޖެހުންތަކަކާއި ކުރިމަތިވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައިސްފައިވާ ބަދަލުތަކާއެކު ތެލުގެ ސަބްސިޑީއަށް ސަރުކާރުން ކުރާ ހަރަދު މިއަހަރުގެ ނިޔަލަށް 2.3 ބިލިއަން ރުފިޔާއަށްވުރެ މަތިވާނެކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. މިއަހަރު ފިއުލް ސަބްސިޑީއަށް ބަޖެޓުކޮށްފައިވަނީ 342 މިލިއަން ރުފިޔާއެވެ.
ތެލުގެ ސަބްސިޑީއަށް ސަރުކާރުން ކުރަންޖެހޭ ހަރަދު ބޮޑުވެ ސަބްސިޑީ ދިނުމުގެ އުސޫލު އިސްލާހުކުރުމުގެ ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެގޮތުން ސަރުކާރުންދޭ ތެލުގެ ސަބްސިޑީ، އެންމެ ބޭނުންޖެހިފައިވާ ރައްޔިތުންނަށް ލިބޭނެ ގޮތަށް، ސަބްސިޑީގެ ސިޔާސަތު ބަދަލު ކުރުން މުހިއްމުކަމުގައި ދެކި ވަޑައިގަންނަވާ ކަމަށާއި އެ ބަދަލު ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރަހިމް މުހައްމަދު ސޯލިހު ވަނީ މިދިޔަ ޖުލައި މަސްތެރޭގައި ވިދާޅުވެފަ އެވެ.
މިއަދު މަޖިލީހުގައި ވާހަކަދައްކަވަމުން، ތެލުގެ ސަބްސިޑީ އިންޑައިރެކްޓް ސަބްސިޑީއަކުން ޑައިރެކްޓް ސަބްސިޑީއަކަށް ބަދަލުކުރުމުގެ އިންތިޒާމް ހަމަޖެއްސުމުގެ އަމަލީ މަސައްކަތްތައް ކުރަމުންގެންދާ ކަމަށް އަމީރު ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ މި ބަދަލު ނުގެންނަނަމަ، އަންނަ އަހަރު ތެލުގެ ސަބްސިޑީއަށް 1.8 ބިލިއަން ރުފިޔާ ހަރަދުކުރަން ޖެހޭނެ ކަމަށެވެ. ނަމަވެސް، އިސްލާހުތަކާއެކު، ސަބްސިޑީ ނިޒާމް ދެމެހެއްޓެނިވި ނިޒާމަކަށް ބަދަލުކޮށް، ތެލުގެ ސަބްސިޑީއަށް 2023 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނީ 588.2 މިލިއަން ރުފިޔާ ކަމަށްވެސް ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު