މި އަހަރު ނިމޭއިރު ރަސްމީ ރިޒާވް ހުންނާނީ 638 މިލިއަން ޑޮލަރުގައި ކަމަށާއި 2023 ގައި އެ އަދަދު ހުންނާނީ 606 ގައި ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މި އަދަދަކީ އަހަރު ނިމޭއިރު ރަސްމީ ރިޒާވް ހުންނާނެ ކަމަށް މިއަހަރުގެ ބަޖެޓުގައި ލަފާކޮށްފައިވާ އަދަދަށްވުރެ 52 މިލިއަން ޑޮލަރު ދަށް އަދަދެކެވެ. 2022 ވަނަ އަހަރުގެ ބަޖެޓުގައި ލަފާކޮށްފައިވާ ގޮތުގައި އަހަރު ނިމޭއިރު ރަސްމީ ރިޒާވްގައި 690 މިލިއަން ޑޮލަރު ހުންނާނެއެވެ.

2023 ވަނަ އަހަރަށް ސަރުކާރުން ލަފާކުރާ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން މިނިސްޓަރު އަމީރު މިއަދު ވިދާޅުވީ ރާއްޖޭގެ މާލީ އަދި އިގުތިސާދީ ސިޔާސަތުތައް ބެލެހެއްޓުމުގެ އެންމެ މުހިއްމު އެއް ބަހާއަކީ ރާއްޖޭގެ ރަސްމީ ރިޒާވް ކަމަށާއި ނަމަވެސް ކޮވިޑަށްފަހު މިހާރު ރާއްޖޭގެ އިގުތިސާދީ ހަރަކާތްތައް ހަލުވިވެ، އިމްޕޯޓް އިތުރުވެއްޖެ ކަމަށެވެ. އިމްޕޯޓް މުދަލުގެ އަގުތައް، ވަކިން ހާއްސަކޮށް ތެލުގެ އަގު، މަތިވެއްޖެ ކަމަށާއި ނަތީޖާއެއްގެ ގޮތުން ކުރުމުއްދަތުގައި ރަސްމީ ރިޒާވް އިތުރުކުރުމަށް ހުރަސްތަކެއް އެބަހުރި ކަމަށް ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ އެ ހުރަސްތައް ހުރިނަމަވެސް ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކާއެކު ރާއްޖޭގެ ރިޒާވް އެކަށީގެންވާ މިންގަނޑެއްގައި ހިފެހެއްޓޭނެ ކަމަށެވެ. އެގޮތުން 2022 ވަނަ އަހަރު ނިމޭއިރު، ރާއްޖޭގެ ރަސްމީ ރިޒާވް ހުންނާނެކަމަށް ބެލެވެނީ 638 މިލިއަން އެމެރިކާ ޑޮލަރުގައި ކަމަށާއި 2023 ވަނަ އަހަރު ރަސްމީ ރިޒާވް ހުންނާނެކަމަށް ބެލެވެނީ 606 މިލިއަން އެމެރިކާ ޑޮލަރުގައި ކަމަށްވެސް ވިދާޅުވި އެވެ.

"މި މިންވަރުގައި ރާއްޖޭގެ ފައިސާގެ އަގު ހިފެހެއްޓި، އިގުތިސާދީ މަސައްކަތްތަކަށް ބޭނުންވާ ބޭރު ފައިސާގެ ސަޕްލައި ދަތިނުވާނެ މިންވަރަށް ހުންނާނެ" އަމީރު ވިދާޅުވި އެވެ.

ސަރުކާރުން އަންދާޒާ ކުރިވަރަށްވުރެ ބޮޑަށް ރާއްޖޭގެ ރިޒާވް ދަނީ ދަށްވަމުންނެވެ. ރިޒާވް އެހާ ބޮޑަށް ދަށްވާން ދިމާވާ މައިގަނޑު އެއް ސަބަބަކީ ރާއްޖެއަކީ ތެލަށް ބަރޯސާވެފައިވެ ތެޔޮ އިމްޕޯޓުކުރާ ގައުމަކަށްވާއިރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުވެ.