އަންނަ 2023 ވަނަ އަހަރު އިންފްލޭޝަން ރޭޓް ހުންނާނެކަމަށް ބެލެވެނީ 5.4 ޕަސެންޓުގައި ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން މިނިސްޓަރު އަމީރު މިއަދު ވިދާޅުވީ، ދުނިޔޭގެ އިގްތިސޯދަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ކަމަށާއި އެކި ގައުމުތަކުގެ އިންފްލޭޝަން ރޭޓް މަތިވަމުންދާ ކަމަށެވެ. އެގޮތުން، އެމެރިކާގެ އިންފްލޭޝަން ރޭޓް ވަނީ ވޭތުވެދިޔަ 40 އަހަރު ނުދާހާ މައްޗަށް ގޮސް. 8.2 ޕަސަންޓަށް މަތިވެފައިކަމަށާއި ވިލާތުގެ ގައުމުތަކުގެ އިންފްލޭޝަން ރޭޓުހުރީ 9.9 ޕަސަންޓުގައި ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އިންފްލޭޝަން ކޮންޓްރޯލް ކުރުމަށް އެމެރިކާއާއި ވިލާތުގެ ގައުމުތަކުން، އިންޓަރެސްޓް ރޭޓް މީގެ ކުރިން މަތި ނުކުރާ މިންވަރަށް މަރިކުރަމުންދާ ކަމަށާއި އެކަމުގެ ގެއްލުން ތަރައްގީވަމުން އަންނަ ގައުމުތަކަށް ކުރާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ އިގްތިސޯދީ ހާލަތު ރަނގަޅުވަމުން އައިނަމަވެސް، ދުނިޔޭގެ ބާޒާރުގައި ތެލާއި ތަކެތީގެ އަގުތައް އުފުލުމުގެ ސަބަބުން،
ސަބްސިޑީ އާއި ސަރުކާރުގެ އެކި ސިޔާސަތުތަކުގެ ސަބަބުން ދުނިޔޭގެ އެހެން ގައުމުތަކާ އަޅައިބަލާއިރު ރާއްޖޭގައި އިންފްލޭޝަންގެ އިހްސާސް ކުޑަކަމަށެވެ.
"2023 ވަނަ އަހަރު އިންފްލޭޝަން ރޭޓް ހުންނާނެކަމަށް ބެލެވެނީ 5.4 އިންސައްތައިގައި. ނަމަވެސް މެދުރާސްތާގައި އިންފްލޭޝަންގެ އަސަރު ކުޑަކުރެވޭނެ" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ރާއްޖޭގެ މާލީ އަދި އިގްތިސޯދީ ސިޔާސަތުތައް ބެލެހެއްޓުމުގެ އެންމެ މުހިއްމު އެއް ބަހާއަކީ ރާއްޖޭގެ ރަސްމީ ރިޒާވް ކަމަށާއި ކުރުމުއްދަތުގައި ރަސްމީ ރިޒާވް އިތުރުކުރުމަށް ހުރަސްތަކެއް ހުރި ނަމަވެސް އަޅަމުން އަންނަ ފިޔަވަޅުތަކާއެކު، ރާއްޖޭގެ ރިޒާވް އެކަށީގެންވާ މިންގަނޑެއްގައި ހިފެހެއްޓޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު