Close
ޚަބަރު

މި އަހަރު ރާއްޖޭގެ އިގުތިސާދު 12.3 ޕަސެންޓަށް އަދި 2023 ވަނަ އަހަރު 7.6 ޕަސެންޓަށް ކުރިއަރާނެ: އަމީރު

މި އަހަރު ރާއްޖޭގެ އިގުތިސާދު 12.3 ޕަސެންޓަށް ކުރިއަރާނެ ކަމަށާއި އަދި 2023 ވަނަ އަހަރު 7.6 ޕަސެންޓަށް ކުރިއަރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން މިނިސްޓަރު އަމީރު މިއަދު ވިދާޅުވީ، ދުނިޔޭގެ އިގްތިސޯދަށް ބަނަކަން ކުރިމަތިވެފައިވާއިރު، ރާއްޖޭގެ އިގްތިސޯދީ ސިޔާސަތުތައް ބައްޓަންކޮށްފައި ވަނީ އެކަމަށް ރިއާޔަތްކޮށް، އިގްތިސޯދީ ކުރިއެރުން ދަމަހައްޓައި އިގްތިސޯދުގައި ދިރުން ދެމެހެއްޓުމުގެ މައްޗަށް ވިސްނައިގެން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ކޮވިޑާ ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް އައި ހީނަރުކަމުން އަރައިގަތުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން އަންނަ އަހަރު

ރާއްޖޭގެ އިގްތިސޯދު ކޮވިޑްގެ ކުރީގެ އިގްތިސޯދު ހުރި މިންވަރަށްވުރެ ކުރިއަރައިދާނެ ކަމަށެވެ.

"އިގްތިސޯދުގެ ރިކަވަރީ މި އަހަރުވެސް ބާރަށް ކުރިއަށްދާނެ. މި އަހަރު ރާއްޖޭގެ އިގްތިސޯދު 12.3 ޕަސަންޓުން ކުރިއަރާނެ. އަދި 2023 ވަނަ އަހަރު ރާއްޖޭގެ އިގްތިސޯދު 7.6 ޕަސަންޓުން ކުރިއަރާނެކަމަށް ލަފާކުރެވޭ" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ އިގްތިސޯދު ކުރިއަރަމުން އަންނަނީ ދުނިޔޭގެ އިގްތިސޯދީ ދުވެއްޔަށްވުރެވެސް ހަލުވި މިނެއްގައި ކަމަށެވެ. އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ލަފާކޮށްފައިވާ ގޮތުގައި ދުނިޔޭގެ އިގްތިސޯދު އަންނަ އަހަރު ކުރިއަރާނީ 2.7 ޕަސަންޓް ކަމަށްވެސް އަމީރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ދުނިޔޭގެ އިގްތިސޯދަށް ބަދަލުތަކެއް އައިނަމަވެސް، ރާއްޖޭގެ އިގްތިސޯދީ ކަންކަން މެނޭޖްކުރުމުގައި ރާއްޖޭގެ އިގްތިސޯދުގެ ވިންދު ދަމަހައްޓައި، ފަތުރުވެރިކަމާއި އެހެނިހެން ސިނާއަތްތަކުގެ ދިރުން މަތިކުރުމަށް މަސައްކަތް ކުރެވޭނެ ކަމަށެވެ.