އަންނަ 2023 ވަނަ އަހަރު ރާއްޖޭގެ އިގުތިސާދު ކޮވިޑުގެ ކުރީގައި ހުރި މިންވަރަށްވުރެ ކުރިއަރައިގެންދާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން މިނިސްޓަރު އަމީރު މިއަދު ވިދާޅުވީ، އަންނަ އަހަރު ރާއްޖޭގެ އިގްތިސޯދު ކޮވިޑްގެ ކުރީގެ އަހަރަށް ވުރެ ކުރި އަރާނެ ކަމަށެވެ. އެގޮތުން މިއަހަރު ރާއްޖޭގެ އިގްތިސޯދު 12.3 ޕަސަންޓުން ކުރިއަރާނެ ކަމަށް ލަފާކުރެވޭއިރު، އަންނަ އަހަރު ރާއްޖޭގެ އިގްތިސޯދު 7.6 ޕަސަންޓުން ކުރި އަރާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.

"ރާއްޖޭގެ އިގްތިސޯދު ކުރިއަރަމުން އަންނަނީ ދުނިޔޭގެ އިގްތިސޯދީ ދުވެއްޔަށްވުރެ ހަލުވި މިނެއްގައި. އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ދުނިޔޭގެ އިގްތިސާދާމެދު ދެކެނީ ބަނަކޮށް އަދި ޔަގީންކަން ކުޑަކޮށް. އައިއެމްއެފުން ދެކޭ ގޮތުގައި ދުނިޔޭގެ އިގްތިސޯދު އަންނަ އަހަރު ކުރިއަރާނީ 2.7 ޕަސަންޓުން" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގެ އިންފްލޭޝަން ރޭޓް މަތިވުމުން، އިންޓަރެސްޓް ރޭޓް މަތިކުރަމުން ދިއުމަކީ ތަރައްގީވަމުން އަންނަ ގައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުމެއް ކަމަށެވެ. އެއީ އެކަމުގެ ސަބަބުން ތެލާއި ހަކަތައިގެ އަގާއި ތަކެތީގެ އަގު އުފުލޭތީ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ދުނިޔޭގެ އިގްތިސޯދުގައި ހުރި ގޮންޖެހުންތަކުގެ އަސަރު އަވަށްޓެރި ބައެއް ގައުމުތަކުންވެސް ފެނިފައިވާ ކަމަށާއި ނަމަވެސް ރާއްޖޭގެ އިގްތިސޯދުގެ ވާހަކަ ތަފާތު ކަމަށެވެ. އެއީ، ރާއްޖޭގެ އިގްތިސޯދީ ކަންކަން މެނޭޖްކުރުމުގައި ރާއްޖޭގެ އިގްތިސޯދުގެ ވިންދު ދަމަހައްޓައި، ފަތުރުވެރިކަމާއި އެހެނިހެން ސިނާއަތްތަކުގެ ދިރުން މަތިކުރުމަށް މަސައްކަތް ކުރެވޭތީ ކަމަށް ވިދާޅުވިއެވެ.