މުޅި ދުނިޔޭގެ އިގުތިސާދީ ތަރުތީބަށް ބަދަލު ގެނުވައިފާނެ ހާލަތުތަކެއް މިއަދު އުފަންވެފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހަށް، 2023 ވަނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށަހަޅަމުން އަމީރު ވިދާޅުވީ ކޮވިޑު19އިން ކުރިމަތިވެފައިވާ އިގްތިސާދީ ގޮންޖެހުންތަކުން ރާއްޖެ އަރައިގަތުމަށްފަހު ހުށަހެޅޭ ފުރަތަމަ ބަޖެޓަކީ އަންނަ އަހަރުގެ ބަޖެޓެ ކަމަށެވެ. އަދި މިބަޖެޓާ ހަމައަށް އާދެވުނީ އިގުތިސާދީ ގަދަ ކަނޑެއްގައި ދަތުރުކުރުމަށްފަހު ކަމަށާއި ދުނިޔެއަށް ކުރިމަތިވެފައިވާ އިގުތިސާދީ ގޮންޖެހުންތައް އަދިވެސް ބޮޑު ކަމަށް އަމީރު ވިދާޅުވި އެވެ.
"މުޅި ދުނިޔޭގެ އިގުތިސާދީ ތަރުތީބަށް ބަދަލު ގެނުވަފާނެ ހާލަތުތަކެއް މިއަދު މިވަނީ އުފަންވެފަ، ރަޝިޔާ ޔުކްރެއިން ހަނގުރާމައާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ޖެހިއްޖެ، ގައުމުތަކުގެ އިންފްލޭޝަން ރޭޓު ދަނީ މައްޗަށް. ތަރައްގީ ވެފައިވާ ގައުމުތަކުން މަނިޓަރީ ޕޮލިސީ ވާންކޮށް، އިންޓްރެސްޓް ރޭޓްތައް މަތިކޮށްފި" އަމީރުގެ ފާހަގަކުރެއްވި އެވެ.
އަމީރު ވިދާޅުވީ ދުނިޔޭގެ އިގުތިސާދަށް ކުރިމަތިވެފައިވާ އެ ގޮންޖެހުންތަކުގެ ނޭދެވޭ އަސަރު ރާއްޖެއަށް ކުރާނެ ކަމަށެވެ. އަދި ދުނިޔޭގައި މިހާރު ހިނގަމުންދާ ކަންކަމާއެކު، ރައްޔިތުންގެ މެދުގައި ކަންބޮޑުވުން ހުރިކަން ގަބޫލުކުރައްވާ ކަމަށާއި އެއީ އިގުތިސާދާއި ރާއްޖޭގެ މާލީ ހާލަތާ މެދު ހުރި ކަންބޮޑުވުންތަކެއް ކަމަށް ވެސް ވިދާޅުވި އެވެ.
"ދައުލަތުގެ ދަރަނި ބޮޑުވެ، އިގުތިސާދަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވެދާނެ ކަމުގެ ވާހަކަތައް އަޑުއިވޭ. ތަކެތީގެ އަގު މަތިވެދާނެތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރޭ. އަސާސީ ހިދުމަތްތައް ނުލިބުމާއި ހިދުމަތްތަކުގެ ފެންވަރު އެކަށީގެންވާ މިންވަރެއްގައި ނެތުމުގެ ޝަކުވާ އަބަދުވެސް އަޑު އިވޭ" އަމީރު ވިދާޅުވި އެވެ.
ނަމަވެސް އިވޭ އަޑުތަކާއި ރާއްޖެ އޮތް ހާލަތާއި ކުރާން ޖެހޭ ކަންކަން ސަރުކާރަށް ވަރަށް ސާފު ކަމަށް އަމީރު ވިދާޅުވި އެވެ. އެގޮތުން ދައުލަތުން އެންމެ އިސްކަމެއް ދެނީ، އެ ގޮންޖެހުންތައް ގިރާކޮށް، ރާއްޖޭގެ އިގުތިސާދީ ހަމަޖެހުމާއި ކުރިއެރުން ދެމެހެއްޓެނިވި މަގުގައި ހިފެހެއްޓުމަށް ކަމަށާއި ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ޒަމާނުއްސުރެ ހައްލުނުވެ ހުރި އަސާސީ، އުމްރާނީ ވަސީލަތްތައް ގާއިމުކޮށް އިޖުތިމާއީ އަދި އިގުތިސާދީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދިނުން ކަމަށްވެސް ވިދާޅުވި އެވެ. ސަރުކާރުގެ މަސައްކަތް ހުރީ އެ މަގަށް ކަމަށްވެސް އަމީރު ވިދާޅުވި އެވެ.