ސްޕެނިޝް ލަލީގާގައި މިރޭ ރެއާލް މެޑްރިޑުން ކުޅުނު މެޗުގައި ގިރޯނާ ކައިރިން އެއްވަރުވެއްޖެއެވެ.
އަމިއްލަ ދަނޑުގައި ގިރޯނާ ކައިރިން ރެއާލް އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. މިރޭގެ މެޗުން އެއްވަރުވި ނަމަވެސް ރެއާލަށް ވަނީ ތާވަލުގެ އެއްވަނައަށް ޖެހިލެވިފައެވެ. އެޓީމުން މިހާތަނަށް ކުޅުނު 12 މެޗުން 32 ޕޮޮއިންޓް ހޯދާފައިވާ އިރު، ދެވަނައިގައި އޮތް ބާސެލޯނާއަށް 12 މެޗުން 31 ޕޮއިންޓް ލިބިފައިވެއެވެ.
މެޗުގެ ފަހު މިނެޓުގައި ކަހަލަގޮތަކަށް ރެއާލްގެ ޖަރުމަނު މިޑްފީލްޑަރު ޓޯނީ ކްރޫސްއަށް ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދައްކައިފައެވެ. އެއީ ކްރޫސްގެ މުޅި ކެރިއަރުގައިވެސް އޭނާއަށް ދެއްކި ފުރަތަމަ ރަތް ކާޑެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ގޯލުގެ ދަނޑިއަށް އަމާޒުކޮށް އުފެއްދި ހަމަލާތައް ފާހަގަކުރެވުނެވެ. ރެއާލްގެ ރޮޑްރީގޯ ޖެހި ބޯޅައެއްގެ އިތުރުން ގިރޯނާގެ ޔާންހެލް ހެރޭރާގެ ހަމަލާވެސް ފުރަތަމަ ހާފުގައި ގޯލުގެ ދަނޑިއަށް އަަމާޒުވި އިރު، ފުރަތަމަ ގޯލު ފެނުނީ 70 ވަނަ މިނެޓުގައެވެ.
ރެއާލުން މެޗުގެ ލީޑު ނެގީ ފެޑަރީކޯ ވަލްވާޑޯގެ ހުރަހަކުން، ވިނީޝިއަސް ޖޫނިއާ ގޯލަށް ފޮނުވާލި ބޯޅައިންނެވެ. އެ ގޯލާއެކު މެޗުން ތިން ޕޮއިންޓް ޔަގީންކުރެވުނު ކަމަށް ރެއާލުން ބަލައިގެން ތިއްބައި، 80 ވަނަ މިނެޓުގައި ގިރޯނާއަށް ޕެނަލްޓީއެއް ލިބުނެވެ.
ރެއާލް އޭރިއާ ތެރެއިން މާކަސް އަސެންސިއޯ އަތުގައި ޖެހުމުން ދިން ޕެނަލްޓީ ގޯލަށް ވައްދާލީ ވެޓެރަން ފޯވަޑް ކްރިސްޓިއަން ސްޗުއާނީއެވެ. އޭނާ ވެފައިވަނީ 1960 ވަނަ އަހަރަށްފަހު ރެއާލްގެ ސަންތިއޭގޯ ބާނަބޭއޫގައި ގޯލު ޖެހި އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔާއަށެވެ. ސްޗުއާނީގެ އުމުުރަކީ 36 އަހަރެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ