ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި މިދިޔަ އަންގާރަ ދުވަހު މަރުވި ގދ. ހޯނޑެއްދޫ، ސާވެން، އަބްދުﷲ ރަޝީދުގެ އާއިލާއަށް އޭނާގެ މޫނު ދައްކައިފިއެވެ.

އެނގިފައިވާ ގޮތުގައި އަބްދުﷲ ރަޝީދުގެ އާއިލާއަށް އޭނާގެ މޫނު ދައްކަން ފުލުހުން ނިންމީ މިރޭ ފަތިހު ޕޯސްޓްމޯޓަމް ހެދުމަށް ބޭރަށް ފޮނުވަން ނިންމާފައިވާތީއެވެ. އޭނާގެ މޫނު ބެލުމަށް އާއިލާގެ ގިނަ ބަޔަކު ވަނީ ގަލޮޅު މޯޗަރީ އަށް ޖަމާވެފައެވެ.

ފުލުހުންގެ އޮފިޝަލަކު "ވަން" އަށް މިރޭ ވިދާޅުވީ އަބްދުﷲ ރަޝީދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް މިރޭ ފަތިހު ބޭރަށް ފޮނުވާނެ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ.

ފުލުހުން އަބްދުﷲ ރަޝީދުގެ ޕޯސްޓްމޯޓަން ހަދަން ނިންމުމުން އާއިލާއިން ވަނީ އެކަމާ ދެކޮޅު ހަދައިފައެވެ. ޕޯސްޓްމޯޓަމް ހަދައިފިނަމަ ހަށިގަނޑާ ހަވާލުނުވާނެ ކަމަށް ވެސް އާއިލާއިން ވަނީ ކުރިން ބުނެފައެވެ.

އެހެންވެ އެކަމާ ދެކޮޅު ހަދައި އޭނާގެ ހަށިގަނޑު ހޯދުމަށް އާއިލާއިން ވަނީ ސިވިލް ކޯޓަށް މިދިޔަ ބުރާސްފަތި ދުވަހު މައްސަލަ ހުށަހަޅައިފައެވެ. މިއަދު ސިވިލް ކޯޓުން ވަނީ އަބްދުﷲ ރަޝީދުގެ މަރުވި ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަން ހެދުމުގެ އިހުތިޔާރު ފުލުހުން ލިބިގެންވާ ކަމަށާއި އާއިލާއިން އެދުނުގޮތަށް ޕޯސްޓްމޯޓަމް ނުހަދައި ހަށިގަނޑު ހަވާލުކުރުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ހުކުމް ކޮށްފައެވެ.

މިދިޔަ ހުކުރު ދުވަހު މޯޗަރީ ކައިރީގައި އަބްދުﷲ ރަޝީދުގެ އާއިލާގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަބްދުﷲ ރަޝީދުގެ އަންހެނުން އާމިނަތު ލީނާ ބުނި ގޮތުގައި ޕޯސްޓްމޯޓަމް ހަދަން ބޭނުންނުވާ ކަމަށް އާއިލާއިން ތަކުރާރުކޮށް ބުނެފައި ވަނިކޮށް، ފުލުހުންނަށް އަމިއްލައަށް އެކަން ނުކުރެވޭނެ ކަމަށާއި އެހެންވެ، ހަށިގަނޑު އާއިލާއާ ހަވާލުކުރަން ޖެހޭނެ ކަމަށް އޭނާ ބުނެފައިވެއެވެ.

"އެމީހުން ކުރާ ތަހުގީގެއް ކުރަން އަޅުގަނޑުމެން ހުރަހެއް ނާޅަން ދެއްތޯ. އަޅުގަނޑުމެން ބުނީ އަޅުގަނޑުމެންނާ އެއްވެސް އެއްޗެއް ހިއްސާ ނުކޮށް، އެއްވެސް އެވިޑެންސެއް ހިއްސާ ނުކޮށް، އަނދިރީގައި ބައިތިއްބާފައި ޕޯސްޓްމޯޓަމް ނުހެދޭނެއޭ. އަހަރުމެންގެ ހައްގެއް ވެސް އެބައޮތޭ،" އަބްދުﷲ ރަޝީދުގެ އަންހެނުން ލީނާ ބުނެފައިވެއެވެ.

އަބްދުﷲ ރަޝީދުގެ ބޮޑުބޭބެ އަހުމަދު ޝަރީފް ބުނެފައިވަނީ، އޭނާގެ މަންމަ އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އްދަލު ކުރި ކަމަށާއި އާއިލާއިން ނުރުހުނަސް ހަށިގަނޑުގެ ޕާސްޕޯޓަމް ހަދާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އަދި އާއިލާގެ ނުރުހުމުގައި ޕޯސްޓްމޯޓަމް ހަދައިފިނަމަ، ހަށިގަނޑާ ހަވާލުވާން އާއިލާއިން ބޭނުންނުވާ ކަމަށް އޭނާ ބުންޏެވެ. އަދި އެދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ތިބި ރަޝީދުގެ އާއިލާގެ ހުރިހާ މެމްބަރުންވެސް ބުނީ އެގޮތަށެވެ.

"ގެންގޮސް ފަޅާ ކުދިކޮށްފައި އަޅުގަނޑުމެން ބޭނުމެއް ނޫން ހަށިގަނޑާ ހަވާލުވާކަށް،" އޭނާ ބުނެފައިވެއެވެ.

އަބްދުﷲ ރަޝީދުގެ އޭނާގެ މަންމަ މަރިޔަމް އަހުމަދު ކިޔައިދިން ގޮތުގައި މިދިޔަ އަންގާރަ ދުވަހު ހަތަރު ގަޑި އިރެއްހާއިރު ވަންދެން އޭނާ އުޅޭ ގެ ބަލައި ފާސްކުރަން ފުލުހުން ހަރަކާތްތެރިވިއެވެ. އަދި އެތަނުން އޭނާ ނެރެގެން ގެންގޮސް ފުލުހުންގެ ލޯންޗަށް އެރުވި އިރުވެސް އޭނާ މޭގައި ރިއްސާތީ އެވާހަކަ ބުނަމުން ދިޔަ ކަމަށާއި ނަމަވެސް ސިއްހީ އެއްވެސް ފަރުވާއެއް ނުދީ އަދި ރަށުގެ ސިއްހީ މަރުކަޒުން ޑޮކްޓަރަކު ގެނެސް ފަރުވާދޭން އެތަނުގެ މެނޭޖަރު ހުށަހެޅުމުން ފުލުހުން އެކަމަށްވެސް އިންކާރުކޮށް ދެ ގަޑިއިރެއްހާއިރު އެގޮތުގައި އޭނާ ބޭއްވި ކަމަށް ބުނެފައިވެއެވެ.