ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރާ އެކު އެއްޖިންސުން ޖިންސީ ގުޅުން ހިންގި މީހުންގެ ތެރޭގައި ހިމެނޭ މަހުމޫދު ރިޔާޒަށް މިއަދު ހުކުމްކޮށްފިއެވެ.

ކުރިމިނަލް ކޯޓުން މިއަދު އޭނާގެ މައްޗަށް ހުކުމް ކުރީ، ތިން މަހާއި 10 ދުވަހަކީ ޖަލު ހުކުމުގެ ގޮތުގައި ތަންފީޒުކޮށް، ގޭބަންދުގައި ހަ މަހާއި 20 ދުވަސް ތަންފީޒު ކުރުމަށެވެ.

އޭނާ އަކީ އަލަމްގީރާ އެކު ޖިންސީ ގުޅުން ހިންގި މީހުންގެ ތެރޭގައި ހިމެނޭ މީހުންގެ ތެރެއިން ކަސްޓަމްސްގެ މުވައްޒަފެކެވެ. އޭނާގެ މައްޗަށް ހުކުމް ކުރީ އަމިއްލަ އިއުތިރާފުގެ މައްޗަށެވެ،

އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި މީގެ ކުރިން ތިން މީހެއްގެ މައްޗަށް ދައުވާކޮށް ވަނީ ހުކުމް އިއްވައިފައެވެ.

އޭގެ ތެރެއިން އަލަމްގީރްގެ މައްޗަށް ދައުލަތުން އުފުލި 41 ދައުވާ އޭނާގެ މައްޗަށް ސާބިތުވެ، ދެ އަހަރާއި ނުވަ މަހަށްވުރެ ގިނަ ދުވަހަށް ޖަލަށް ލާން ކުރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އޭގެ އިތުރުން ގާނޫނީ ވަކީލް ނާޒިމް ސައްތާރަށް ތިން މަހާއި 26 ދުވަހަށް ގޭ ބަންދު ކުރުމުގެ ހުކުމެއް، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތްކުރި އަބްދުއްރަހްމާން ރަފީއު އެއް އަހަރާއި އެއް މަހާއި 28 ދުވަހަށް ޖަަލަށް ލާން ވަނީ ހުކުމް ކޮށްފައެވެ.