އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރާ އެއްވެސް ކަމަކަށް ސަރުކާރުގެ ނުފޫޒެއް މިހާރު ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
"އެންޓި ކޮރަޕްޝަން ކޮންފަރެންސް 2020" ފެށުމަށް ބަނޑޮސް ރިސޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ކޮރަޕްޝަން ހުއްޓުވުމަށް ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާނެ މިނިވަން މާހައުލެއް ގާއިމުކޮށްދީފައިވާ ކަމަށެވެ. އަދި ކޮރަޕްޝަންގެ މައްސަލަތައް ބަލައި އެފަދަ އަމަލުތައް ހުއްޓުވުމަށް އޭސީސީން ކުރާ އެއްވެސް ކަމަކަށް އަދި ކުރާ ތަހުގީގަކަށްވެސް ސަރުކާރުގެ އެއްވެސް ނުފޫޒެއް މިހާރު ނޯންނާނެ ކަމަށް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، ކޮރަޕްޝަންގެ މައްސަލައަކީ ހައްލުކުރަން އުނދަގޫ މައްސަލައެއް ކަމަށާއި ދައުލަތުގެ ތިން ބާރުގެ ތެރޭގައިވެސް ކޮރަޕްޝަން އެބަ އޮތް ކަމަށެވެ. އަދި ކޮރަޕްޝަން ނައްތާލުމަށް ވަގުތު ނަގާނެ ކަމަށާއި އެކަމަށް އޮތް ފަރުވާއަކީ "ޓްރާންސްޕޭރެންސީ" ނުވަތަ ހާމަކުރުން ކަމަށް ވިދާޅުވިއެވެ.
"ކޮރަޕްޝަނާއި ފަސާދައާއި ނާޖާއިޒް ފައިދާ ނެގުމަކީ ދައުލަތުގެ ތެރޭގައި އިންތިޒާމުވެފައި އޮންނަ ރީތި ކަމެއްގެ ގޮތުގައި ވެރީން ދެކި، އެ ނަމޫނާ ދެއްކުމަށްވުރެ ބޮޑު ގޯހެއް އެއްވެސް ގައުމަކަށް ނޯންނާނެ. ހޯދުނު ގޮތަކަށް ފައިސާ ހޯދުމަކީ ޖާއިޒްކަމެއް ކަމުގައި ގަބޫލުކޮށް، އެކަމަށް ހިތްވަރުދިނުމަށްވުރެ ބޮޑު ނުބައެއް އެގައުމަކަށް ނޯންނާނެ،" ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު