އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް ރާއްޖެ ވަޑައިގެން އުޅުއްވާ ޒިމްބާބުވޭގެ ދީނީ އިލްމުވެރިޔާ، މުފްތީ މެންކް، އައްޑޫ ސިޓީގައި މިރޭ ދަރުސް ދެއްވާ ގޮތަށް ހަމަޖައްސައިފިއެވެ.

މުފްތީ މެންކް އައްޑޫ ސިޓީގައި ދެެއްވާ ދަރުސް އޮންނާނީ މިރޭ 8:45 ގައި އައްޑޫ ހައި ސްކޫލުގައެވެ. މީގެ ކުރިން އެ ދަރުސް ބާއްވަން ހަމަޖެއްސީ އައްޑޫ ސިޓީ ސްކޮޔާގައެވެ. އެ ދަރުސްގެ މައުލޫއަކީ "ބިނާކުރުވަނިވި މުސްލިމުން" އެވެ.

އައްޑޫ ދަރުހަށްފަހު، މާލެ ވަޑައިގެން، ހުޅުމާލޭގައި މާދަމާ ރޭ މުފްތީ މެންކް ދަރުސް ދެއްވާނެއެވެ. އެއީ ރާއްޖެއަށް ކުރައްވަމުންގެންދަވާ ދަތުރުގައި މުފްތީ ދެއްވާނެ ފަހު ދަރުހެވެ.

މުފްތީ މެންކްގެ މި ދަތުރުގައި މީގެ ކުރިން ވަނީ ދެ ދަރުހެއް ދެއްވާފައެވެ. އެއީ ފުވައްމުލަކު ސިޓީގައި ރޭ ދެއްވި ދަރުހާއި 28 ވަނަ ދުވަހުގެ ރޭ އަލިމަސް ކާނިވަލުގައި ދެއްވި ދަރުހެވެ.

މީގެ ކުރިންވެސް މުފްތީ މެންކު ވަނީ ހަތަރު ފަހަރެއްގެ މަތިން ރާއްޖެ ވަޑައިގެން މާލެ އާއި އެހެން ބައެއް ރަށްތަކުގައި ދަރުސްތައް ދެއްވައިފައެވެ.

މުފްތީ މެންކަކީ ދުނިޔޭގައި މިހާރު ތިއްބެވި އެންމެ ނުފޫޒުގަދަ 500 އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.