އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލްއިން ކުޅުނު މެޗުގައި 4-0 އިން އެސްޓޮން ވިލާ ބަލިކުރި އިރު، ފަހަތުން އަރައި ތިން ގޯލު ޖަހައި ޓޮޓެންހަމް ވެސް މޮޅުވެއްޖެއެވެ.

މިދިޔަ ސީޒަނުގެ ތެރޭގައި ނިއުކާސަލްގެ 80 ޕަސެންޓް ހިއްސާ ސައުދީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑުން ވަނީ ގަނެފައެވެ. އެ ފަންޑުގެ ޗެއާމަނަކީ ސައުދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާނެވެ. ސައުދީން ނިއުކާސަލް ގަތުމާއެކު އެ ކްލަބަކީ މިހާރު ދުނިޔޭގައި އޮތް އެންމެ ތަނަވަސް ކްލަބެވެ. އެ ތަނަވަސްކަމާއެކު ކްލަބަށް ހަރަދުތައް ކުރަމުން އަންނަ އިރު، ޓްރާންސްފާތައްވެސް އަންނަނީ މަޑުމަޑުން ކުރަމުންނެވެ.

މިދިޔަ ސީޒަނުގެ މެދުތެރެއިން ރަނގަޅު ޓްރާންސްފާތަކެއް ކޮށް، މި ސީޒަނަށްވެސް ނިއުކާސަލް ވަނީ ބޮޑެތި އަގުތަކެއްގައި ކުޅުންތެރިން ގެންގޮސްފައެވެ. ވަކިން ހާއްސަކޮށް އެޓީމުގެ ކޯޗު އެޑީ ހޯވްއަކީވެސް ސައުދީ ވެރިން ގެންދިޔަ ކޯޗެކެވެ.

އާ ވެރިންނާއެކު ނިއުކާސަލް އަންނަނީ ޕްރިމިއާ ލީގުގެ ގަދަ ހަތަރަކަށް އެ ކްލަބު ވާދަކުރާ ފެންވަރު ދައްކަމުންނެވެ. އެގޮތުން މިހާތަނަށް މި ސީޒަނުގައި ކުޅުނު 13 މެޗުން 24 ޕޮއިންޓާއެކު ނިއުކާސަލް އޮތީ ހަތަރު ވަނައިގައެވެ. ނިއުކާސަލްއިން ރޭގެ މެޗަށް ނުކުތް އިރުވެސް ގަދަ ހަތަރެއްގެ ތެރޭގައި އޮތް އިރު، އެއީ 2012 ވަނަ އަހަރު އޭޕްރީލް މަހަށްފަހު އެޓީމުން ގަދަ ހަތަރެއްގެ ތެރޭގައި އޮވެ މެޗަކަށް ނުކުތް ފުރަތަމަ ފަހަރެވެ.

ފޯމުގައި އޮތް ނިއުކާސަލްއިން ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ލީޑު ނެގީ ކަލުމް ވިލްސަންގެ ގޯލުންނެވެ. އޭގެ އިތުރުން ވިލްސަން ވަނީ ދެވަނަ ހާފުގައި އިތުރު ގޯލެއް ޖަހައި، އިންގްލެންޑް ކޯޗު ގެރެތު ސައުތުގޭޓަށް އޭނާގެ މުހިއްމުކަން ސާބިތުކޮށްދީފައެވެ. ވޯލްޑް ކަޕާ ދިމާކޮށް އިންގްލެންޑް ސްކޮޑަށް އެރުން ގާތްކޮށް ފެންނަ ވިލްސަން ރޭ ކުޅުނު މެޗު ބެލުމަށް ސައުތުގޭޓް ދަނޑަށްވެސް ގޮސްފައިވެއެވެ.

ވިލްސަންގެ އިތުރުން ދެން ނިއުކާސަލްގެ ގޯލުތައް ޖަހައިދިނީ މިގޭލް އަލްމެރޯނާއި ޖޯލިންޓަންއެވެ.

ރޭ ޓޮޓެންހަމްއިން ބޯންމައުތާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ދެ ގޯލު ޖެހީ ބޯންމައުތުގެ ކީފާ މޫރެވެ. އެ ދެގޯލާއެކު ބޯންމައުތު ލީޑު ކުރަމުން ދަނިކޮށް ޓޮޓެންހަމްގެ ފުރަތަމަ ގޯލު ޖެހީ މެޗުގެ 57 ވަނަ މިނެޓުގައި ރަޔާން ސެސިޔޯނެވެ. އޭގެ 20 ވަރަކަށް މިނެޓް ފަހުން ލިބުނު ކޯނަރެއްގައި ބެން ޑޭވިސް ޓޮޓެންހަމްއަށް ނަތީޖާ ހަމަހަމަ ކޮށްދިން އިރު، އެޓީމުން މޮޅުވި ގޯލު މެޗުގެ ފަހު މިނެޓުގައި ޖެހީ ބެންޓަންކޫރެވެ.

ރޭގެ މެޗުން މޮޅުވެ ސްޕާސް ތިންވަނައިގައި އޮތީ 13 މެޗުން 26 ޕޮއިންޓާ އެކުގައެވެ.