ދިރާގުން ފޯރުކޮށްދޭ ހިދުމަތްތައް ފުޅާކުރުމަށާއި ފައިބަ އޮޕްޓިކް ސަބްމެރިން ވިއުގަ ގާއިމްކުރުމަށް އެ ކުންފުންޏަށް ޖުމްލަ 55 މިލިއަން ޑޮލަރު (847 މިލިއަން ރުފިޔާ) ގެ ލޯނެއް، އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގުޅިގެން ދޭން ނިންމައިފިއެވެ.
އައިއެފްސީން މިދިޔަ ބުދަ ދުވަހު ނެރުނު ބަޔާނެއްގައިވާ ގޮތުން ދިރާގަށް ދޭން ނިންމާފައިވަނީ 25 މިލިއަން ޑޮލަރާއި 35 މިލިއަން ޑޮލަރުގެ ފައިނޭންސިއަލް ފެސިލިޓީއެކެވެ. އޭގެ ތެރެއިން 25 މިލިއަން ޑޮލަރުގެ ފެސިލިޓީ ބޭނުން ކުރާނީ ދިރާގުގެ ހިންގުމުގެ ހަރަދުތަކާއި ރަށްރަށުގައި 5ޖީ އަދި ފައިބަ ބްރޯޑްބޭންޑުގެ ހިދުމަތް ފުޅާކުރުމަށާއި ދިރާގުން ރާއްޖޭގައި އަޅަމުން އަންނަ ޑޮމެސްޓިކް ފައިބަ އޮޕްޓިކް ސަބްމެރިން ކޭބަލް ވިއުގަ އިތުރަށް ތަރައްގީ ކުރުމަށެވެ.
އެ ބަޔާނުގައިވާ ގޮތުގައި، 30 މިލިއަން ޑޮލަރުގެ ފެސިލިޓީ ދިރާގުން ބޭނުން ކުރާނީ ދެކުނު އޭޝިޔާއިން ފެށިގެން އިންޑިއާ، މެދުއިރުމަތި އަދި ހުޅަނގު ޔޫރަޕާ ގުޅާލާ ސީ-މީ-ވީ ހަ ސަބްމެރިން ކޭބަލްއާ ރާއްޖެ ގުޅާލުމަށް ދިރާގުން ފެށި މަޝްރޫއަށެވެ.
ދިރާގުން ބުނެފައިވާ ގޮތުގައި ސިންގަޕޫރުން ފެށިގެން ފްރާންސްއާ ހަމައަށް ގުޅާލާ މި ކޭބަލް ސިސްޓަމް 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާއަށް ނިމި ހިދުމަތް ދޭން ފެށޭނެއެވެ.
ދިރާގުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވި ގޮތުގައި، އައިއެފްސީ އަދި އޭޑީބީ ފަދަ ދުނިޔޭގެ ބޮޑެތި އިދާރާތަކުން ދިރާގަށް ފައިސާ ދިނުމަކީ ދިރާގުގެ ހިންގުމުގެ ހަރުދަނާކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ.