މިއަހަރުގެ މިހާތަނަށް ރާއްޖެއަަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.2 މިލިއަނަށް އަރައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އިއްޔެ އާންމުކުރި "މޯލްޑިވްސް ޓޫރިޒަމް އަޕްޑޭޓް" ރިޕޯޓުގައިވާ ގޮތުން، އިއްޔެއާއި ހަމަޔަށް ރާއްޖެއަށް ވަނީ 1,317,573 މިލިއަން ފަތުރުވެރިން އައިސްފައެވެ.
މިއަހަރު އެންމެ ގިނަ ފަތުރުވެރިން އައި ގައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ އިންޑިއާ އެވެ. އެ ގައުމުން އަންނަނީ މާކެޓުގެ 14.1 ޕަސެންޓް ހިއްސާކުރަމުންނެވެ. ގިނަ ދުވަސްތަކެއް ވަންދެން ލިސްޓުގެ ދެވަނައިގައި އޮތް އިނގިރޭސި ވިލާތް ތިންވަނައަށް ޖައްސާލައި ރަޝިޔާ ވަނީ ދެވަނައަށް ޖެހިލައިފައެވެ. ރަޝިއާއިން މިހާރު އަންނަނީ ރާއްޖޭގެ މާކެޓުގެ 12.1 ޕަސެންޓު ހިއްސާކުރަމުންނެވެ.
ކުރިއަތް އޮތީ ފިނި މޫސުން ކަމަށް ވާތީ ރަޝިއާ ޓޫރިސްޓުން ރާއްޖެ އަންނަ ވަރު އިތުރުވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރު އެވްރެޖުކޮށް ދުވާލަކު 4،250 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރެއެވެ. އެ ފަތުރުވެރިން އެވްރެޖުކޮށް ހަތް ދުވަހާއި އަށް ދުވަސްރާއްޖޭގައި ހޭދަކުރެއެވެ.
މި އަހަރު މިހާތަނަށް ބަލާއިރުވެސް މި ވަނީ މިދިޔަ އަހަރަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް އައިސްފައެވެ.
މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ ޖުމުލަ އަދަދަކީ 1,321,932 އެވެ. 2020 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 555،494 އެވެ. އަދި 2019 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 1،702،887 އެވެ.
ސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ގެނައުމެވެ.
އެ އަމާޒު މިއަހަރު ހާސިލުވާނެކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިދިޔަ އޮގަސްޓް މަހު "ވަން" އަށް ދެއްވި އިންޓަވިއެއްގައި ވަނީ ވިދާޅުވެފައިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު