ދ. އަތޮޅާއި ނ. އަތޮޅު ދެން އެމްޑީއޭ އަކަށް ނުދޭނެ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ޔާމީން ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެ އަތޮޅު މަނަދޫއަށް ވަޑައިގެން ޕީޕީއެމްގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވިދާޅުވީ ރިޔާސީ އިންތިހާބަށް އެމްޑީއޭ އާއެކު ހެދި އެއްބަސްވުމުގެ ދަށުން ނ. އަތޮޅާއި ދ. އަތޮޅު އެޕާޓީއަށް ދޫކޮށްލި ކަމަށެވެ. ނަމަވެސް އެ ދާއިރާތަކުގައި ޕީޕީއެމްގެ ހައްގުތައް ހިމާޔަތްކުރުމަށްވުރެ ބޮޑަށް އެމްޑީއޭއިން މަސައްކަތްކުރީ އެ ޕާޓީ ވަރުގަދަ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ކަށަވަރުކޮށް އަރުވަން، އަޅުގަނޑުމެން ރިޔާސީ އިންތިހާބުގައި އެނޫން ގޮތެއް ނެތިގެން އެކި ފަރާތްތަކާއެކު އިއްތިހާދުވެ ކޯލިޝަން އެގްރީމަންޓް ހެދިކަމުގައިވީ ނަމަވެސް ދެން އިރާދަކުރެއްވިއްޔާ އެއްވެސް އަތޮޅެއް، އެއްވެސް ދާއިރާއެއް، ހާއްސަކޮށް ނ. އަތޮޅާއި ދ. އަތޮޅު އެއްވެސް ބަޔަކަށް ދުލެއް ނުކޮށްލާނަން. އެމްޑީއޭއަކަށް ދުލެއް ނުކޮށްލާނަން" ޔާމީން ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް ދޫކުރުމުގެ ހިތި މިހާރު ތަޖުރިބާކުރަމުން އަންނަކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ، އެމްޑީޕީއަށް މަޖިލިސް ސުޕަމެޖޯރިޓީ ލިބުނީ ޖުމްހޫރީ ޕާޓީގައި އިސްކޮށް ތިއްބަވާ ބޭފުޅުންނާއި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް "ވަރަށް ބޮޑަށް މަކަރު ހަދައިގެން ސިޔާސީ ގޮތުން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެ އެތައް ވާހަކައެއް ދައްކައިގެން" ޕީޕީއެމުން ދާއިރާތަކެއް ދޫކޮށްލުމުން ކަމަށެވެ.

ނަމަވެސް މަޖުބޫރީ ހާލަތުގައި ތިބެގެންވެސް ޕީޕީއެމުން އެ ދާއިރާތަކަށް ކެންޑިޑޭޓުން ނުނެރުމުގެ ނަތީޖާއަކަށްވީ، ރައްޔިތުންގެ ހެޔޮ ވިސްނުމުން ޖުމްހޫރީ ޕާޓީއަށް އެ ގޮނޑިތައް ނުދިނުން ކަމަށް ޔާމީން ވިދާޅުވިއެވެ.