ސިޔާސީ ޕާޓީތަކަށް ފައިސާ ދޭން ގާނޫނުގައި މިހާރު ކަނޑައަޅާފައި އޮތް ގޮތް ބަދަލުކޮށް، އިންތިހާބުތަކުގައި ޕާޓިތަކަށް ވޯޓު ލިބޭ އަދަދަށް ބަލައިގެން ފައިސާ ދޭ ގޮތަށް ގާނޫނަށް ބަދަލު ގެންނަން ލަފާދީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މަޖިލީހުން މިގޮތަށް ފާސް ކޮށްފައި ވަނީ، މީހުންނަށް އެނގުމަކާ ނުލައި ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމާއި ވަކިކުރުމާއި އެއް ޕާޓީން އަނެއް ޕާޓީއަށް މީހުން ބަދަލުކުރާ މައްސަލަ ނިމުމަކަށް ގެނައުމަށްޓަކައި މިހާރުން މިހާރަށް ގެނެވެން ހުރި ބަދަލުތައް ގެންނަން އިލެކްޝަން ކޮމިޝަނަށް (ސީސީ) އަށް ދެންނެވުމަށް އިއްޔެ ފާސްކުރި ރިޕޯޓުގައި ހިމަނައިގެނެވެ.
އެ ރިޕޯޓަކީ ޕާޓީއަށް މީހުން ވެއްދުމާއި ވަކިކުރުމުގައި ހުރި ކަންބޮޑުވުން ފާޅުކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު މަޖިލީހަށް ހުށަހެޅުއްވި މައްސަލަ، މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ދިރާސާކޮށް މަޖިލިސް ތަޅުމަށް ހުށަހެޅުމުން ފާސްކުރި ރިޕޯޓެކެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެންނަންޖެހޭ ކަމަށް އީސީން އެކުލަވާލައި، މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ހުށަހަޅާފައިވާ އިސްލާހުތައް އެޓާނީ ޖެނެރަލް އޮފީހުގެ ލަފަޔާއެކު ބިލެއްގެ ގޮތުގައި މަޖިލީހަށް ހުށަހެޅުމަށް ފެންނަ ކަމަށްވެސް އެ ރިޕޯޓުގައިވެއެވެ.
ސިޔާސީ ޕާޓީތަކަށް ފައިސާ ދޭން ގާނޫނުގައި މިހާރު ކަނޑައަޅާފައި އޮތް ގޮތް ބަދަލުކޮށް، ޕާޓިތަކަށް ވޯޓު ލިބޭ އަދަދަށް ބަލައިގެން ފައިސާ ދޭގޮތަށް ގާނޫނަށް ބަދަލު ގެންނަން ހިމަނާފައި ވަނީ އެ އިސްލާހުތަކުގެ ތެރޭގައެވެ.
ސިޔާސީ ޕާޓީތަކަށް މިހާރު ފައިސާ ދެނީ 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު