މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ، ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ކުރިއަށް އޮތް މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް "ވަން" ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2023، އަންނަ އަހަރުގެ ފެބްރުއަރީ ހަތަރުވަނަ ދުވަހު ފެށުމަށް ތާވަލުކޮށްފައިވާ އިރު، "ވަން"އަކީ ކާމިޔާބުކަމާއެކު ކުރިއަށްގެންދިޔަ ގޯލްޑަން ފުޓްސަލް ޗެލެންޖް 2022 ގެ އޮންލައިން މީޑިއާ ޕާޓްނާވެސް މެއެވެ.
މީގެ ކުރިން ހަ ފަހަރަށް ކާމިޔާބުކަމާއެކު ބާއްވާފައިވާ ގޯލްޑަން ފުޓްސަލް ޗެލެންޖަކީ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިސް ނަގައިގެން އެ އެސޯސިއޭޝަނުން މުޅި ރާއްޖެއަށް އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ މުބާރާތެކެވެ. މުބާރާތް ފޯމެޓް ކޮށްފައިވާ ގޮތުން، އަތޮޅު ބުރުތަކުން ފެށިގެން ގޮސް، ޒޯން ބުރަކާއެކު ދެން ކުޅެވޭނީ ފައިނަލް ބުރެކެވެ. މުޅި ރާއްޖޭގެ ހުރިހާ ހިސާބެއް ޝާމިލުވާނެހެން އެންމެ ކާމިޔާބުކަމާއެކު މިހާތަނަށް ބާއްވަމުން އަންނަ މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖަކީ ރާއްޖޭގެ ފުޓްސަލް ޗެމްޕިއަނުން ހޮވިގެންދާ މުބާރާތެވެ.
މުބާރާތުގެ ކަވަރޭޖް މިފަހަރުވެސް "ވަން" އިން ހާއްސަ ކަންތައްތަކަކާއެކު ގެނެސްދޭން ނިންމާފައިވާ އިރު، އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު "ވަން"ގެ އޮފީހުގައި ބޭއްވި ހާއްސަ އިވެންޓުގައި ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޖަމިއްޔާގެ ރައީސް ރިލުވާން މޫސާއެވެ. އަދި "ވަން" އޮންލައިންގެ ފަރާތުން ސޮއިކުރެއްވީ ވަން މީޑިއާ ގްރޫޕުގެ އެޑްމިން އެންޑް މާކެޓިން މެނޭޖަރު މަރިޔަމް ހަޝްމާ ޔޫސުފެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު "ވަން"ގެ އެޑްމިން އެންޑް މާކެޓިން މެނޭޖަރު ހަޝްމާ ވިދާޅުވީ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މީޑިއާ ޕާޓްނަރަކަށްވުމަކީ "ވަން" އަށް ލިބޭ ޝަރަފެއް ކަމަށާއި، އަބަދުވެސް މުބާރާތުގެ މީޑިއާ ޕާޓްނަރުގެ ގޮތުގައި ފުރިހަމަ ކަވަރޭޖަކަށް މަސައްކަތްކުރާނެ ކަމަށެވެ.
ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް ރިލުވާން ވިދާޅުވީ އެންމެފަހުން ބޭއްވި މުބާރާތުގައި "ވަން" އިން ގެނެސްދިން ފުރިހަމަ ކަވަރޭޖާއެކު މިފަހަރުގެ މުބާރާތަށްވެސް ޔަގީންކަން އެބައޮތް ކަމަށާއި، މިއަހަރުގެ ކަވަރޭޖުވެސް އިތުރު ފުރިހަމަކަމާއެކު ވަން އިން ގެނެސްދޭނެ ކަމަށް ޔަގީންކުރާ ކަމަށެވެ.
"ވަންއަށް 2023 ވަނަ އަހަރު މުބާރާތުގެ އޮފިޝަލް އޮންލައިން މީޑިއާ ޕާޓްނަރުކަން ދިނީ އެންމެފަހުން މުބާރާތްވެސް އުންމީދުކުރި ވަރަށް މުބާރާތް ކަވަރު ކޮށްފައިވާތީ. ވަރަށް ބޮޑަށް ޝުކުރުވެސް އަދާކުރަން އެކަމަށް. އެއާއެކު މިއަހަރުގެ ކަވަރޭޖު ދެފަރާތުން ވާހަކަ ދައްކައި، އިތުރަށް ފުރިހަމަ ކުރެވޭނެ ކަމުގެ ބޮޑު އުންމީދެއްވެސް އެބައޮތް. އެއީ އެންމެފަހުގެ މުބާރާތުގެ ކަވަރޭޖު ވެސް ފުރިހަމަކަމުން. ގޯލްޑަން އިން ބޭނުންވާ ފެންވަރުގައި ވަން އަށް މުބާރާތް ކަވަރުކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް. އެހެންވީމަ މިފަހަރުވެސް ކާމިޔާބު ކަވަރޭޖަކާއެކު މުބާރާތް ނިންމާލެވޭނެ ކަމަށް އުންމީދުކުރަން،" ރިލުވާން ވިދާޅުވިއެވެ.
މިއަހަރު ބޭއްވި ގޯލްޑަން ފުޓްސަލް ޗެލެންޖް މުބާރާތުގައި ޖުމުލަ 91 ޓީމު ވާދަކޮށްފައިވެއެވެ. އެ މުބާރާތުގައި 177 މެޗު ކުޅެވިގެން ދިޔަ އިރު، އެ ތަރުހީބު މިފަހަރުގެ މުބާރާތަށް ލިބިގެންދާނެ ކަމުގެ ޔަގީންކަން އެބައޮތެވެ.
މިއަދުން ފެށިގެން މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލާފައިވާ އިރު، އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ފުރަތަމަ ފުރުސަތު ހުޅުވާލީ ރަށްރަށުގެ ކުރިން މުބާރާތުގައި ބައިވެރިކޮށްފައިވާ ޓީމުތަކުގެ މެނޭޖުމަންޓްތަކަށާއި، ކައުންސިލުތަކަށެވެ. އެ މުބާރާތް އިންތިޒާމުކުރާ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް ރިލުވާން ވިދާޅުވީ އަންނަ މަހު 15 ގެ ފަހުން އޯޕަންކޮށް، ރަށްތަކަށް އިތުރު ފުރުސަތެއްވެސް ހުޅުވާލާނެ ކަމަށެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖު ހިންގަމުންދާ ފޯމެޓަކީ މިހާތަނަށް ރާއްޖޭގައި އަތޮޅުތަކުގެ ރަށްތައް ތަމްސީލު ކުރުމަށް ބާއްވާ މުބާރާތެއްގައި ފެނުނު އެންމެ ކާމިޔާބު ފޯމެޓެވެ. އަތޮޅު ފޯރިއާއި ރަށުގެ ފޯރި މުބާރާތުން ފުރިހަމައަށް މީގެ ކުރިންވެސް ފާހަގަވެގެން ގޮސްފައިވާ އިރު، މިފަހަރުގެ މުބާރާތުގެ ފޯމެޓަށް ވަނީ ހެޔޮ ބަދަލެއް ގެނެސްފައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އެންމެފަހުން ބޭއްވި ފޯރިގަދަ މުބާރާތުގެ ޗެމްޕިއަން ޓީމަކީ ތ. ތިމަރަފުއްޓެވެ. އެރަށަކީ ގޯލްޑަން ފުޓްސަލް ޗެލެންޖް އެންމެ ގިނައިން ކާމިޔާބުކޮށްފައިވާ ރަށްވެސް މެއެވެ. 2016 ވަނަ އަހަރާއި 2019 ވަނަ އަހަރުވެސް ގޯލްޑަން ފުޓްސަލް ތަށި ހޯދާފައިވާ ތިމަރަފުށިން ވަނީ މިއަހަރު ފައިނަލުގައި ކ. ގާފަރު ބަލިކޮށް ތަށި ދިފާއުކޮށްފައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް