ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ރޭ މަރުވި ގދ. ހޯޑެއްދޫ/ އަބްދުﷲ ރަޝީދު ފަރުވާއަށް ގެންދިއުމުގައި ފުލުހުން އިހުމާލުވެފައިވާ ކަމަށް ހޯނޑެއްދޫ ކައުންސިލުން ތުހުމަތުކޮށްފިއެވެ.

ގދ. ހޯނޑެއްދޫން އިއްޔެ އަބްދުﷲ ރަޝީދު ހައްޔަރުކުރި ފަހުން އޭނާގެ މެއަށް ތަދެއް އަރައި، ސީޒާއެއް ޖެހުންފަދަ އަލާމަތްތަކެއް ފެނުމާ ގުޅިގެން ފުލުހުން ވަނީ އޭނާ ގދ. މަޑަވެލި ހެލްތު ސެންޓަރަށް ގެންގޮސްފައެވެ.

އޭނާ ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ. އަދި އޭނާ މަރުވި ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހެދުމަށްވެސް ފުލުހުން ވަނީ ނިންމައިފައެވެ.

ހޯނޑެއްދޫ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އަބްދުﷲ ރަޝީދު މަރުވީ ފުލުހުންގެ އިހުމާލުން ކަމަށާއި ހައްޔަރުކޮށްގެން ފުލުހުންގެ ލޯންޗަށް އެރުވި ވަގުތު އޭނާ ފަރުވާއަށް ގެންދަން އެދުމުން ވެސް އެކަމަށް އިންކާރުކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައެވެ.

އެވަގުތު އެ ކައުންސިލުގެ ނައިބު ރައީސާއި މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން، އެ ސަރަހައްދަށް ވަޑައިގެން އޭނާއަށް ފަރުވާ ދިނުމަށް ހެލްތު ސެންޓަރަށް ގެންދިއުމަށް އެދުމުންވެސް ފުލުހުން އެކަމަށް އިންކާރުކޮށްފައިވާ ކަމަށް ކައުންސިލުން ބުންޏެވެ. އަދި ލޯންޗު ތެރޭގައި އޭނާގެ މެޔަށް ތަދުވާކަމަށް ބުނަމުންދިޔަ ކަމަށާއި ނަމަވެސް ފުލުހުން އެކަމަށް އެއްވެސް ވަރަކަށް ސަމާލުކަން ދީފައިނުވާ ކަމަށްވެސް ކައުންސިލުގެ ބަޔާނުގައިވެއެވެ.

"އަބްދުﷲ ރަޝީދަށް ފަރުވާ ދިނުމަށް މަޑަވެލި ސިއްހީ މަރުކަޒަށް ގެންދިއުމުގައި އެތައް އިރެއް ހޭދަވެފައިވާތީ އިއްޔެ ހިނގައިދިޔަ ހިތާމަވެރި މި އަމަލަކީ ވަރަށް ޒިމްދާރުކަން ކުޑަކޮށް ފުލުހުން ހިންގާފައިވާ އަމަލެއް ކަމަށް މި ކައުންސިލުން ގަބޫލު ކުރަމެވެ،" ބަޔާނުގައިވެއެވެ.

އެ ކައުންސިލުން ވަނީ މި މައްސަލަ ވީހާވެސް އަވަހަކަށް، މިނިވަންކަމާއި އިންސާފުވެރިކަމާއެކު ތަހުގީގުކުރުމަށް ގޮވާލައިފައެވެ. އަދި އެކަމުގައި އިހުމާލުވެފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅައި އިންސާފު ހޯދައިދިނުމުގެ މަސައްކަތް އަވަސް ކުރުމަށްވެސް ކައުންސިލުން ގޮވާލާފައިވެއެވެ.

އޭނާ މަރުވި މައްސަލައިގައި ފުލުހުންނަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންދާ އިރު، އޭނާ ހައްޔަރުކުރުމުގައި ހަރަކާތްތެރިވި ފުލުހުން ބޮޑީ ކެމެރާ ބޭނުން ނުކުރާ ކަމަށް އެ މުއައްސަސާއިން ވަނީ ބުނެފައެވެ.

މި މައްސަލައިގައި ބޮޑެތި ތުހުމަތުތަކެއް ފުލުހުންނަށް ކުރެވެމުންދާތީ، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ އެ މައްސަލަ ޕްރޮފެޝެނަލް ސްޓޭންޑާޑުން ބަލަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި ފުލުހުން އިހުމާލުވެފައިވާ ކަމަށް ނުވަތަ އަނިޔާވެރި އަމަލެއް ހިންގާފައިވާ ކަމަށް ތަހުގީގަށް ސާބިތުވެއްޖެނަމަ އެކަމާ ގުޅިގެން ފިޔަވަޅު އެޅުމަށް ފަސް ނުޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މި މައްސަލައާ ގުޅޭ މައުލޫމާތު ފުލުހުން ވަނީ ނޭޝަނަލް އިންޓްގިރިޓީ ކޮމިޝަން (އެންއައިސީ) އާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަށް ހުށަހަޅައިފައެވެ.