ސަރުކާރަށް ލިބޭ އާމްދަނީއެއް ހުއްޓުވުމަކީ ގަބޫލުކުރާ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަދި މޯލްޑީވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ބެހޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ އޮފް ދަ ހޯލް ހައުސްގައި މިއަދު ކުރިއަށްދިޔަ ބަހުސްގައި ވާހަކަދައްކަވަމުން ސިޔާމް ވިދާޅުވީ، ޓެކުހަކީ ގައުމެއްގެ ރައްޔިތުންނަށް ހިދުމަތް ދިނުމަށް ކޮންމެހެން ނަގަންޖެހޭ އެއްޗެއް ކަމަށެވެ.

މިއީ ކޮވިޑުގެ ދަތި އުނދަގޫ ހާލަތުގައި ފަތުރުވެރިކަމުގެ ސިނާއަތާއި ވިޔަފާރިވެރިންނަށް ދިމާވި ބޮޑެތި ގޮންޖެހުންތަކުން އަރައިނުގެނެވިގެން އުޅޭ ދުވަސްވަރެއްކަން ވެސް ސިޔާމްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

"މިދުވަސްވަރު މުޅި ދުނިޔޭގެ ޕޮލިޓިކްސް މިވަނީ ތަގައްޔަރުވެ، ނުރައްކާތެރި ހާލަތަކަށް އައިސްފައި. ޔުކްރޭނާއި ރަޝިއާ ހަނގުރާމަ ފެށުމުގެ ސަބަބުން މުޅި ދުނިޔޭގެ ތެލުގެ އަގު އެތައް ސަތޭކަ ގުނައަކަށް ވަނީ ބޮޑުވެފައި. ހަމަ އެއާއެކު ކާބޯތަކެތީގެ އަގު 40 ޕަސެންޓަށްވުރެ މައްޗަށް އަރައިފި. އެހެންކަމުން އަޅުގަނޑުމެންގެ އިގުތިސާދު ބައްޓަންކުރަމުން މިދަނީ އަޅުގަނޑުމެންގެ ތެރެއިން ލިބެންހުރި އެއްޗެއްގެ މައްޗަށް. އިގުތިސާދުގެ ތެރެއިން އަޅުގަނޑުމެންނަށް އެންމެ ގިނައިން ފައިސާ ލިބޭ އެއް އިންޑަސްޓްރީއަކީ ޓޫރިޒަމް އިންޑަސްޓްރީ،" އޭނާ ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ، މަސްވެރިން މަހަށް މި ފޮނުވަނީ ޓޫރިޒަމް ދާއިރާ ހިންގައިގެން ލިބޭ ފައިސާއިން ސަބްސިޑީ ދީގެން ކަމަށެވެ.

މިއަދު ދުނިޔޭގެ މާކެޓަށް ބަލައިލާ އިރު، ޔޫރޯ އާއި ޕައުންޑްގެ އަގު އިންތިހާއަށް ދަަށްވުމުގެ ސަބަބުން ރާއްޖެއަށް ބުކިން ހަދާ މީހުންގެ ނިސްބަތުން އަގުބޮޑު ނުކުރި ނަމަވެސް ޜޭޓްތަކުގެ އަގު 30 ޕަސެންޓަށްވުރެ ބޮޑުވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން ކުރިއަށްއޮތް ނުވެމްބަރު މަހާއި ޑިސެމްބަރު މަހަށް ފަތުރުވެރިން ބުކިން ހެދި ނިސްބަތް ވޭތުވެދިޔަ ދިހަ އަހަށްވުރެ ދަށްވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކަށް ފައިސާ ބޭނުންވާ ކަމަށާއި، ނަމަވެސް ސަރުކާރަށް ލިބެންޖެހޭ އެއްޗެއް ވަގުތުން ބޮޑުކުރުމަކީ ޓޫރިޒަމް އިންޑަސްޓްރީއަށް ތަންކޮޅެއް އުނދަގޫ ކަމަކަށްވާނެ ކަމަށެވެ.

"ސަބަބަކީ ބެޑް ވިއްކާފައި ހުންނަނީ އެއް އަހަރު ދުވަސް ކުރިއަށް އެގްރީމެންޓް ހަދައިގެން. އެހެން އޮއްވައި، ވަގުތު ނުދީ ޓެކްސް އައިސްފި ކަމަށްވަންޏާ ވިޔަފާރިވެރިންގެ ޖީބުން ނުވަތަ ލޯނު ނަގައިގެން ޓެކްސް ދަންކަން ޖެހޭނެ. އޭގެ ސަަބަބުން ފައިދާ ކުޑަވާނެ،" އޭނާ ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ ސަރުކާރަށް ބޭނުންވާނަމަ ޓެކްސް ބޮޑުކުރަން ޖެހޭ ކަމަށެވެ. ހަމަ އެއާއެކު ސަރުކާރުގެ އެކި ވުޒާރާތަކުން ކޮރަޕްޝަންގެ ގޮތުގައާއި އެހެނިހެން ގޮތްގޮތުން ފައިސާ "ބްލީޑް"ވުން ހުއްޓުވަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.