ރާއްޖޭގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު، އެންމެ ހައިބަތު ބޮޑު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 އަންނަ އަހަރު ފެބްރުއަރީ މަހުގެ ހަތަރުވަނަ ދުވަހު ފެށުމަށް ތާވަލުކޮށްފިއެވެ.
މީގެ ކުރިން ހަ ފަހަރަށް ކާމިޔާބުކަމާއެކު ބާއްވާފައިވާ ގޯލްޑަން ފުޓްސަލް ޗެލެންޖަކީ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިސް ނަގައިގެން އެ އެސޯސިއޭޝަނުން މުޅި ރާއްޖެއަށް އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ މުބާރާތެކެވެ. މުބާރާތް ފޯމެޓް ކޮށްފައިވާ ގޮތުން، އަތޮޅު ބުރުތަކުން ފެށިގެން ގޮސް، ޒޯން ބުރަކާއެކު ދެން ކުޅެވޭނީ ފައިނަލް ބުރެކެވެ. މުޅި ރާއްޖޭގެ ހުރިހާ ހިސާބެއް ޝާމިލުވާނެހެން އެންމެ ކާމިޔާބުކަމާއެކު މިހާތަނަށް ބާއްވަމުން އަންނަ މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖަކީ ރާއްޖޭގެ ފުޓްސަލް ޗެމްޕިއަނުން ހޮވިގެންދާ މުބާރާތެވެ.
މިއަހަރު ބޭއްވި ގޯލްޑަން ފުޓްސަލް ޗެލެންޖް މުބާރާތުގައި ޖުމުލަ 91 ޓީމު ވާދަކޮށްފައިވެއެވެ. އެ މުބާރާތުގައި 177 މެޗު ކުޅެވިގެން ދިޔަ އިރު، އެ ތަރުހީބު މިފަހަރުގެ މުބާރާތަށް ލިބިގެންދާނެ ކަމުގެ ޔަގީންކަން އެބައޮތެވެ.
މިއަދުން ފެށިގެން މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލާފައިވާ އިރު، އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ފުރަތަމަ ފުރުސަތު ހުޅުވާލީ ރަށްރަށުގެ ކުރިން މުބާރާތުގައި ބައިވެރިކޮށްފައިވާ ޓީމުތަކުގެ މެނޭޖުމަންޓްތަކަށާއި، ކައުންސިލުތަކަށެވެ.
އެ މުބާރާތް އިންތިޒާމުކުރާ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް ރިލުވާން މޫސާ "ވަން" އަށް މިއަދު ވިދާޅުވީ އަންނަ މަހު 15 ގެ ފަހުން އޯޕަންކޮށް، ރަށްތަކަށް އިތުރު ފުރުސަތެއްވެސް ހުޅުވާލާނެ ކަމަށެވެ.
"މިއަދުން ފެށިގެން މުބާރާތުގައި ބައިވެރިވުމަށް އަންނަ މަހުގެ 15 އާ ހަމައަށް ފުރުސަތު މި ހުޅުވާލީ ކުރީގެ މެނޭޖުމަންޓްތަކަށް. ދެން މި މުއްދަތުގައި ބައިވެރިވެވޭނީ ކައުންސިލުތަކަށް. ދެން އޭގެ ތެރެއިން އަޅުގަނޑުމެންނާ ހަމައަށް އެ މުއްދަތުގައި އަންނަ ފުރަތަމަ ޓީމަކަށް އިސްކަން ދެވޭނެ. އޭގެ ފަހުން ދެން އޯޕަންކޮށް ފުރުސަތު ހުވާލާނީ،" ރިލުވާން ވިދާޅުވިއެވެ.
މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ފަރާތުން މުބާރާތް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ އޮފިޝަލުންނާ ގުޅައިގެން ފޯމުގެ ކަންކަން ފުރިހަމަކުރުމަށް އެ ޖަމިއްޔާއިން އެދެއެވެ.
ގުޅޭނެ ނަންބަރުތައް: 9994470، 9828868
ގޯލްޑަން ފުޓްސަލް ޗެލެންޖު ހިންގަމުންދާ ފޯމެޓަކީ މިހާތަނަށް ރާއްޖޭގައި އަތޮޅުތަކުގެ ރަށްތައް ތަމްސީލު ކުރުމަށް ބާއްވާ މުބާރާތެއްގައި ފެނުނު އެންމެ ކާމިޔާބު ފޯމެޓެވެ. އަތޮޅު ފޯރިއާއި ރަށުގެ ފޯރި، މީގެ ކުރިންވެސް މުބާރާތުން ފުރިހަމައަށް ފާހަގަވެގެން ގޮސްފައިވާ އިރު، މިފަހަރުގެ މުބާރާތުގެ ފޯމެޓަށް ވަނީ ހެޔޮ ބަދަލެއް ގެނެސްފައެވެ.
ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް ރިލުވާން ވިދާޅުވީ މިދިޔަ އަހަރުތަކުގެ މުބާރާތްތަކަށް ބަލައި، ފޯމެޓަށް ގެންނަން ވިސްނި ބަދަލަކީ ހަ ޓީމަށްވުރެ މަދުން ޓީމުތައް ބައިވެރިވާ އަތޮޅުތަކުގައި ލީގު ބުރު ނިންމައި، އިތުރު ފައިނަލެއް ކުޅޭނެ ގޮތަކަށް ހެދުން ކަމަށެވެ. މީގެ ކުރިން އޮންނަ ގޮތުން ހަ ޓީމަށްވުރެ މަދުން ޓީމުތައް ބައިވެރިވާ އަތޮޅުތަކުގައި، އަތޮޅު ޗެމްޕިއަން ހޮވަނީ ލީގު އުސޫލުން ބަލައިގެން ނަމަވެސް، މިފަހަރު އެ އަތޮޅުތަކުގެ ލީގު ބުރު ނިމޭއިރު އެންމެ ކުރީގައި އޮންނަ ދެޓީމު ވަކިން ފައިނަލެއް ކުޅޭނެއެވެ. އެ އަތޮޅުން ޒޯން ބުރަށް ކޮލިފައިވާނީ ފައިނަލުން ޗެމްޕިއަންކަން ހޯދާ ޓީމެވެ.
މިފަހަރުގެ މުބާރާތުގައިވެސް ހަ ޓީމަށްވުރެ ގިނައިން ބައިވެރިވާ އަތޮޅުތަކުގައި ކުޅޭނީ ދެ ގްރޫޕަށް ޓީމުތައް ބަހާލައިގެންނެވެ. އެހެން ނަމަވެސް ފައިނަލެއްގެ ކުރިން ސެމީ ފައިނަލް ދެ މެޗެއް ކުޅޭނެ ގޮތަށް މިހާރު ވަނީ ނިންމައިފައެވެ. ކުރީގެ އޮންނަ ގޮތުން ލީގު ބުރު ނިމޭ އިރު، ދެ ގްރޫޕުގެ އެއްވަނަވެސް ޒޯނަށް ކޮލިފައިވާ އިރު، ޗެމްޕިއަން ހޮވާނީ ސީދާ ފައިނަލަކުންނެވެ. މިހާރު ގެނެސްފައިވާ ބަދަލާއެކު ލީގު ބުރުގައި ދެ ގްރޫޕުގެ އެއްވަނައާއި ދެވަނަ ކޮލިފައިވާނީ ސެމީ ފައިނަލް ދެ މެޗަކަށެވެ. ފުރަތަމަ ސެމީގައި ކުޅޭނީ ގްރޫޕް އެކެއްގެ އެއްވަނައާއި ގްރޫޕް ދޭއްގެ ދެވަނަ ޓީމެވެ. އަދި އަނެއް ސެމީގައި ކުޅޭނީ ގްރޫޕް ދޭއްގެ އެއްވަނައާއި ގްރޫޕް އެކެއްގެ ދެވަނައެވެ.
އެ ފޯމެޓާއެކު ހަ ޓީމަށްވުރެ އިތުރަށް ޓީމުތައް ބައިވެރިވާ އަތޮޅުތަކުން ޒޯނަށް ދާނީ ސެމީ ފައިނަލުން މޮޅުވާ ދެ ޓީމެވެ. ޗެމްޕިއަންކަން ހޮވާނީ ސެމީ ކާމިޔާބުކުރާ ދެޓީމުގެ ދެމެދުގައި ކުޅޭ ފައިނަލް މެޗުންނެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އެންމެފަހުން ބޭއްވި ފޯރިގަދަ މުބާރާތުގެ ޗެމްޕިއަން ޓީމަކީ ތ. ތިމަރަފުއްޓެވެ. އެރަށަކީ ގޯލްޑަން ފުޓްސަލް ޗެލެންޖް އެންމެ ގިނައިން ކާމިޔާބުކޮށްފައިވާ ރަށްވެސް މެއެވެ. 2016 ވަނަ އަހަރާއި 2019 ވަނަ އަހަރުވެސް ގޯލްޑަން ފުޓްސަލް ތަށި ހޯދާފައިވާ ތިމަރަފުށިން ވަނީ މިއަހަރު ފައިނަލުގައި ކ. ގާފަރު ބަލިކޮށް ތަށި ދިފާއުކޮށްފައެވެ.
މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިންނެވެ. މިފަހަރުގެ މުބާރާތުގެ ކަވަރޭޖުވެސް "ވަން"އިން ތަފާތުތަކާއެކު ފުރިހަމައަށް ގެނެސްދެވޭނެއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް