އެކިއެކި ޓެކްސްގެ ގޮތުގައި ދައުލަތަށް ނުލިބިވާ 15 ބިލިއަން ރުފިޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީރު މިހެން ވިދާޅުވީ، ދައުލަތަށް ލިބެންޖެހި ނުލިބިވާ އަދަދާއި އަދި އެ ފައިސާ ހޯދުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުުމުގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން މަޖިލީހުގެ ބައެއް މެންބަރުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

އަމީރު ވިދާޅުވީ، ދައުލަތަށް ލިބެންޖެހޭ ފައިސާގެ އަދަދު ގާތްގަނޑަކަށް 6.3 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. އަދި އޭގެ ޖޫރިމަނާގެ ގޮތުގައި 8.9 ބިލިޔަން ރުފިޔާ ލިބެންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން އެކި ގޮތްގޮތުން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ޖުމުލަ 15 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ވިދާޅުވިއެވެ.

ނުލިބިވާ އާމްދަނީ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވައި އަމީރު ވިދާޅުވީ، ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަންތައް މީރާއިން ހާމަކުރުމާއި ޓެކްސް ކްލިއަރެންސް ރިޕޯޓް ހުށަހެޅުމަކީވެސް އެކަމަށް އަޅާ ފިޔަވަޅެއް ކަމަށެވެ. އަދި އެކަމުގެ ނަތީޖާ ފެންނަމުންދާ ކަމަށާއި އެކަންކަން އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

އަމީރު އިތުރަށް ވިދާޅުވީ، އޮޕަރޭޓްކުރާ ރިސޯޓުތަކުން ލިބެންޖެހޭ ބިމު ކުލި ހޯދުމަށްޓަކައި، އެކަމާބެހޭ އުސޫލު އިތުރަށް ހަރުދަނާ ކުރަމުންދާ ކަމަށާއި ނަމަވެސް އޮޕަރޭޓް ނުކުރާ ރިސޯޓުތަކުގެ ބިމު ކުލި ހޯދަން ދަތި ކަމަށެވެ. އެ ފައިސާ ހޯދުމަށްޓަކައިވެސް އުސޫލެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.