ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އީގައި ރޭ ކުޅުނު މެޗުގައި އާރްބީ ސާލްސްބާގު ބަލިކޮށް، ޗެލްސީން ގަދަ 16 ޔަގީން ކޮށްފިއެވެ.

ރޭ އޮސްޓްރިއާގެ ސާލްސްބާގު ދަނޑުގައި ކުޅުނު މެޗުން ޗެލްސީ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. އެނަތީޖާއާއެކު ޗެލްސީއަށް ވަނީ ގްރޫޕް އީގައި ކުޅުނު ފަސް މެޗުން 10 ޕޮއިންޓް ލިބިފައެވެ. އެޓީމު ގްރޫޕްގެ ދެވަނައިގައި އޮތް އިރު، އެ ގްރޫޕުގައި ރޭ ކުޅުނު އަނެއް މެޗުގައި 4-0 އިން ޑައިނަމޯ ޒަގްރަބް ބަލިކުރި އޭސީ މިލާން ވަނީ ތާވަލުގެ ދެވަނައަށް ޖެހިލައިފައެވެ.

ގްރޫޕުގެ ދެވަނައިގައި އޮތް މިލާނަށް ފަސް މެޗުން ހަތް ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި އޮތް ސާލްސްބާގަށް ފަސް މެޗުން ހަޕޮއިންޓް ލިބިފައިވެއެވެ. ފުލުގައި އޮތް ޑައިނަމޯ ޒަގްރަބަށްވެސް ހަތަރު މެޗުން ހަތަރު ޕޮއިންޓް ލިބިފައި އޮތް އިރު، ގަދަ 16 ގެ އުންމީދުވެސް އެބައޮތެވެ. އެހެން ނަމަވެސް އެއީ ފަހު މެޗުން ޗެލްސީ ކައިރިން ބޮޑުކޮށް މޮޅުވެއްޖެ ނަމައެވެ. ޑައިނަމޯ ޒަގްރަބް އަތުން ޕޮއިންޓެއް ހޯދިޔަސް ޗެލްސީއަށް އެ ގްރޫޕުގެ އެއްވަނަ ޔަގީންވާނެއެވެ.

ޗެލްސީން މިސީޒަނުގެ ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ ދެމެޗުން އެޓީމަށް ލިބުނީ އެންމެ ޕޮއިންޓެކެވެ. އޭރު ހުރި ކޯޗު ތޯމަސް ޓުޗެލްއާއެކު ޗެލްސީން މާޔޫސްކަމުގައި ގްރޫޕް ސްޓޭޖު ފެށި ނަމަވެސް އަލަށް ޓީމާ ހަވާލުވި ގްރަހަމް ޕޮޓާގެ އިރުޝާދުގެ ދަށުން ފޯމު ރަނގަޅުކުރިއެވެ. އެޓީމުން ވަނީ އެންމެފަހުން ޗެމްޕިއަންސް ލީގުގައި ކުޅުނު ތިން މެޗުވެސް ކާމިޔާބު ކޮށްފައެވެ.

ޗެލްސީން މެޗުގެ 23 ވަނަ މިނެޓުގައި ލީޑު ނެގިއެވެ. އެޓީމަށް ލީޑު ނަގައިދިނީ ކްރޮއޭޝިއާގެ މިޑްފީލްޑަރު މަޓެއޯ ކޮވަސިޗެވެ. ކޮވަސިޗް އެގޯލު ޖެހީ ސާލްސްބާގު އޭރިއާ ތެރެއިން ކައި ހަވާޓްސް އަތުން ގެއްލުނު ބޯޅައެއް، އޭރިއާ ރޮނގުކައިރިން ލިބުމާއެކު އެއްފަހަރުން ބޯޅަ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެންނެވެ. އެބޯޅަ ގޯލަށް ވައްދާލިލަތް ފުރިހަމަކަމުން ސާލްސްބާގު ގޯލްކީޕަރު ފިލިޕް ކޯން ހުރީ ހަރަކާތް ހުއްޓިފައެވެ.

ޗެލްސީގެ ގޯލަށްފަހު އެޓީމުން އިތުރު ފުރުސަތުތައް ތަނަވަސްކުރިއެވެ. ޕިއޭ އެމްރިކް އޮބަމަޔާންއަށް ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ ކޯން މަތަކުރި އިރު، ކޯނަރެއްގައި ތިއޭގޯ ސިލްވާ ބޮލުން ފޮނުވާލި ބޯޅަ ގޯލު ރޮނގުމަތުން ސާފުކޮށްލީ ޑިފެންޑަރެވެ. އިތުރު ގޯލެއް ނުފެނި ހާފު ނިންމާލަން ޖެހުނު އިރު، ދެވަނަ ހާފު ފެށިގެން ކުޑައިރުކޮޅެއްގެ ތެރޭގައި ސާލްސްބާގުން ނަތީޖާ ހަމަހަމަކުރިއެވެ.

މެކްސިމިލިއަން ވޮބާގެ ހިތްގައިމު ޕާހަކުން އެގޯލު ޖަހައިދިނީ ޖީނިއާ އަޑަމޫއެވެ.

ސާލްސްބާގުގެ ގޯލާއެކު ކުޅުން ހަމަހަމަކޮށް ފެނުނު ނަމަވެސް، ޗެލްސީގެ ހަވާޓްސް ތަފާތު ދެއްކިއެވެ. ކްރިސްޓިއަން ޕުލިސިޗް ޖައްސާލި ބޯޅައެއް އޭރިއާ ބޭރުން ހިތްގައިމުކޮށް ކޮންޓްރޯލް ކޮށްލައި، އޭނާ ދުރުން ފޮނުވާލި ހަމަލާ ގޯލަށް ވައްދާލީ މަތީ ދަނޑީގައި ޖައްސަިއފައެވެ. ސީދާ ކަނަށް އަމާޒުކޮށްލި އެ ބޯޅައަށްވެސް ސާލްސްބާގު ގޯލްކީޕަރަކަށް ކުރެވޭނެ މާ ބޮޑު މަސައްކަތެއް ނެތެވެ.

ރޭ އޭސީ މިލާނުން ކުޅުނު މެޗުގެ ގޯލުތައް އެޓީމަށް ޖަހައިދިނީ މަޓެއޯ ގަބިއާއާއި ރެފޭލް ލެއާއޯގެ އިތުރުން އޮލިވިއާ ޖިރޫ އަދި ރޮބާޓް ޖުބިސިޗެވެ.