ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ޕްރޮގްރާމްގެ ދަށުން ކުޅުދުއްފުށީ ސިޓީގެ ޖަލާލުއްދީން ސްކޫލުގައި ކުރިއަށްގެންދާ ސްޕެޝަލް އެޑިއުކޭޝަން ޔުނިޓަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ޖަލާލުއްދީން ސްކޫލްގައި ބޭއްވި ރަސްމިއްޔާތެއްގައި ދިރާގުން ވަނީ އެ ސްކޫލްގެ ސްޕެޝަލް އެޑިއުކޭޝަން ޔުނިޓަށް ބޭނުންވާ އަދި ދަރިވަރުންގެ ކިޔެވުން އިތުރަށް ފުރިހަމަކުރުމަށް ބޭނުންވާ ވަސީލަތްތައް ހަދިޔާކޮށްދީފައެވެ. މީގެ ތެރޭގައި ކޮމްޕިއުޓާ ސިސްޓަމްތަކާއި ފަރުނީޗަރު، ޖިމް ކަސްރަތު ބޯޅަ އަދި އެ ޔުނިޓަށް ބޭނުންވާ އެކި ފޮތްތަކާއި ޕަޒްލްތައް ހިމެނެއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވައި ވާހަކަދައްކަވަމުން ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ ތައުލީމަށް ކުރާ ކޮންމެ ހޭދައަކީ މުސްތަގުބަލަށް ކުރެވޭ މުހިންމު އިންވެސްޓްމެންޓެއް ކަމަށެވެ.
"އެހެންކަމުން ޖަލާލުއްދީން ސްކޫލްގެ ސްޕެޝަލް އެޑިއުކޭޝަން ޔުނިޓަށް ދިރާގުން ފޯރުކޮށްދިން މި ބޮޑު އެހީތެރިކަމަށް ދިރާގުގެ ވެރިންނަށާއި މުވައްޒަފުންނަށް ނުހަނު އިހްލާސްތެރިކަމާއެކު ޝުކުރު އަދާކުރަން. ތި ވެދެއްވި އެހީގެ ސަބަބުން ސްކޫލްގެ ވަސީލަތްތައް އިތުރުވެ، ދަރިވަރުންނަށާއި މުދައްރިސުންނަށް ރަނގަޅު އަދި ދެމެހެއްޓެނިވި ފައިދާއެއް ވާނެކަން ޔަގީން" އާތިފް ވިދާޅުވިއެވެ.
ރަސްމިއްޔާތުގައި ދިރާގުގެ ޑިރެކްޓަރު، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ ކުޑަކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ޒުވާނުން ބާރުވެރިކުރުމަކީ ސީއެސްއާރު ޕްރޮގްރާމްގައި ހާއްސަ އަހައްމިއްޔަތު ކަމެއްދޭ ދާއިރާއެއް ކަމަށެވެ. އެގޮތުން އަބަދުވެސް ރާއްޖޭގެ ތައުލީމީ ދާއިރާއަށް އެހީތެރިވުމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޖުތަމައުތައް ބާރުވެރިކުރުމަށް އިސްކަމެއްދޭނެ ކަމަށް ވިދާޅުވިއެވެ.
ދިރާގުގެ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި ޖަލާލުއްދީން ސްކޫލުގެ ޕްރިންސިޕަލް އައިމިނަތު މުހައްމަދު ވިދާޅުވީ މި ވަސީލަތްތަކުގެ ސަބަބުން ސްކޫލުގެ ސްޕެޝަލް އެޑިއުކޭޝަން ޔުނިޓަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށެވެ. އަދި ޖަލާލުއްދީން ސްކޫލްގެ މަގުސަދެއްކަމަށްވާ އިންކްލޫސިވް އެޑިއުކޭޝަނަށްވެސް ވަރަށް ބޮޑު ބާރަކަށްވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު