ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ މިސީޒަނަށް ޕީއެސްޖީއާއެކު އާކުރި އެއްބަސްވުން ކަމަށްބުނެ ލީކު ކޮށްލާފައިވަނީ ދޮގު މައުލޫމާތުތަކެއް ހިމެނޭ ލިޔެކިޔުންތަކެއް ކަމަށް ކްލަބުން ބުނެފިއެވެ.

މިދިޔަ ސީޒަނުގެ ފަހުކޮޅުގައި އެމްބާޕޭ ސްޕެއިންގެ ރެއާލް މެޑްރިޑަށް ދާން ވަރަށް ބޮޑަށް މަސައްކަތް ކޮށް، އޭނާ ޕީއެސްޖީގައި އެކަމަށް އެދުނުވެސް މެއެވެ. އެމްބާޕޭ ރެއާލްއަށް ދިޔުމަށް، ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒަށް ޔަގީންކަން ދިން ނަމަވެސް ހާލަތު ބަދަލުވީ ޕީއެސްޖީގެ އާ އެއްބަސްވުމަކާއެކުގައެވެ. އެއެއްބަސްވުމަކީ ފުޓުބޯޅަ ތާރީހުގައި ކުޅުންތެރިޔަކަށް ހުށަހެޅި އެންމެ ބޮޑު އެއް އެއްބަސްވުން ކަމަށް އޭރުވެސް މީޑިއާތަކުން ރިޕޯޓު ކޮށްފައިވެއެވެ. އެހެން ނަމަވެސް ޕީއެސްޖީން އެއެއްބަސްވުމުގެ ތަފްސީލު ހާމަކޮށްފައެއް ނުވެއެވެ.

މީގެ ދެ ދުވަސްކުރިން އެމްބާޕޭގެ އެއްބަސްވުން ކަމަށް ބުނެ ޑޮކިއުމެންޓްތަކެއް ލީކުކޮށްލާފައި ވަނީ ފްރާންސްގެ އިތުބާރު ނޫހެއް ކަމަށްވާ ލެ ޕެރިސިއެންއިންނެވެ. އެނޫހުގައި ބުނެފައިވާ ގޮތުގައި އެމްބާޕޭގެ ތިން އަހަރުގެ އެއްބަސްވުމުން އޭނާއަށް މުސާރައިގެ އިތުރުން ބޯނަސް ފައިސާގެ ގޮތުގައި 550 މިލިއަން ޕައުންޑްގެ އާމްދަނީއެއް ލިބޭނެއެވެ. އެއްބަސްވުމުގައި ވާ އަދަދަކީ ހަގީގަތެއް ނަމަ، އެމްބާޕޭ ވެގެންދާނީ ފުޓުބޯޅަ ތާރީހުގައި އެންމެ ބޮޑު މުސާރައެއް ލިބުނު ކުޅުންތެރިޔާއަށެވެ.

މީގެ ކުރިން އެންމެ ބޮޑު މުސާރައެއްގައި ހުރި ކުޅުންތެރިޔަކީ ލިއޮނެލް މެސީއެވެ. އޭނާ 2017 އިން 2021 ވަނަ އަހަރާ ހަމައަށް ބާސެލޯނާއާއެކު ހަދާފައިވާ އެއްބަސްވުމުގައި ބޮޑެތި ބޯނަސްތަކެއްގެ އިތުރުން ބޮޑު މުސާރައެއްވެސް ހިމަނާފައިވެއެވެ. ލެ ޕެރިސިއަންއިން ބުނެފައި ވަނީ އެމްބާޕޭއަށް އަހަރެއްގެ މައްޗަށް ސާފު މުސާރައިގެ ގޮތުގައި 62.5 މިލިއަން ޕައުންޑް ޖެހޭނެ ކަމަށެވެ. އަދި އޭގެއިތުރުން ދެއަހަރަކަށް ބަހާލައިގެން، ކޮންމެ އަހަރަކު 156.4 މިލިއަން ޕައުންޑްގެ ބޯނަހެއްވެސް އެމްބާޕޭއަށް ލިބޭ ގޮތަށް އެއްބަސްވުމުގައި ވާ ކަމަށް ލެ ޕެރިސިއަންއިން ބުނެފައިވެއެވެ.

ޕީއެސްޖީއާއި އެމްބާޕޭއާ ދެމެދު ވެފައިވާ އެއްބަސްވުމާއި ގުޅިގެން ލީކުވެފައިވާ ލިޔެކިޔުންތަކާ ގުޅިގެން ޕީއެސްޖީން ވަނީ ބަޔާނެއް ނެރެފައެވެ. ޕީއެސްޖީއާ ހަވާލާދީ ފަބްރީޒިއޯ ރޮމާނޯ ބުނެފައި ވަނީ، އެ ހުރިހާ ވާހަކައެއް ޕީއެސްޖީން ދޮގުކުރާ ކަމަށާއި، އެ ހަބަރުތައް ފެތުރި ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް އެކްލަބުން ތައްޔާރުވާ ކަމަށެވެ.

ޕީއެސްޖީއާ އެމްބާޕޭ މި ސީޒަނަށް ނުކުތީ ނުތަވަސް އަހަރަކަށްފަހު އެކަންކަން ހައްލު ކޮށްގެން ނަމަވެސް، މި ސީޒަނުގެ ތެރެއިންވެސް އެމްބާޕޭ ޕީއެސްޖީއާ ދޭތެރޭ ނުރުހުނު ކަމަށް އިތުބާރު ނޫސްތަކުން ވަނީ ރިޕޯޓު ކޮށްފައެވެ. އެހެން ނަމަވެސް އެކަން މިހާރު އެމްބާޕޭ ވަނީ ދޮގު ކޮށްފައެވެ.