ޅ. ނައިފަރުގައި ތަރައްގީކޮށްފައިވާ 100 ފްލެޓްގައި މަރާމާތުގެ ބޮޑެތި މައްސަލަތަކެއް ހުރި އިރުވެސް އެ މައްސަލަތައް ހައްލުނުކޮށް ގިނަ ދުވަސްތަކެއްވަމުންދާ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް ހައުސިން މިނިސްޓްރީން މިއަދު ދޮގުކޮށްފިއެވެ.

ޑިޒައިން އެންޑް ބިލްޓް އުސޫލުގެ ދަށުން 2020 ވަނަ އަހަރު ނައިފަރުގެ ފުލެޓްތައް އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އަށް 72 މިލިއަން ރުފިޔާއަށެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ފްލެޓްތަކުގައި މައްސަލަތަކެއް ހުރި ކަމަށް މިދިޔަ މެއި މަހުގެ 19 ވަނަ ދުވަހު އެރަށު ކައުންސިލުން ޕްލޭނިން މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ.

އެހެންވެ އާރްސީސީއާ އެކު މަޝްވަރާތައް ކުރިއަށް ގެންގޮސް ފްލެޓްތަކުގައި ހުރި މައްސަލަތައް ބެލުމަށް އެ ކުންފުނީގެ ޓީމެއް މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހު ނައިފަރަށް ގޮސް ކައުންސިލާ ބައްދަލުކުރުމަށްފަހު 12 ޖޫންގައި ކައުންސިލުން ފާހަގަކޮށްފައިވާ ކަންކަން ހައްލުކުރަން ފެށި ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.

"އެގޮތުން ކައުންސިލުން ފާހަގަކުރި ހުރިހާ މަރާމާތުތަކެއް ނިންމައި ކައުންސިލްގެ އެޕްރޫވަލް ހޯދާފައިވޭ،" ޕްލޭނިން މިނިސްޓްރީން ބުންޏެވެ.

އެ މަރާމާތުގެ އިތުރުން އެހެން ބޮޑު މަރާމާތެއް ކުރުމަށް ކައުންސިލުން ހުށަހަޅާފައިނުވާ ކަމަށެވެ. އަދި އެއްވެސް ފަރާތަކުން ފްލެޓްތަކުގެ މަރާމާތާ ގުޅޭ އެއްވެސްކަމެއްގައި މިނިސްޓްރީއަށް ހުށަހަޅައިފިނަމަ ނުވަތަ ސަމާލުކަމަށް ގެނެސްފިނަމަ އެކަމަކަށް އެޓެންޑް ވަމުންދާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ އެ މަސައްކަތުގެ އެއްބަސްވުމުގައިވާ ގޮތުން އެއް އަހަރު ދުވަހުގެ މުއްދަތައް (ޑިފެކްޓްސް ލަޔަބިލިޓީ ޕީރިއަޑް)ގައި ފްލެޓްތަކަށް ލިބޭ ގެއްލުންތައް އާރްސީސީން މަރާމާތު ކުރަމުންދާނެ ކަމަށެވެ.

"ނަމަވެސް ތަނުގައި ދިރިއުޅޭ ފަރާތްތަކުން އިމާރާތަށް ގެންނަ އެއްވެސް ބަދަލެއް ޑިފެކްޓްސް ލަޔަބިލިޓީ ތެރޭގައި ނުހިމެނޭ،" ޕްލޭނިން މިނިސްޓްރީން ބުންޏެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިދިޔަ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހު ނައިފަރަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އެ ފުލެޓްތައް ރަސްމީކޮށް ހުޅުވައިދެއްވައި، އެރަށުގެ ކައުންސިލާ ހަވާލުކުރައްވައިފައެވެ. އެ ފުލެޓްތަކުގައި މާޗު މަހުން ފެށިގެން މީހުން ދިރިއުޅެމުން އަންނައިރު، ފުރަތަމަ ތިން މަހު ކުލި ދައްކަން ނުޖެހޭގޮތަށް ސަރުކާރުން ވަނީ ހަމަޖައްސައިދީފައެވެ.

ނައިފަރުގައި އިމާރާތްކުރި ފްލެޓުތަކަށް މަހު ކުލީގެ ގޮތުގައި 5،000 ރުފިޔާ ދައްކަން ޖެހެއެވެ. އެއީ 20 އަހަރަށް ބަހާލައިގެން ޖުމްލަ 1.2 މިލިއަން ރުފިޔާއެވެ.

ނައިފަރުގައި އިމާރާތްކޮށްފައިވަނީ 1،000 އަކަފޫޓުގެ ތިން ކޮޓަރީގެ ޖާގައިގެ އެޕާޓުމަންޓްތަކެވެ. އެތަނުގައި ސިޓިންރޫމަކާއި ބަދިގެއެއް ހުންނާނެއެވެ.

ނައިފަރު ކައުންސިލުން ލަފާލުރާ ގޮތުގައި އެ ހައުސިން ޔުނިޓުތަކަށް އެރަށުގެ 600 އެއްހާ މީހުން ޖަމާވާނެއެވެ.