ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ނައިބު ރައީސްކަމަށް ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވި މައްސަލަ ދިރާސާކުރުމަށް ފަހު، އެ މަގާމަށް އައްޔަންކުރި ހއ. އިހަވަންދޫ، އާޒާދީބަހާރުގެ، މުހައްމަދު ފިރާޒަށް މަޖިލީހުގެ ރުހުން ދޭން ފެންނަ ކަމަށް ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީން އެ މައްސަލަ ދިރާސާ ކުރުމުގެ ތެރެއިން، ފިރާޒް ކޮމިޓީއަށް ހާޒިރުކޮށް ކޮމިޓީގެ މެމްބަރުން ވަނީ މައުލޫމާތު ސާފު ކުރުމަށް ސުވާލު ކުރައްވައިފައެވެ.

އޭނާއާ ސުވާލު ކުރުމަށްފަހު، އޭނާއަށް ރުހުންދޭން ކޮމިޓީން ފާސްކުރީ އެވަގުތު ކޮމިޓީގައި ތިއްބެވި 14 މެމްބަރުންގެ އިއްތިފާގުންނެވެ.

ޕްރައިވަޓައިޒޭޝަން ބޯޑް އެކުލެވިގެންވަނީ ބޯޑުގެ ރައީސާއެކު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ހަތް މެމްބަރުންގެ މައްޗަށެވެ.