ރާއްޖޭގައި ދުވާލެއްގެ މައްޗަށް 1،200 އެއާޓްރެފިކް މޫވްމަންޓް ހިނގާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފިއެވެ.
ބައިނަލްއަގުވާމީ އެއާ ޓްރެފިކް ކޮންޓްރޯލްގެ ހިދުމަތަށް 100 އަހަރު ފުރުން ފާހަގަކުރަން މިދިޔަ ބުރާސްފަތި ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ ޑެޕިއުޓީ ސީއީއޯ އިބްރާހިމް ތޯހާ ވިދާޅުވީ ރާއްޖޭގެ އެއާޓްރެފިކް މޫވްމެންޓަށް ބަލާއިރު އެންމެ ޑިމާންޑު ބޮޑީ ވީއައިއޭއަށް ކަމަށާއި އެގޮތުން ވީއައިއޭގައި ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 800 އެއާ ޓްރެފިކް މޫވްމެންޓްސް ރެކޯޑުކުރެވޭ ކަމަށެވެ.
ރާއްޖޭގައި މިވަގުތު 17 އެއާޕޯޓެއް އޮޕަރޭޓުކުރަމުން އަންނައިރު، މި އަހަރު ނިމުމުގެ ކުރިން އިތުރު އެއާޕޯޓެއް ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސީޕްލޭންތަކަށް 100 އެއްހާ ފްލޯޓިން ޕްލެޓްފޯމް ހުރި އިރު، ތޯހާ ވިދާޅުވީ މުޅި ރާއްޖެއަށް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 1،200 އެއްހާ އެއާ ޓްރެފިކް މޫވްމެންޓް ރެކޯޑު ކުރެވިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ޕީކް ސީޒަނުގައި މި އަދަދުތައް އިތުރުވާނެ ކަމަށް ވިދާޅުވިއެވެ.
ތޯހާ ވިދާޅުވީ މި ތަފާސްހިސާބުތަކުން މުޅި ރާއްޖޭގައި ރައްކާތެރި އަދި ފައިދާހުރި އެއާ ޓްރެފިކް އޮޕަރޭޝަންތައް ހިންގަން ޖެހޭކަން ހާމަވާ ކަމަށާއި އެ މަގުސަދު ހާސިލުކުރުމަށް އެމްއޭސީއެލްގައި އެއާޓްރެފިކް ކޮންޓްރޯލްގައި އެންމެ ޒަމާނީ ޓެކްނޮލޮޖީ ގާއިމްކޮށްފައިވާ ކަމަށެވެ. އަދިި ގްރައުންޑް އޮޕަރޭޝަންތަކާ އެކު އެއާ ޓްރެފިކް ކޮންޓްރޯލަރުން ގުޅިގެން ހުރިހާ އެންމެންނަށް ވެސް ފައިދާހުރި އަދި ރައްކާތެރި ދަތުރުތަކެއް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އެއާ ޓްރެފިކް ކޮންޓްރޯލަރުން އަދާކުރަމުން އަންނަ މުހިންމު ދައުރު ފާހަގަކުރައްވައި ތޯހާ ވިދާޅުވީ ސަލާމަތާއި ރައްކާތެރިކަމާ އެކު އެއް ތަނުން އަނެއް ތަނަށް ދަތުރުކުރުމަކީ ވަރަށް ގިނަ ބައެއްގެ ވަރަށް ބުރަ މަސައްކަތެއް ކަމަށާއި އެކަމުގައި އެއާ ޓްރެފިކް ކޮންޓްރޯލަރުންގެ ދައުރު ވަރަށް ބޮޑު ކަމަށެވެ. އަދި ވީއައިއޭގެ ޕެރެލަލް ޓެކްސީވޭއަކާ އެކު ދާދި ފަހުން ބޭނުން ކުރަން ފެށި އާ ކޯޑް-އެފް ރަންވޭ އޮޕަރޭޓް ކުރަން ފެށުމަށްޓަކައި، އެއާ ޓްރެފިކް ކޮންޓްރޯލަރުން އެ އޮޕަރޭޝަން ވަރުގަދަކޮށް ރައްކާތެރިކޮށް ކުރިއަށް ގެންދިއުމަށް ތަމްރީނުތަކެއްގެ އެތައް މަރުހަލާތަކެއް ތަހައްމަލުކޮށްފައިވާ ކަމަށް ތޯހާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު