ދަރަނި އަނބުރާ ދެއްކުމަށް ފައިސާ ނުލިބޭގޮތަށް މިވަގުތު އެހެން ހަރަދުތައް ކުރުމަކީ ރައްޖޭގެ އިސްތިގުލާލަށް ހުރި ނުރައްކަލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލިސް ރައީސް މިހެން ވިދާޅުވީ، ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޓެކްސްބިލަށް މުޅި މަޖިލީހުގެ ކޮމިޓީ ބަހުސްގެ ތެރެއިން ވާހަކަފުޅުދައްކަވަމުންނެވެ.
މަޖިލިސް ރައީސް ވިދާޅުވީ، ދިމާވެގެން އުޅޭ މައްސަލައަކީ ދައުލަތުގެ ދަރަނި ދެެއްކުމަށާއި ހަރަދުކުރުމަށް ބޭނުންވާ ފައިސާ ނުލިބުން ކަމަށާއި އޭގެ ތެރެއިންވެސް ކުރަންޖެހިފައިވާ އެންމެ ބޮޑު ހަރަދަކީ އަނބުރާ ދަރަނި ދެއްކުން ކަމަށެވެ.
ބިލުުގެ ބަހުސްގައި ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް މެންބަރުން ގޮވާލައްވަމުން ގެންދަވާކަން ފާހަގަކުރައްްވައި މަޖިލިސް ރައީސް ވިދާޅުވީ، މެންބަރުން ފާހަގަކުރައްވާ ހަރަދުތައް ކުޑަނުކޮށް ފަރުޖެހެން އޮތް ކަމަށް ދެކުން ބުއްދިވެރިއެއް ނޫން ކަމަށވެ. އަދި ބޮޑުކުރަން ހުށަހަޅާފައިވާ މިންވަރަށް ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރިއަސް އޭގެން ދައުލަތަށް ލިބޭނީ 2.3 ބިލިއަން ރުފިޔާ ކަމަށާއި އެއީ ބަޖެޓް ޑެފިސިޓް ފޫބެއްދޭނެ މިންވަރެއްވެސް ނޫން ކަމަށް ވިދާޅުވިއެވެ.
"ޓެކުހުން އެވަރު ލިބުނަސްވެސް އަދި އެތައް ތަނަކުން ހަރަދު ކުޑަކުރަން މަޖުބޫރުވޭ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
މަޖިލިސް ރައީސް އިތުރަށް ވިދާޅުވީ، ޓެކްސް ބޮޑުކޮށްފިނަމަ ޑިމާންޑަށް ކުރާނެ އަސަރަކީ ކޮބައިތޯ ބަލަންޖެހޭ ކަމަށާއި އެކަމުގެ ސަބަބުން ގެސްޓްހައުސްއާއި ސަފާރީތަކުގެ މާކެޓަށް އަންނަނާނެ ބަދަލު ބަލައި، ބުކިންއަށް އަންނާނެ ބަދަލުތަކާބެހޭ ގޮތުން ސަރުކާރުން ހިސާބު ޖަހަންޖެހޭނެ ކަމަށެވެ. އެހެންނޫން ނަމަ ޓެކްސް ބޮޑު ކުރިއަސް އުއްމީދުކުރާ ނަތީޖާ ފެނިގެންނުދާނެ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު