ފޯޅަވައްސަކީ މިވަގުތު ވަކި ގައުމެއްގެ ތަނެއް ނޫން ކަމަށާއި އިނގިރޭސިން އެތަން ބަލަހައްޓަމުން އައި ނަމަވެސް އެއީ ރާއްޖޭގެ ތަނެއް ނޫންކަމަށް ބުނެވޭނެ ޖާގައެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ރާއްޖެ އާއި މޮރީޝަސް ބޯޑަރު މައްސަލައިގައި ގޮތެއް ނިންމާއިރު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން މިހާތަނަށް ނިންމާފައިވާ ގޮތުގައި ޗާގޮސް އައިލެންޑްސް އިނގިރޭސިވިލާތަކީ ސަރަހައްދެކެވެ. އެކަމަށް ރާއްޖެއިން މީގެ ކުރިން އަންނަނީ ވޯޓު ދެއްވަމުންނެވެ. ނަމަވެސް ރާއްޖޭގެ ސްޓޭންޑް ބަދަލުކޮށް އެ މައްސަލައިގައި މޮރިޝަސް ކޮޅަށް ވޯޓުދޭން ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ.

މޮރިޝަސް ކޮޅަށް ވޯޓުދިނުމުން ރާއްޖެއިން ބައެއް ގެއްލިދާނެ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންދާއިރު އިޓްލޮސްގައި ރާއްޖެ ތަމްސީލުކުރައްވާ ގާނޫނީ ޓީމްގެ އިސް ވަކީލު ޕްރޮފެސަރު ޕަޔަމް އަކަވަން ވަނީ ރާއްޖެ އާއި މޮރީޝަސް ބޯޑަރު މައްސަލައިގައި ގޮތެއް ނިންމާއިރު ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުން ބައެއް ގެއްލިގެން ނުދާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފޯޅަވައްސަކީ ޗާގޮސް އަތޮޅުތަކުގެ ތެރެއިން އަތޮޅެއް ކަމަށާއި ޔޫރަޕް މީހުުން އެތަނަށް ކިޔައި އުޅެނީ "ޕެރޮސް ބަންހޮސް" ކަމަށެވެ. އަދި އިހުޒަމާނުގައި ފޯޅަވައްސަކީ މީހުން ދިރިއުޅޭ ތިޔާގި ރަށެއް ކަމަށާއި 1500 ގެ އަހަރުތަކަށް ފަހު ކުރަހަމުން އައި ގިނަ ޗާޓުތަކުގައި އައްޑޫގެ ދެކުނުން އެވާ އަތޮޅަކީ އެއީ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ދިވެހި ނެވިން ރާއްޖޭގެ ސަރަހައްދު ބަޔާން ކުރަނީ ފޯޅަވައްސާއެކު. ފޯޅަވަހި އެއީ ރާއްޖޭގެ ރަށެއް ކަމަށް ބުނުމަށް ކިތަންމެ ތާރީހީ އަދި ސަގާފީ ގުޅުމުގައި ހެކި އެބަހުރި" ނަޝީދުގެ ޓުވީޓުގައި ވިދާޅުވި އެވެ.

ނަޝީދު އިތުރަށް ވިދާޅުވީ 1560 ވަނަ އަހަރު ނުވަ ވަނަ ހަސަން ރަސްގެފާނުގެ ސިޓީއެއްގައި ފޯޅަވަހީގެ ހަތް ރަށް އެއީ ރާއްޖޭގެ ރަށްރަށް ގޮތުގައި އެ ރަދުންވެސް ބަޔާންކުރައްވާފައިވާ ކަމަށެވެ.