އިނގިރޭސިބަހުން ވައިޓްޓާރންއޭ ކިޔޭ ދޫންޏަށް ރާއްޖޭގެ އެންމެ ދެކުނުގައި ކިޔަނީ ދޮންދީނާ، މިހެންނެވެ. މިއީ ކަނޑާއި އެއްގަމުގައި އުޅޭ ހުދުކުލައިގެ ދޫންޏެކެވެ. މީގެ ތުނބާއި ފައި ހުންނަނީ ކަޅުކުލައިގައެވެ. ބިސްއަޅަނީ ބިޔަ ގަސްގަހަށާއި ރުއްރުކަށެވެ. ދިވެހިރާއްޖޭގައި މިދޫނި އުޅެނީ ހަމައެކަނި އައްޑުއަތޮޅުގައެވެ. އިންޑިޔާކަނޑުގެ ޖަޒީރާތަކުގެ ތެރެއިން ދެން މިދޫނި އުޅޭކަމަށް މަޝްހޫރު އަނެއްތަނަކީ ސީޝެލްސްއެވެ. މިދޫނި ޚާއްސަވާ ސަބަބުތަކުގެ ތެރެއިން އެއްސަބަބަކީ އެސޮރުމެން އުޅޭ ތަނެއްގައި ކާޅަށް ފުރުސަތެއް ނެތުމެވެ. އެގޮތުން އައްޑުއަތޮޅުގައިވެސް ކާޅެއް ނޫޅެއެވެ. އެހެންނަމަވެސް މިހާރު އައްޑުއަތޮޅުގެ ރަށްރަށުގައި ބިޔަ ގަސްތައް މަދުވެ ދޮންދީނާގެ މާހައުލަށް ނުރައްކާތަކެއް ކުރިމަތިވެފައިވާތީ އެސޮރުމެންގެ އާބާދީ ވަނީ ބޮޑުތަނުން މަދުވެފައެވެ. މުޅިން ނެތިގެންދިއުމުގެ ބިރުވެސް އެބައޮތެވެ.
ރާއްޖޭގެ އެހެން އެއްވެސް އަތޮޅެއްގައި ދޮންދީނި ނޫޅޭތީއާއި އަދި އައްޑުއަތޮޅާއި ޖެހިގެން ނުހަނު ކައިރީގައި އޮންނަ ފުއައްމުލަކުގައިވެސް ދޮންދީނި ނޫޅޭތީ އައްޑުއަތޮޅަށް މިދޫނި ތައާރަފުވިގޮތާމެދު އެންމެ އެވޭލާ ޒަމާނުން ފެށިގެން ކިޔައި އުޅޭ ވާހަކައެއް އޮވެއެވެ. އެސޮރުމެންނާއި ގުޅޭ ފޯކްލޯރެއް އޮވެއެވެ. މިއީ ދޫދޫމަތިން ކިޔެމުން އަންނަ ވާހަކައެކެވެ. މިވާހަކައިގެ މައިގަނޑަކީ މިއެވެ. އައްޑުއަތޮޅު އިސްލާމްވިތާ ގިނައަހަރުތަކެއް ނުވެ އެއަތޮޅު މީދޫއަށް ކޮންމެވެސް ކަހަލަ ނުރައްކާތެރި ގިލަންވެރިކަމެއް ކުރިމަތިވެއްޖެއެވެ. މާގިނައިން މީހުން މަރުވަނީއެވެ. ރަށުތެރޭގައި ބުޅާ ގިނަވެފައި ރޫހުތައްވެސް ފެންނަނީއެވެ. މިކަމާ ބިރުން ރަށްދޫކޮށް އެންމެން ފައިބައިފިއެވެ. އެންމެ ގިނަބަޔަކާއެކު ރަށުގެ ވެރިޔާ ޔަހުޔާ ނާއިބު ހިޖުރަކުރީ ފުއައްމުލަކަށެވެ.
ޔަހުޔާ ނާއިބުގެ ވަރަށް ރީތި އަންހެންކުއްޖަކު ހުރެއެވެ. ނަމަކީ ޚަދީޖާބޫއެވެ. މީނާގެ ކައިވެނިކޮށްދޭން ޔަހުޔާ ނާއިބު އެދެނީ މީދޫއަށް ކުރިމަތިވެފައިވާ ނާމާންކަން ފިލުވައި، ރަށް އަމާންކޮށް އަލުން އާބާދުކޮށްދޭ މީހަކާއެވެ. މީދޫ ފަޅުވެފައި އޮންނަތާ ނުވަ އަހަރުފަހުން ޚަދީޖާބޫގެ ކައިވެންޏަށް އެދިގެން މިމަސައްކަތާ ކުރިމަތިލީ ފުއައްމުލަކު ހާނެއިކަލޭގެއޭ ކިޔުނު ޒުވާނެކެވެ. މީނާގެ ބަފައި ދޮންސީދިކަލޭގެއަކީ ނުހަނު ބޮޑު ކަންވެރިއެކެވެ. ޖަމާއަތެއްގެ ބަޔަކު ގޮވައިގެން މިދެބަފައިން މީދޫއަށްގޮސް ނުބައި ރޫހުތަކުގެ ބިރުވެރިކަން ނައްތައިލުމަށް ފަންޑިތަހެދީއެވެ. ފަޅުތެރެއިން ބޮޑެތި ހިރިތައް ނަގައިގެން ކޯގަންނަށް ގެނެސް އެތަނުގައި ހިރިގަލުގެ އުސް މިންބަރެއް ހަދައިގެން ކިޔެވެލިކިޔަވާން ދޮންސީދިކަލޭގެ އަރައި އިންނަނީ މި މިންބަރަށެވެ.
އެތަނުގައި ތަކުބީރުކިޔައި، ބަންގިގޮވައި، އެނޫންވެސް ކިޔެވެލި ކިޔެވުމުގައި ސާޅީސްރެޔާއި ސާޅީސް ދުވަސް ހޭދަކުރިކަމަށްވެއެވެ. މިކަން އެންމެ ފުރަތަމަ ފެށިއިރު އެސަރަހައްދުގައި އާދަޔާ ޚިލާފަށް ކާޅު ގިނަވެފައި ކާޅު ހޭރޭއިރު ނާމާން ބިރުވެރި ގޮތެއް ހުންނަކަމަށްވެއެވެ. ސާޅީސްވަނައަށްވީ ދުވަހު ކުއްލިއަކަށް ހުރިހާ ކާޅުތައް ގެއްލިފައި ކޯގަންނުގެ ބޯދާ މިސްކިތުގެ ފުރާޅުމައްޗަށް އައިސް ތިރިކޮށްލިތަން ފެނުނީ އިހަށް ނުދެކޭ ޒާތުގެ ހުދުކުލައިގެ ދެ ދޫންޏެވެ. ސައިޒާއި ބައްޓަމުގެ ގޮތުން ކާޅާއި ދާދި އެއްވަރުގެ ދޫންޏެކެވެ. ތަފާތީ ކުލައެވެ. މިތަން ބަލަން ހުރެފައި ދޮންސީދިކަލޭގެ ބުންޏެވެ. މިހިސާބުން ރަށް އަމާންވީއެވެ. ކިޔެވެލިވެސް ނިމުނީއެވެ. ކާޅުތަކުގެ ދުވަސް ދިޔައީއެވެ. ދެން މިރަށާއި މިއަތޮޅުގައި އުޅޭނީ އެފެންނަ ދޫނިތަކެވެ. އެއީ ދޮންސީދިކަލޭގެ ދޮންދީނާއެވެ.
އަދިވެސް ދޮންސީދިކަލޭގެ ބުނިކަމަށްވެއެވެ. މިރަށާއި މިއަތޮޅުގައި ދޮންދީނި އުޅޭހައި ދުވަހަކު ދެން އެއްވެސް ނާމާންކަމެއް، ބިރުވެރިކަމެއް ނެތެވެ. އެފަދަކަމެއް ދެން ކުރިމަތިވިޔަސް ކުރިމަތިވާނީ ދޮންދީނި މިއަތޮޅު ދޫކޮށް ދިޔަ ދުވަހަކުންނެވެ. ކާޅުތައް އެނބުރި އައިދުވަހަކުންނެވެ. އެކަމަށް ސަމާލުވެގެން ތިބޭށެވެ. ދޮންދީނާއަށް ދެރަގޮތެއް ނުހަދާށެވެ. ކޮންމެއަކަސް ދޮންސީދިކަލޭގެ އެ އިޝާރާތްކުރި ދޮންދީނާއަކީ އައްޑުއަތޮޅުގައި އޭގެކުރިން އުޅުނު ދޫންޏެއް ނޫނެވެ. އެދޫނި ތައާރަފުވީ ދުވަހުން ފެށިގެން ކާޅެއްވިޔަސް، ބާޒެއްވިޔަސް، އެޒާތުގެ އުނދަގޫކުރާ ދޫންޏަކަށް އައްޑުއަތޮޅުގެ ޖައްވުން ޖާގައެއް ނޯވެއެވެ. ދޮންދީނާމެން ބައިހަދައިގެން އައިސް އެޒާތުގެ ދޫންޏެއް އިސާހިތަކު ފައްސައިލައެވެ. އައްޑުއަތޮޅުގެ ޖައްވުގައި އޭގެފަހަށް އޮންނަނީ މުޅިންވެސް ދޮންދީނާގެ ބާރެވެ.
މީދޫ ފަޅުވުމަށް މެދުވެރިވީ ނާމާންކަމެއް އޮވެގެންކަމަށް ގަބޫލުކުރެވޭތީ އެފަދަ ކަމެއް ދެން ތަކުރާރުނުވާނޭހެން ރަށް އަމާންކުރުމުގެ ގޮތުން ކޮންމެ ހިޖުރީ އަހަރެއްގެ ރަޖަބުމަހުގެ ހަތާވީސް ވަނަ ދުވަހު މާލޫދެއް ކިޔާންވެސް ދޮންސީދިކަލޭގެ ވަސިއްޔަތް ކުރިކަމަށްވެއެވެ. އެ މާލޫދަށް ކިޔަނީ ލައްބު މާލޫދެވެ. ކޮންމެ ހުކުރުވިލޭރެޔަކާއި ހޯމަވިލޭރެޔަކު މީހުން ދިރިއުޅޭ ކޮންމެ ގެއެއްގައި ތުންޖީނާ ސަލަވާތްކިޔެވުމަށްވެސް އޭނާ ވަސިއްޔަތް ކުރިކަމަށް ބުނެވެއެވެ. ވަރަށް ފަހަކާ ހަމައަށްވެސް މިއާދަ ހަމަ މިގޮތަށް ދެމިގެން އައިސްފައިވެއެވެ. އެހެންނަމަވެސް ޒަމާނަށް އައި ބަދަލާއި އަދި މީސްތަކުންގެ ފިކުރާއި ޚިޔާލަށްވެސް އައި ބަދަލާއެކު މިކަންކަމަކީ ބިދުއަކަމަށް ބައެއް މީހުންނަށް ފެންނާތީ މިކަންކަން މިހާރުވަނީ މުޅިން ހުއްޓުމަކަށް އައިސްފައެވެ.
ދިވެހިރާއްޖޭގެ ތާރީޚު
ދިވެހިރާއްޖޭގެ ތާރީޚު
ދިވެހިރާއްޖޭގެ ތާރީޚު
ދިވެހިރާއްޖޭގެ ތާރީޚު