ޗާގޮސް އައިލެންޑްސްއަކީ މޮރީޝަސްގެ ބައެއް ކަމަށް ތާއިދުކުރަން ނިންމީ އިންޑިއާގެ ނުފޫޒު ނޫން ކަމަށް ސަރުކާރުން ބުނެފިއެވެ.
ކުރީގެ އެޓާނީ ޖެނެރަލް ޑރ. މުހައްމަދު މުނައްވަރު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ރާއްޖެއިން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭން ނިންމީ އިންޑިއާގެ ނުފޫޒުން ކަމަށް ތުހުމަތުކުރައްވައިފައެވެ. މުނައްވަރު ވިދާޅުވީ، އިންޑި އާއި މޮރިޝަސްގެ ގުޅުން ވަރަށް ގާތް ކަމަށާއި މޮރިޝަސްގެ އަބާދީގެ ބޮޑު ބަޔަކީ އިންޑިއާ ނަސްލުގެ މީހުން ކަމަށެވެ.
"އެހެންވީމަ މިވާގޮތަކީ މޮރީޝަސް އާއި އިންޑިއާ މި އޮންނަ ގާތް ގުޅުމުގެ ތެރެއިން މޮރީޝަސްއަށް ތަން ލިބުމަކީ އިންޑިއާ ބުރަވާނެ ގޮތް. އެއް ދުވަހު ފެނުނީ މި މީހުންނަށް މީގެ ކުރިން މައްސަލަ ނުބެލޭނެ ކަމަށް ވާހަކަ ދެއްކި ތަން. އެއީ ސިޔާދަތުގެ މައްސަލައެއް ކަމަށް ބުނެ. އެކަމަކު އަނެއް ދުވަހު ގޮސް މި ބުނަނީ ނޫނޭ ސިޔާދަތު މިހާރު ގަބޫލުކޮށްފީމޭ،" ޑރ. މުނައްވަރު ވިދާޅުވިއެވެ.
ޑރ. މުނައްވަރުގެ އެ ވާހަކަތަކާ ގުޅިގެން ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، މީގެ ކުރިން އިނގިރޭސިވިލާތާ އެއްކޮޅަށް ރާއްޖެއިން ދެމުން އައި ވޯޓު މޮރީޝަސް ކޮޅަށް ދިނުމަށް ސަރުކާރުން ނިންމި ނިންމުމަކީ ސަރުކާރުގެ އަމިއްލަ ނިންމުމެއް ކަމަށެވެ.
"އެ ސްޓޭންޑުގައި އެއްވެސް ގައުމެއްގެ އެއްވެސް ނުފޫޒެ ނޯންނާނެ. އެއީ ސީދާ ދިވެހި ސަރުކާރުގެ ސްޓޭންޑެއް. އިންޑިއާ އަދި އެހެން ގައުމެއްގެ ނުފޫޒެއް ވެސް ނޯންނާނެ،" މިއުވާން ވިދާޅުވިއެވެ.
އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނިންމާފައިވާ ނިންމުމަށް އެއްކޮޅަށް ރާއްޖެއިން މީގެ ކުރިން އަންނަނީ ވޯޓު ދެއްވަމުންނެވެ. އެއީ ޗާގޮސް އައިލެންޑްސް އިނގިރޭސިވިލާތަކީ ސަރަހައްދެއް ކަމަށް ރާއްޖެއިން ދޭ ވޯޓެވެ. ނަމަވެސް ކުއްލިއަށް ރާއްޖެއިން އެ މައްސަލައިގައި މޮރިޝަސް ކޮޅަށް ވޯޓުދޭން ނިންމުނުން ރާއްޖެއިން ބައެއް ގެއްލިދާނެ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.
އެކަމާ ގުޅިގެން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގައި ރާއްޖެ ތަމްސީލުކުރައްވާ ގާނޫނީ ޓީމްގެ އިސް ވަކީލު ޕްރޮފެސަރު ޕަޔަމް އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ހިޔާލު ތަފާތުވާ ސަރަހައްދު ބަހަން ޖެހިގެން އުޅެނީ ރާއްޖޭން، އދ. ގައި ވޯޓު ދޭ ގޮތެއްގެ ސަބަބަށް ބިނާކޮށް ނޫން ކަމަށެވެ. އަދި އައިސީޖޭއިން ވަނީ ޗާގޮސް އަކީ މޮރިޝަސްގެ މިލްކެއް ކަމަށް ކަނޑައަޅާފައި ކަމަށްވެސް ވިދާޅުވިއެވެ.
"މެރިން ބައުންޑަރީގެ މައްސަލަ ހައްލުކުރަން ޖެހެނީ އައިސީޖޭއިން އިނގިރޭސި ވިލާތުގެ ބަދަލުގައި މޮރިޝަސްއަށް ކަނޑުގެ ސިޔާދަތީ ބާރު ދިނުމުން. އެއާއެކު މެރިން ބައުންޑަރީ ކަނޑައެޅުމުގައި ދެ ގައުމު، ރާއްޖެ އާއި މޮރިޝަސް ހިޔާލު ތަފާތުވެފައިވާތީ އެ މަސައްކަތް ކުރާތާ މިހާރު ވަނީ ދެ އަހަރުވެފަ. މެރިން ބައުންޑަރީ ކަނޑައެޅުމުގައިި އަމަލުކުރާ ގޮތްތަކެއް ހުންނާނެ. ރާއްޖެއިން ވޯޓުދޭ ގޮތަކަށް ނުބަލާނެ،" ޕަޔަމް ވިދާޅުވިއެވެ.
އިޓްލޮސްގައި ރާއްޖެއިން ވަކާލާތު ކުރަމުން ގެންދަނީ ވަރަށް ރަނގަޅަށް ކަމަށާއި ރާއްޖޭގެ ކޭސް ވަރުގަދަ ކަމަށް ޕަޔަމް ވިދާޅުވިއެވެ. އަދި ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ޖިއޯޕޮލިޓްކްސް ފެންވަރުގެ ޑިސްޕިއުޓެއް ނެތް ކަމަށާއި ދެ ގައުމުގެ މެދުގައި އުފެދިފައިވާ ބައުންޑަރީގެ މައްސަލަ ހައްލު ނުވެގެން އުޅެނީ ބައިނަލްއަގުވާމީ ގާނޫނުގައި ބުނާ ގޮތަށް ކޮންމެ ގައުމެއްގެ އައްސޭރިފަށުން 200 މޭލު ގުނާއިރު ފުށުއަރާ ހިސާބު ބެހުމުގައި ކަމަށް ޕަޔަމް ވިދާޅުވިއެވެ.
އިޓްލޮސްގައި ކޮންމެ ގޮތަކަށް މައްސަލަ ނިމުނަސް ރާއްޖެއިން ބައެއް ގެއްލިގެން ނުދާނެ ކަމަށެވެ. އަދި ވިދާޅުވީ ދެ ގައުމުގެ މެދުގައި މައްސަލަ އުފެދިފައިވާ ނުވަތަ ފުށޫއަރާ ސަރަހައްދު އެއްކޮށް ރާއްޖެއް ލިބެންވާނެ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދިޔަސް އެއީ ކަނޑުގެ ސަރަހައްދު ބެހުމުގައި އޮންނަ އުސޫލެއް ނޫން ކަމަށެވެ.