ގާނޫނީ ވަކީލުކަމުގެ ހާއްސަ ހުއްދަ އޮތް މީހުން ބާ އިމްތިހާނު ހަދަން ނުޖެހޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު މިއަދު ކުރައްވައިފިއެވެ.
ދެހާސް ވިހިވަނަ އަހަރު ގާނޫނީ ވަކީލުކަމުގެ ހާއްސަ ހުއްދަ ދިން ގާނޫނީ ވަކީލުން ބާ އިމްތިހާނު ހަދަން ނުޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ، މިމަހުގެ 19 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.
އެމްއެންޕީއަށް ނިސްބަތްވާ ވިލިމާލެ ދާއިރާގެ މެންބަރު އަދި ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހްމަދު އުޝާމު ހުށަހެޅުއްވި މި އިސްލާހު މަޖިލީހުން ފާސްކުރީ 58 މެމްބަރުންގެ ވޯޓުންނެވެ.
ވަކީލުކަން ކިޔަވައިފައި ތިބި ބައެއް މީހުންނަށް 2020 ވަނަ އަހަރު، ވަކީލުކަމުގެ ހާއްސަ ހުއްދައެއް ދިނީ ބާ އިމްތިހާބު ބޭއްވެންދެނެވެ. އެ ހުއްދަ ދީފައިވަނީ ބާ ކައުންސިލްގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރި ވަކީލުންނަށެވެ.
މި އިސްލާހާ އެކު، އަންނަ މަހު ބާއްވާ ބާ ކައުންސިލްގެ އިމްތިހާނުގައި ހާއްސަ ހުއްދަ މިހާރު ލިބިފައިވާ ވަކީލުން ބައިވެރިވާން ނުޖެހޭނެއެވެ.
ބާ އިމްތިހާންގައި ބައިވެރިވުމަށް ކޮންމެ މީހެއްގެ އަތުން 10،000 ރުފިޔާ ނެގުމަށް ބާ ކައުންސިލުން ކުރިން ނިންމިއެވެ. ނަމަވެސް އެ އަދަދު ފަހުން ވަނީ 6،500 ރުފިޔާ އަށް ކުޑަކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު