ރާއްޖެއިން އެންމެ އިންޗިއެއްވެސް ދޫކޮށްލުމަކީ ސަރުކާރަށްވެސް އަދި ރައީސުލްޖުމްހޫރިއްޔާއަށްވެސް އޮތް ބާރެއް ނޫން ކަމަށާއި އެކަން ކުރެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރަކުން އެކަނި ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު ވިދާޅުވެއްޖެއެވެ.
ޝަރީފު އެހެން ވިދާޅުވީ, ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުން ބޮޑު ބައެއް ގެއްލޭފަދަ ގޮތަކަށް ދިވެހި ސަރުކާރުގެ ސިޔާސަތާއި ސްޓޭންޑް ބަދަލު ނުކުރުމަށް ސަރުކާރަށް ގޮވާލައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ހުށަހެޅުއްވި ކުއްލި މައްސަލާގައި ބަހުސްގައި އޭނާ ދެއްކެވި ވާހަކައަކަށް ހިތްހަމަނުޖެހިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެއްޗަކަށް ރައްދުދެއްވަމުންނެވެ.
ބަހުސްގައި ވާހަކަދައްކަވަމުން ޝަރީފު ވިދާޅުވީ, ފޯޅަވައްސަކީ މިއަދު މޮރިޝަސްގެ އަދި އިނގިރޭސި ވިލާތުގެ ތަނެއް ނޫން ނަމަވެސް, އެތަނުގެ މިލްކުވެރިކަމާމެދު ދިވެހި ސަރުކާރުން ގޮތެއް ގަބޫލުކުރުމަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އެއްވެސް ބައެއް ގެއްލެން ޖެހޭ ސަބަބެއް ނޫން ކަމަށެވެ. ނަމަވެސް ސަރުކާރުން ތަނެއް ދޫކޮށްލަން އުޅޭ ކަމަށް ބުނެ ބައެއް މެންބަރުން ވާހަކަ އޮޅޭ ގޮތަށް ވާހަކަދައްކަވަމުންދާ ކަމަށް ވިދާޅުވިއެވެ.
ޝަރީފު މިހެން ވިދާޅުވުމުން އޭނާގެ ވާހަކަ މެދުކަނޑުއްވާލައްވައި މަޖިލިސް ރައީސް ވިދާޅުވީ ޗާގޯސް މައްސަލާގައި އެއްވެސް އިއްޒަތްތެރި މެންބަރަކު ކަމެއް އޮޅޭ ގޮތަށް ވާހަކަ ނުދެއްކެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"މޮރިޝަސްގެ ސިޔާދަތު ނުވަތަ ސޮވަރިނިޓީ ފޯޅަވަހީގެ މައްޗަށް އޮތް ކަމަށް ދިވެހި ސަރުކާރުން ގަބޫލުކުރީމައި, ދެން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލުމަށް ދިވެހި ސަރުކާރުން އެ އެއްބަސްވެވުނީ," މަޖިލިސް ރައީސް ވިދާޅުވިއެވެ.
މަޖިލިސް ރައީސްގެ ވާހަކައަށް ރައްދުދެއްވަމުން ޝަރީފު ވިދާޅުވީ, ރައީސް ނަޝީދު އެ ދެއްކެވީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށާއި މަޖިލިސް ރައީސް އެހެން ވިދާޅުވުމުން ހިތާމަކުރައްވާ ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލަން ދިވެހި ސަރުކާރަކަށް އެއްބަހެއް ނުވެވޭނެ ކަމަށާއި ނުވެސްވާ ކަމަށް ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ, ރާއްޖެއިން އެންމެ އިންޗިއެއްވެސް ދޫކޮށްލުމަކީ ސަރުކާރަށްވެސް އަދި ރައީސުލްޖުމްހޫރިއްޔާއަށްވެސް އޮތް ބާރެއް ނޫން ކަމަށާއި އެކަން ކުރެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރަކުން އެކަނި ކަމަށެވެ.
"ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭ ގޮތަށް ބަޔަކު ވަކާލާތު ކުރާނަމަ އެއީ ވަރަށް ބޮޑު ސީރިއަސް މައްސަލައެއް. އަޅުގަނޑަށް ކަށަވަރު ދިވެހި ސަރުކާރަކުން އެއްބަސްނުވާނެކަން, ނުވާކަން އަދި އޭގެ އިތުރަށް އެއްބަސް ނުވެސްވެވޭނެކަން. ރާއްޖޭގެ ސަރަހައްދުން އަކަ އިއްޗިއެއްވެސް ދޫކޮށްލާކަށް ސަރުކާރަކަށް އެއްބަހެއް ނުވެވޭނެ. ދިވެހި ރައްޔިތުންނަށް އެކަނި އެކަން ކުރެވޭނީ. ދިވެހި ރައްޔިތުންގެ ވޯޓަކުން ނޫން ގޮތަކަށް ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށެއް ނުލެވޭނެ. އެއީ ގާނޫނު އޮތް ގޮތް," ޝަރީފު ވިދާޅުވިއެވެ.