މޮރިޝަސްގެ ސިޔާދަތު ޗާގޯސްގެ މައްޗަށް އޮތް ކަމަށް ދިވެހި ސަރުކާރުން ގަބޫލުކުރުމަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލުމަށް އެއްބަސްވުން ކަމަށް މަޖިލީހުގެ ރައީސް, ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލިސް ރައީސް އެހެން ވިދާޅުވީ, ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުން ބޮޑު ބައެއް ގެއްލޭފަދަ ގޮތަކަށް ދިވެހި ސަރުކާރުގެ ސިޔާސަތާއި ސްޓޭންޑް ބަދަލު ނުކުރުމަށް ސަރުކާރަށް ގޮވާލައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރުމަށް ހުޅުވާލި ފުރުސަތުގައި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ.
ޝަރީފު ވިދާޅުވީ, ފޯޅަވައްސަކީ ރާއްޖޭގެ ސަރަހައްދެއް ކަމަށާއި އިނގިރޭސީންގެ ބާރުގެ ދަށަށް އެތަން ދިޔައީ ކުރީގެ ސަރުކާރުތަކުން އެތަން ދޫކޮށްލުމުން ކަމަށެވެ. ފޯޅަވައްސަކީ މިއަދު މޮރިޝަސްގެ އަދި އިނގިރޭސި ވިލާތުގެ ތަނެއް ނޫން ނަަމަވެސް, އެތަނުގެ މިލްކުވެރިކަމާމެދު ދިވެހި ސަރުކާރުން ގޮތެއް ގަބޫލުކުރުމަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އެއްވެސް ބައެއް ގެއްލެން ޖެހޭ ސަބަބެއް ނޫން ކަމަށް ވިދާޅުވިއެވެ.
"އިއްޒަތްތެރި މެންބަރުން އޮޅޭ ގޮތަށް ބައެއް ފަހަރު ވާހަކަދެއްކީމާ ވަރަށް ހިތާމަކުރަން. ހީވަނީ ސަރުކާރުން ތަނެއް ދޫކޮށްލަން އުޅޭހެން. ނޫން. އެކަން ވަރަށް ސާފު,"
ޝަރީފު މިހެން ވިދާޅުވުމުން އޭނާގެ ވާހަކަ މެދުކަނޑުއްވާލައްވައި މަޖިލިސް ރައީސް ވިދާޅުވީ ޗާގޯސް މައްސަލާގައި އެއްވެސް އިއްޒަތްތެރި މެންބަރަކު ކަމެއް އޮޅޭ ގޮތަށް ވާހަކަ ނުދެއްކެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"މޮރިޝަސްގެ ސިޔާދަތު ނުވަތަ ސޮވަރިނިޓީ ފޯޅަވަހީގެ މައްޗަށް އޮތް ކަމަށް ދިވެހި ސަރުކާރުން ގަބޫލުކުރީމައި, ދެން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލުމަށް ދިވެހި ސަރުކާރުން އެ އެއްބަސްވެވުނީ," މަޖިލިސް ރައީސް ވިދާޅުވިއެވެ.
މަޖިލިސް ރައީސް އެހެން ވިދާޅުވުމުން ރައްދުގައި ޝަރީފު ވިދާޅުވީ, ރައީސް ނަޝީދު އެ ދެއްކެވީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށާއި މަޖިލިސް ރައީސް އެހެން ވިދާޅުވުމުން ހިތާމަކުރައްވާ ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލަން ދިވެހި ސަރުކާރަކަށް އެއްބަހެއް ނުވެވޭނެ ކަމަށާއި ނުވެވެސްވާ ކަމަށް ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ, ރާއްޖެއިން އެންމެ އިންޗިއެއްވެސް ދޫކޮށްލުމަކީ ސަރުކާރަށްވެސް އަދި ރައީސުލްޖުމްހޫރިއްޔާއަށްވެސް އޮތް ބާރެއް ނޫން ކަމަށާއި އެކަން ކުރެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރަކުން އެކަނި ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު