ދައުވާކުރާ ފަރާތާއި ދައުވާ ލިބޭ ފަރާތުގެ ގައިރު ހާޒިރުގައި މައްސަލައެއްގެ ހުކުމްކޮށް މައްސަލަ ނިންމާފައިވާތީ ސިވިލް ކޯޓުގެ ގާޒީ ހަސަން ފަހީމަށް ޖޭއެސްސީން ފިޔަވަޅު އަޅައިފިއެވެ.

ޖޭއެސްސީން މިއަދު ބުނީ، އެގޮތަށް އެކަން ކޮށްފައިވާ ކަމަށް އެ ކޮމިޝަންގެ ތަހުގީގުގައި ގާޒީ ހަސަން ފަހީމް އިބްރާހީމް އިއުތިރާފުވެފައިވާ ކަމަށެވެ.

މި ކަމަކީ ފަނޑިޔާރުންގެ ގާނޫނުގެ ދަށުން މައްސަލައާ ގުޅޭގޮތުން ހުށަހަޅަން ޖެހޭ ހެއްކާއި ގާރީނާ ހުށަހެޅުމާއި، މައްސަލައާ ގުޅޭ ވާހަކަތައް ދެއްކުމަށް މައްސަލައިގެ ހަސްމުންނަށް ނުވަތަ ހަސްމުން ތަމްސީލުކުރާ ފަރާތްތަކަށް އިޖުރާއަތުގައިވާގޮތުގެ މަތިން އެކަށޭނެ ފުރުސަތު ދޭން ޖެހޭނެ ކަމެއްކަމަށްވެސް ޖޭއެސްސީން ބުނެފައިވެއެވެ.

ނަމަވެސް އެފުރުސަތު ނުދެއްވައި ގާޒީ ފަހީމް އެ މައްސަލައިގައި އަމަލު ކުރައްވާފައި ވަނީ ފަނޑިޔާރުންގެ ގާނޫނާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

މިމައްސަލާގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ގާނޫނުގެ ދަށުން، ގާޒީ ފަހީމަށް ނަސޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށް އެންގުމުގެ ފިޔަވަޅު އެޅުމަށް ނިންމާފައިވާކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.