އިނގިރޭސި ޕްރިމިއާ ލީގުގެ ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލް މިރޭ ކުޅުނު މެޗުން އެއްވަރުވި އިރު، ޓޮޓެންހަމް ބަލިކޮށް ނިއުކާސަލްއިން ގަދަ ހަތަރަކަށް ޖެހިލައިފިއެވެ.
ލީގު ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލުން މިރޭ ސައުތުހޭމްޓަން ދަނޑުގައި އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. މިރޭގެ މެޗަށް ނުކުތް އިރު، އާސެނަލް ލީގުގައި ކުޅުނު 10 މެޗުގެ ތެރެއިން ބަލިވެފައި އޮތީ އެންމެ މެޗަކުންނެވެ. އެއީ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް އެޓީމުން ކުޅުނު މެޗުގައެވެ.
މެޗުން އެއްވަރުވި ނަމަވެސް އާސެނަލް އެއްވަނައިގައި އޮތީ 11 މެޗުން 28 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ސިޓީއަށް 11 މެޗުން ލިބިފައި ވަނީ 26 ޕޮއިންޓެވެ.
މެޗުގެ ކުރީކޮޅުގައި އާސެނަލަށް ލީޑު ނަގައިދިނީ ގްރެނިޓް ޖަކާއެވެ. ޖަކާގެ ގޯލަކީ ތިރިތިރީން ބެން ވައިޓް ކަނޑާލި ހުރަކުން ޖެހި ގޯލެކެވެ. ހާފު ނިމުމުގެ ކުރިން ނަތީޖާ ފުޅާކުރަން އާސެނަލުން ކުރި މަސައްކަތުގައި ގިނަ ހަމަލާތަކެއް އުފެއްދިއެވެ. ގެބްރިއަލް މާޓިނެލީގެ ޝޮޓް ބްލޮކްވި އިރު، ގެބްރިއަލް ޖީސަސްގެ ހަމަލާ މަތަކުރީ ސައުތުހޭމްޓަންގެ ގޯލްކީޕަރު ގަވިން ބަޒޫނާއެވެ.
ދެވަނަ ހާފު ފެށިގެން ސައުތުހޭމްޓަންއިން ކުޅުން ރަނގަޅުވެސް ކުރިއެވެ. އެހެން ނަމަވެސް ހާފުގެ ކުރީކޮޅުގައި އަނެއްކާވެސް އާސެނަލުން ނަތީޖާ ފުޅާކުރުމާ ގާތަށް ޖެހިލިއެވެ. ޖީސަސް ޖެހި ބޯޅަ އަނެއްކާވެސް މަތަކުރީ ބަޒޫނާއެވެ.
މެޗުން ސައުތުހޭމްޓަންއަށް ޕޮއިންޓެއް ޔަގީން ކޮށްދިނީ ސްޓުއާޓް އާމްސްޓްރޯންގް ޖެހި ގޯލުންނެވެ.
ސައުދީ ސަރުކާރުގެ ޓްރަސްޓް ފަންޑުން މިދިޔަ ސީޒަނު ގަނެފައިވާ ނިއުކާސަލްގެ ފޯމު މި ސީޒަނުގައިވެސް ދަމަހައްޓަމުން އަންނަ އިރު، މިރޭގެ މެޗުގައި ރަށުން ބޭރުގައި ޓޮޓެންހަމް ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ނިއުކާސަލް ވަނީ ގަދަ ހަތަރަކަށް އަރައިފައެވެ.
ބާރަ މެޗުން 21 ޕޮއިންޓް ހަމަކޮށް ނިއުކާސަލް ހަތަރުވަނައަށް އެރީ ޗެލްސީ ފަސްވަނައަށް ވައްޓާލައިފައެވެ. ފައިދާ ގޯލުގެ ތަފާތުން ނިއުކާސަލް ޗެލްސީއަށްވުރެ ކުރީގައި އޮތް އިރު، އެޓީމަށް 11 މެޗުން 21 ޕޮއިންޓް ލިބިފައިވެއެވެ. މެޗުން ބަލިވި ނަމަވެސް ޓޮޓެންހަމް އޮތީ ތިންވަނައިގައެވެ. އެޓީމަށް 12 މެޗުން ލިބިފައި ވަނީ 23 ޕޮއިންޓެވެ.
މެޗުގެ 12 ވަނަ މިނެޓުގައި ނިއުކާސަލް ލީޑު ނެގީ "ކޮންޓްރަވާޝަލް" ގޯލަކުންނެވެ. ނިއުކާސަލްއިން ކުރިއަށް ވައްޓާލި ބޯޅައަކަށް ކުރިއަށް އެރި ޓޮޓެންހަމްގެ ގޯލްކީޕަރު ހޫގޯ ލޮރިސް ބޯޅަ ޕަންޗުކުރަން އުޅުމުގެ ތެރޭގައި ބޯޅައަށް މަސައްކަތް ކުރި ނިއުކާސަލްގެ ވިލްސައާ ދެކުޅުންތެރިން ޖެހިގަތުމުގެ ތެރޭގައި ވިލްސަން ވަނީ ގޯލު ތެރެއަށް ބޯޅަ އޮއްސާލައިފައެވެ.
އެ ބޯޅަ ފޮނުވާލަން އުޅުމުގެ ތެރޭގައި ވިލްސަން ފައުލް ކުރި ކަމަށް ޓޮޓެންހަމް ކުޅުންތެރިން ޝަކުވާ ކުރި ނަމަވެސް، ގިނަ އިރުތަކެއް ވަންދެން ވީއޭއާރް ބަލައި، ރެފްރީ ވަނީ ގޯލެއް ކަމަށް ނިންމައިފައެވެ.
ހާފު ނިމުމުގެ ކުރިން ނިއުކާސަލްގެ ދެވަނަ ގޯލެއް ފެނުނެވެ. ލޮރިސް ފަހަތުން ސާފު ކޮށްލި ބޯޅައެއް ހޯދައި، މެދުތެރެއިން ސޯން ލޯންގްސްޓާފް ދުއްވާލި ބޯޅަ ގޯލަށް ވައްދާލި މިގޭލް އަލްމިރޯންއެވެ. އެއީ އޭނާ ސީޒަނުގައި ޖެހި ފަސްވަނަ ގޯލެވެ.
ދެވަނަ ހާފަށް ނުކުމެ ހެރީ ކޭން އާއި ހިއުން-މިން ސޮން ޖެހި ބޯޅަތައް ނިއުކާސަލްގެ ގޯލްކީޕަރު ނިކް ޕޯޕް މަތަކުރިއެވެ. ޕޯޕް ފޫއަޅުވާލަން ކުރި މަސައްކަތް ޓޮޓެންހަމްއިން ކާމިޔާބުކުރިވެސް މެއެވެ. 54 ވަނަ މިނެޓުގައި ޓޮޓެންހަމްއަށް އުންމީދު އާކޮށްދިނީ ކޭންގެ ގޯލުންނެވެ. އެހެން ނަމަވެސް މެޗުގެ ބާކީބައިގައި ނިއުކާސަލްއިން ހިތްވަރުކޮށް ތިން ޕޮއިންޓް ނެގިއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު