ޚަބަރު

އަލްހާންގެ ޕޮންޒީ ސްކީމް މައްސަލައިގައި ދައުވާކުރަން ފޮނުވަނީ

މުހައްމަދު އިޝާން

1

ރައްޔިތުން މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު، އަދި އެމްޑީޕީގެ ކުރީގެ ރައީސް އަލްހާން ފަހުމީ އިސްވެހުންނަވައިގެން ހިންގެވި ކަމަށް ތުހުމަތުކުރެވޭ ޕޮންޒީ ސްކީމުގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖ) އޮފީހަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

އަލްހާންގެ ހިއްސާ އޮންނަނ ކިންގްސް ކުންފުނި ހިންގިކަމަށް ތުހުމަތުކުރެވޭ ޕޮންޒީ ސްކީމުން ލިބުނު ފައިސާ އަލްހާން ވަނީ ލޯންޑާކޮށްފައި ކަމަށް ފުލުހުން ތުހުމަތުކުރެއެވެ. އެ މައްސަލައިގެ ތަހުގީގަށް ހާޒިރުވުމަށް އަންގައި އަލްހާންއަށް ފޮނުވި ޗިޓުގައި ފުލުހުން ބުނެފައިވަނީ، ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން އާއްމުކޮށް ހުޅުވާލައިގެން ރާއްޖޭގެ މާލީ ސެކިއުރިޓީޒްގެ ގާނޫނާއި ގަވާއިދާއި އުސޫލުތަކާ ހިލާފަށް އިންވެސްޓްމެންޓް ސްކީމެއް ތައާރަފްކޮށް އިންވެސްޓަރުންނަށް މަންފާ ލިބޭނެ ކަމަށް ދައްކައި މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި އެ ފައިސާ އަލްހާން ލޯންޑާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

އެ މައްސަލައިގެ ތަހުގީގަށް އަލްހާން ފުލުހަށް ހާޒިރުކޮށްފައިވަނީ މިދިޔަ މޭ މަހުގެ 18 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ޕޮންޒީ ސްކީމެއް ހިންގައިގެން ލިބުނު ފައިސާ ލޯންޑާކުރި މައްސަލައިގައި އަލްހާންގެ ކޮއްކޮ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ކުރީގެ ރައީސް ޝަހުބާން ފަހުމީ ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަން" އަށް މިއަދު ވިދާޅުވީ، އެ މައްސަލައިގެ ތަހުގީގަށް ބަޔާން ނެގުމާއި ސުވާލުކުރަންޖެހޭ ފަރާތްތަކާ ފުލުހުން ސުވާލުކުރަމުން އަންނަ ކަމަށެވެ.

"މައްސަލައިގެ ތަހުގީގަށް ބަޔާން ނެގުމާއި ސުވާލުކުރަންޖެހޭ ފަރާތްތަކާއި ފުލުހުން ދަނީ ސުވާލުކުރަމުން. އަދި ދައުވާކުރުމާމެދު ގޮތެއް ނިންމުމަށް ޕީޖީއަށް ފޮނުވުމަށް ކުރަން ޖެހޭ ކަންކަން ވެސް ދަނީ ކުރަމުން،" އޮފިޝަލު ވިދާޅުވިއެވެ.

އަލްހާން ހިންގަވަނީ ޕޮންޒީ ސްކީމެއްކަން އާންމުންގެ ސަމާލުކަމަށް ފުރަތަމަ ގެނެސްފައިވަނީ މަރުކަޒީ ބޭންކް، އެމްއެމްއޭ އިން މިދިޔަ މޭމަހުގެ 11 ވަނަ ދުވަހުއެވެ.