ރީބްރޯޑްކާސްޓިން ލައިސަންސް ދިނުމުގެ ގަވާއިދަށް މިއަހަރު ގެނައި ބަދަލާއެކު ދިރާގު ޓީވީ ލައިސަންސް އާ ކުރުމުގެ ފުރުސަތު މިވަގުތު ދިރާގަށް ބަންދުވެފައި ވީނަމަވެސް، ޓީވީގެ ހިދުމަތް ކުރިއަށް ގެންދެވޭނެ ކަމުގެ އުއްމީދު ބޮޑުކަމަށް ދިރާގުން ބުނެފިއެވެ.

މޯލްޑިވްސް ބްރޯޑް ކާސްޓިންގ ކޮމިޝަން (އެމްބީސީ) އިން ރާއްޖޭގައި ރީބްރޯޑްކާސްޓިން ލައިސަންސް ދިނުމުގެ ގަވާއިދަށް މިއަހަރު ގެނައި ބަދަލާއެކު ދިރާގުން ފޯރުކޮށްދެމުން އަންނަ ދިރާގު ޓީވީގެ ލައިސަންސް އާކުރުމުގެ ފުރުސަތު އެކުންފުންޏަށް ވަނީ ބަންދުވެފައެވެ. ބްރޯޑްކާސްޓީން ގަވާއިދަށް ގެނައި ބަދަލާއެކު ބޭރުގެ ހިއްސާއެއް އޮންނަ ކުންފުނިތަކަށް ރީބްރޯޑްކާސްޓިން ހިދުމަތް ނުދެވޭނެއެވެ. ދިރާގުގެ މެޖޯރިޓީ ހިއްސާ އޮންނަނީ ބަހްރެއިންގެ ބަޓަލްކޯއާ ކުންފުންޏަށެވެ.

ދިރާގުން މިއަދު ބުނީ އެކުންފުނީގެ ޓީވީ ހިދުމަތް ކުރިއަށް ގެންދެވޭނެ ކަމުގެ އުންމީދު ބޮޑުކަމަށާއި ޓީވީ ލައިސަންސް އާ ކުރެވޭނެ ގޮތެއް ހޯދުމަށް ކަމާ ބެހޭ މުއައްސަސާތަކާއި އެމްބީސީއާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އަދި އެ މަޝްވަރާތަކުގެ ނަތީޖާއަށް ބިނާކޮށް އިތުރު މައުލޫމާތު ކަސްޓަމަރުންނާ ހިއްސާކުރާނެ ކަމަށް ދިރާގުން ބުންޏެވެ.

މިހާރު އާބާދީގެ ބޮޑު ބަޔަކަށް ދެމުން ގެންދާ ދިރާގު ޓީވީގެ ހިދުމަތުގެ ލައިސެންސް އަންނަ އަހަރުގެ ޖެނުއަރީގައި މުއްދަތު ހަމަވާނެއެވެ. ނަމަވެސް މިކަމުގައި ހައްލެއް ނުލިބިއްޖެނަމަ، އަންނަ ޖެނުއަރީން ފެށިގެން އެ ހިދުމަތް ހުއްޓާލަން ޖެހިދާނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން އިތުރަށް ބުނީ ޓީވީ ފެށުމާ އެކު ކަސްޓަމަރުންގެ ފަރާތުން އެ ހިދުމަތަށް ވަރަށް ހޫނު ތަރުހީބެއް ލިބިގެން ދިޔަ ކަމަށާއި އެކަމަށްޓަކައި ރާއްޖޭގެ އެކިކަން ކޮޅުތަކުގައި ދިރާގު ޓީވީ ބޭނުން ކުރާ ކަސްޓަމަރުންނަށް އެ ކުންފުނިން ވަރަށް އިހުލާސްތެރިކަމާ އެކު ޝުކުރު އަދާކުރާ ކަމަށެވެ.

ދިރާގުން ވަނީ އެކުންފުނީގެ ޓީވީގެ ހިދުމަތް ކުރުމުއްދަތެއްގެ ތެރޭގައި ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދީފައެވެ. އެގޮތުން އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި 100 އަށް ވުރެ ގިނަ ޕްރިމިއަމް ޗެނަލްތައް އަލްޓްރާ ހައި ޑެފިނިޝަންގައި ރާއްޖޭގެ 85 ޕަސެންޓް ގޭބިސީއަށް އަދި 90 ރަށަށް ލިބުމުގެ މަގު ދިރާގުން ވަނީ ފަހިކޮށްދީފައެވެ.