ރާއްޖެއަށް 119 ކިލޯގެ ޑުރަގް އެތެރެކުރުމުގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތުވާ ގދ. ހޯނޑެއްދޫ/ އަލޯރާ، އަރުޝަދު ހާލިދު (26އ) ބަންދުގައި ބަހައްޓައިގެން ހައިކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް ނެރުނު އަމުރާ ހިލާފަށް ފުލުހުން އަރުޝަދު ދޫކޮށްލާފައިވާތީ އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ އެ ކޯޓުން ބަލައިގެންފިއެވެ.

ފިލައިގެން އުޅެނިކޮށް އަވަށްޓެރި ސްރީ ލަންކާއިން ޑީޕޯޓުކޮށްލުމުން އަރުޝަދު ރާއްޖެއިން ހައްޔަރުކުރީ މިމަހުގެ ދިހަ ވަނަ ދުވަހުއެވެ. ލަންކާއިން ޑީޕޯޓްކޮށްލުމުގެ ކުރިން އަރުޝަދު ދިރިއުޅެމުން ދިޔައީ ދުބާއީގައެވެ.

އަރުޝަދަކީ 30 ޖަނަވަރީ 2020 ގައި ފުލުހުން މާލޭގައި ހިންގި ޑުރަގް އޮޕަރޭޝަންގައި ހައްޔަރުކުރި ނުވަ މީހުންގެ ތެރެއިން އެ ނެޓްވޯކުގައި އިސްކޮށް ހުރި މީހާއެވެ. އެ އޮޕަރޭޝަންގައި ނުވަ ގެއެއް ބަލައި ފާސްކޮށް ނުވަ ކިލޯއަށްވުރެ ގިނަ ހެރޮއިން އާއި ހަތަރު ގްރާމަށްވުރެ ގިނަ ކޮކެއިން އަތުލައިގަތެވެ. އެ ތަކެތީގެ މަގުމަތީ އަގު 4.6 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލާގައި އަރުޝަދު ހައްޔަރުކޮށްފައި ހުއްޓައި ކްރިމިނަލް ކޯޓުން އެ އަހަރުގެ ފެބްރުއަރީ މަހު އޭނާ ދޫކޮށްލިއެވެ. ނަމަވެސް އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ އޭނާ އަލުން ބަންދުކުރަން އަމުރުކޮށްފައެވެ. އެގޮތަށް އަމުރު ނެރުނީ 2020 މާޗް މަހުގެ ތެރޭގައެވެ.

އެ އަމުރު ނެރެފައިވަނިކޮށް މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 12 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަންތަކެއްގައި މާލޭގެ ތިން ގެއަކާއި ހުޅުމާލޭގެ ގެއަކާއި ޓެކްސީއަކާއި ޕްރައިވެޓް ކާރެއް އަދި ތިން ސައިކަލު ފާސްކޮށް 119 ކިލޯގެ މަސްތުވާތަކެތި ހޯދިއެވެ. ފުލުހުން އޭރު ބުނެފައިވާ ގޮތުގައި އެތަކެތި އެތެރެ ކުރުމުގައިވެސް އެންމެ އިސްކޮށް އުޅުނީ އަރުޝަދެވެ.

ނަމަވެސް ޑުރަގް އޮޕަރޭޝަން ހިންގި ދުވަހު އަރުޝަދާއި އިތުރު މީހަކު ވަނީ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައެވެ.

އަރުޝަދު ބަންދުން ދޫކޮށްލި މައްސަލައާ ގުޅިގެން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، އަރުޝަދު ހައްޔަރުކުރުމަށް ހައިކޯޓުން އަމުރު ނެރުމާއެކު އެކަމުގައި އަމަލުކުރަންވީ ގޮތުގެ އިރުޝާދު ފުލުހުންނަށް ދީފައިވާނެ ކަމަށާއި ނަމަވެސް އޭނާ ބަންދުން ދޫކޮށްލުމަށް އެ އޮފީހުން އެއްވެސް އިރުޝާދެއް ދީފައިނުވާނެ ކަމަށެވެ.

އަރުޝަދު ބަންދުން ދޫކޮށްލުމާ ގުޅޭ ގޮތުން ފުލުހުން އެ އޮފީހުގެ ލަފައަކަށް އެދިފައިނުވާ ކަމަށާއި އެކަން ހިނގާފައިވަނީ މައްސަލަ ތަހުގީގުކުރާ ފަރާތާއި ތަހުގީގުކުރި ޑިޕާޓްމަންޓަށް އެނގުމެއްނެތި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށްވެސް ޕީޖީން ބުނެފައިވެއެވެ.

"..އެހެންކަމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ އަމުރާ ހިލާފަށް އަރުޝަދު ހާލިދު ހައްޔަރުން ދޫކުރުމަށް ނިންމި، އަދި ހައްޔަރުން ދޫކޮށްލި ލިޔުން ތައްޔާރުކުރި ފުލުސް އޮފިސަރުންގެ މައްސަލަ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް މި އޮފީހުން ވާނީ އަންގާފައި. އަދި މިކަން ޕޮލިސް ބޯޑުގެ ސަމާލުކަމަށްވެސް ވާނީ ގެނެސްފަ،" ޕީޖީ އޮފީހުން ބުނެފައިވެއެވެ.

އަރުޝަދު ދޫކޮށްލި މައްސަލަ ޕީޖީ އޮފީހުން ސްްޕްރީމް ކޯޓުގައި އިސްތިއުނާފުކުރީ މިދިޔަ އާދިއްތަ ދުވަހުއެވެ. އެ މައްސަލަ އެ ކޯޓުން ބަލައިގަތީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ހައިކޯޓުން މި މަހުގެ 11 ވަނަ ދުވަހު ނެރުނު އަމުރުގައި ވަނީ އަރުޝަދުގެ ޕާސްޕޯޓް ހިފެހެއްޓުމަށާއި އޭނާއަށް ރާއްޖެއިން ބޭރަށް ދަތުރުކުރެވޭނެ އިތުރު ލިޔުމެއް އޮތް ނަމަ، އެ ލިޔުމެއްވެސް ހިފެހެއްޓުމަށެވެ. އަދި މާލެއިން ބޭރަށް އެއްވެސް ބޭނުމެއްގައި ދާނަމަ، އެކަން ކޯޓަށް އަންގައި ލިޔުމުން ހުއްދަ ހޯދުމަށްވެސް އަމުރުކޮށްފައިވެއެވެ.