މާލޭގެ ގެސްޓްހައުސެއްގައި މިމަހުގެ 17 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލި މައްސަލައިގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.
އެ މާރާމާރީ ހިންގާފައިވަނީ، މާލޭގެ ހިތްފަސޭހަ ގޯޅީގައި ހުރި ގެސްޓް ހައުސްއެއްގައި މިމަހުގެ 17 ވަނަ ދުވަހުގެ ދަންވަރު 2:38 ހާއިރުއެވެ. އެ ހާދިސާ ހިނގި ސަރަހައްދުން ފުލުހުން ވަނީ 28 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ.
އެ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ފުރަތަމަ ދިނީ ފަސް ދުވަހެވެ. އެ ފަސް ދުވަސް އިއްޔެއަށް ހަމަވާތީ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ތަހުގީގީ މަރުހަލާ އާއި ޝަރީއަތުގެ މަރުހަލާ ނިމެންދެން އޭނާ ބަންދުކުރުމުގެ އަމުރެއް ނެެރެފައެވެ.
ކޯޓު އަމުރުގައިވާ ގޮތުގައި އޭނާއާ ދެކޮޅަށް އެކަށީގެންވާ ވަރަށް ހެކި ވަނީ ލިބިފައެވެ. އޭނާއަކީ އެ މަރާމާރީގައި އަމަލީ ގޮތުން ބައިވެރިވި މީހެއް ކަމަށް ބުނެފައިވެއެވެ.
ގެސްޓްހައުސްގައި ހިންގި މާރާމާރީއަށް ފަހު، އެރޭގެ 3:34 ހާއިރު މާފަންނު ގެއެއްގައިވެސް ވަނީ މީހަކަށް ހަމަލާ ދީފައެވެ. "ވަން" އަށް އެނގިފައިވާ ގޮތުގައި އެއީ ފުރަތަމަ މާރާމާރީގެ ބަދަލު ހިފުމެކެވެ. އެ މައްސަލަވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު