ދިވެހިރާއްޖެއާ ޗާގޮސްގެ މައްސަލައިގައި، އދ. ގެ ކަނޑުގެ ގާނޫނީ ހަމައިން ބަލާނަމަ، 200 ނޯޓިކަލް މޭލު ހޯދަން ދިވެހިރާއްޖެއަށް ވަކާލާތު ކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، ޖުމުހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ގާސިމް އިބްރާހީމް މިހެން ވިދާޅުވި މިއަދު ހެނދުނު ކުރެއްވި ޓުވީޓެއްގައެވެ.
ރާއްޖެއާއި މޮރިޝަސްގެ އިގުތިސޯދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދޭން އެދި ރާއްޖެއާ ދެކޮޅަށް މޮރިޝަސްއިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) އަށް ހުށަހަޅާފައިވާ މައްސަލަ ރާއްޖެއިން ނަގަމުން އައި ސްޓޭންޑް ބަދަލުކޮށް މޮރިޝަސްއާ އެއްކޮޅަށް ވޯޓުދިނުމަށް ނިންމިކަން އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ވަނީ އިއުލާނު ކުރައްވައިފައެވެ.
މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ރިފްއަތު ވިދާޅުވީ އދ. އަށް މޮރިޝަސްއިން ހުށަހަޅާފައިވާ މައްސަލައިގައި އެގައުމާ އެއްކޮޅަށް ވޯޓު ދެއްވާނެ ކަމަށާއި އެގޮތަށް ރާއްޖެއިން ނިންމާފައިވާކަން ހާމަކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދް ޖުގާނަތްއަށް ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށެވެ.
އިޓްލޮސްއަށް މޮރިޝަސްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައިގައި ރާއްޖެއިން ވަކަލާތު ކުރަމުން އައީ އެ މައްސަލަ އިޓްލޮސްއަށް ނުބެލޭނެ ކަމަށެވެ. އެކަމާ ގުޅިގެން އިޓްލޮސް އިން ބުނެފައިވަނީ އެ މައްސަލަ ބެލުމުގެ ބާރު ލިބިގެންވާ ކަމަށެވެ.
މީގެ ކުރިން ބޭއްވި އަޑުއެހުންތަކުގައި ރާއްޖެއިން ވަނީ ސުލްހަވެރިކަމާއެކު މައްސަލަ ހައްލުކުރުމުގެ ގޮތުން މަޝްވަރާކުރަން ތައްޔާރަށް ތިބި ކަމަށް ބުނެފައެވެ.
ގާސިމް ވިދާޅުވީ، ރާއްޖޭގެ ބިން އެކަނި ނޫން ކަމަށާއި، ރާއްޖޭގެ ކަނޑާއި ޖައްވުން ވެސް އެންމެ ކޮޑި އިންޗިއެއްވެސް ގެއްލޭކަށް ނުވަތަ ބަޔަކަށް ދޭކަށް، ގައުމީ ލޭހުރި އެއްވެސް ދިވެއްސަކު ނޭދޭނެ ކަމަށެވެ. ރާއްޖޭގެ ކަނޑުގެ އިން ވަކިކުރިޔަސް، ބައިނަލްއަގުވާމީ ގާނޫން ރާއްޖެއަށް ލިބޭ އެއްވެސް ހައްގެއް، އިމްތިޔާޒެއް އަަދި ނެގެން އޮތް އެޑްވާންޓޭޖެއް ދޫކޮށްލުމަކީ ދިވެހި ރައްޔިތުން ހުއްދަ ނުދޭހާ ހިނދަކު އެކަކަށްވެސް ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.
ގާނޫނު އަސާސީގެ ރޫހަކީވެސް އެއީ ކަމަށާއި ދިވެހިރާއްޖެ ޗާގޮސް ފުށުއަރާ ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައިގައި އޮތް ހަމައެކަނި ހައްލަކީ "އިކުއިޑިސްޓޭންސް" ގެ އުސޫލު ކަމަށް ދެކި، ބަޔަކު ހަމަ އެދޭއިރަށް ފަސޭހަކަމާއެކު، އެގޮތަކަށް ދީލައިލުމަކީ ރާއްޖެއަށް އެންމެ މަސްލަހަތު ހުރި ގޮތްކަމަށް ފެނިވަޑައިނުގަންނަވާ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.
"އެއީ އިންވަކިކުރަން ހުށަހެޅިފައިވަނީ އަންޒަމާނުއްސުރެ އާބާދީގެ ބޮޑުބައެއް ކަނޑުރޯއްޖަށް ބަރޯސާވާ މީހުން ދިރިއުޅޭ ދިވެހިރާއްޖެއާ މިދިޔަ ބައި ގަރުނުވެސް އަސްކަރީ ބަނދަރެއްގެ ގޮތުގައި އަދި މުސްތަގުބަލުގައިވެސް އެފަދަ ގޮތަކަށް އޮތުމުގެ ފުރުސަތު ބޮޑު (އިތުރު 99 އަހަރަށް އެމެރިކާގެ އަސްކަރީ ބަނދަރަކަށް ކުއްޔަށް ދޭން ހުށަހަޅާފައިވާ) ތަނަކާ ދެމެދު އޮތް ސަރަހައްދެއްގެ ކަމަށް ވާތީ." ގާސިމް ގެ ޓުވީޓުގައި ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އެދިވަޑައިގަންނަވަނީ، ދިވެހި ސަރުކާރުން، އަންނާން އޮތް ޖީލުތަކުގެ ތަކުގެ މަސްލަހަތުގެ ހިމާޔަތުގައި، ކުރެވެން އޮތް ހުރިހާ މަސައްކަތެއް ވެސް އިހުލާސްތެރިކަމާއެކު، ކުރާތަން ފެނިވަޑައިގަތުން ކަމަށެވެ. ތިމާގެ އަމިއްލަ މުދަލެކޭ ހިތައި އެހެން ބައެއްގެ މިލްކެއް "ބޮޑުބޭބެ" ގެ އެދުމަކަށް ދޫކޮށްނުލާކަން ސާބިތުވުން އެދިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.
މީގެ ކުރިން ރާއްޖެއިން ގަބޫލުކުރަމުން އައީ ޗާގޮސްގެ މައްސަލައަކީ ރާއްޖެއާ ބެހޭ މައްސަލައެއް ނޫން ކަމަށެވެ. އަދި ރާއްޖެއިން ގަބޫލުކުރީ އެއީ އިނގިރޭސިވިލާތާއި މޮރިޝަސް ދެމެދުގައި އޮތް މައްސަލައެއް ކަމަށެވެ.
ރާއްޖެއިން 2010 ވަނަ އަހަރު "ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް"އަށް ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފްގެ ސަރަހައްދު ކަނޑައަޅައިދޭން އެދުމުން މޮރިޝަސް އިން ވަނީ އެކަމަށް އިއުތިރާޒުކޮށް، އެކަން އދ. ގެ ސެކްރެޓަރީ ޖެނެރަލަށް ހުށަހަޅައިފައެވެ. މިއީ ރާއްޖެ މި މައްސަލައިގެ ތެރެއަށް ތަނާޒުލްވާން ޖެހުނު ސަބަބެވެ.
ރާއްޖެއިން ހުށަހެޅި މައްސަލައަށް މޮރިޝަސްއިން އިއުތިރާޒު ކުރީ ރާއްޖޭގެ ހުށަހެޅުމުގައި ޗާގޮޒްގެ ހާއްސަ އިގުތިސޯދީ ސަރަހައްދު ފާހަގަކޮށްފައި ނުވާތީ އާއި ރާއްޖެއިން ހުށަހެޅި ސަރަހައްދާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ ފުށުއަރާ ކަމަށް ބުނެއެވެ. އެއަށްފަހު އައްޑު އަތޮޅާއި ޗާގޯޒްއާ ދެމެދުގައިވާ ކަނޑުގެ ސަރަހައްދާ މެދު ދެ ގައުމުގެ ދެމެދުގައި ވަކި ގޮތަކަށް އެއްބަސްވުމަކަށް އައުމަށް މޮރިޝަސް އިން ވަނީ ރާއްޖެއަށް ގޮވާލައިފައެވެ.
ދެހާސް ނަވާރަ ވަނަ އަހަރު އދ. ގެ އާންމު މަޖިލީހުން ވަނީ ޗާގޮޒް އައިލެންޑްސް، މޮރިޝަސްގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅަން ފާސްކޮށްފައެވެ. ރާއްޖެއިން އެފަހަރު ވޯޓުދިނީ ޗާގޮސް، އިނގިރޭސިވިލާތުގެ ތަނެއްގެ ގޮތުގައި އޮތް އޮތުން ދަމަހައްޓާށެވެ. ރާއްޖެއިން އެގޮތަށް ވޯޓުދިނީ މޮރިޝަސް އިން ރާއްޖެއާ ދެކޮޅަށް ހުށަހަޅައިގެން އުޅޭ މައްސަލައިގައި ރާއްޖޭން ކަނޑުގެ ސަރަހައްދެއް ރާއްޖެއަށް ގެއްލިދާނެތީއެވެ.